މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާނަމަ ބަލީގެ އާ ވޭރިއަންޓެއް އުފެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާ ދޭ "ޓެގް" ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގައި ބައްދަލުވުމުގައި، ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވޭތުވެދިޔަ ދެ ހަފުތާގައިވެސް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ ހަފުތާގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 14 ޕަސެންޓަށްވުރެ މަތީގައި ކަމަށާއި އެހެންކަމުން މާލޭގައި ކޮވިޑްގެ ބޮޑު އައުޓްބުރޭކެއް އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
"މާލޭގެ ކޭސްތައް މިހާ ވަރަށް އިތުރުވެފައިވާ އިރު އަޅުގަނޑުމެން ވިސްނަން ޖެހޭނެ ވެކްސިނުން އެހާ ރަނގަޅަށް ނުގުނޑާ ވަރުގެ ވޭރިއަންޓެއް އައުމުގެ ފުރުސަތު އޮވެދާނެކަން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑްގެ އާ ވޭރިއަންޓް އުފެދެނީ ވައިރަސް މިއުޓޭޓްވެ ނުވަތަ ވައިރަހުގެ އަސްލަށް ބަދަލު އައިސް އޭގެ ސަބަބުން ވައިރަސް މަސައްކަތްކުރާ ނިސްބަތަށް ބަދަލު އައިސްގެންނެވެ. އާ ވޭރިއަންޓް އުފެދުމުގައި މިއުޓޭޓް ވުމުގެ ސަބަބުން ބައެއްފަހަރު ވައިރަސްގެ ބާރު ދަށް ވެދާނެ އެވެ. އަދި ބައެއްފަހަރު ވޭރިއަންޓްގެ ސަބަބުން ވައިރަހުގެ ބާރު ގަދަވެ ފެތުރޭ ނިސްބަތް ހަލުވިވެސް ވެދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު