މާލޭގައި ކޮވިޑުގެ ބޮޑު އައުޓް ބްރޭކެއް އެބަ އޮތް ކަމަށް ކޮވިޑާ ގުޅޭ ކަންކަމުގައި ލަފާ ދޭ ”ޓެގް“ ޓީމުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މާލޭގެ ފުލޫ ޕޮޒިޓީވިޓީ ރޭޓް އަދި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ މަހުގެ ފުރަތަމަ ހަފުތާގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ތިން ޕަސެންޓުގައި ހުރި އިރު، ދެ ވަނަ ހަފުތާގައި އެ އަދަދު ހަޔަކަށް އަރާފައިވާ ކަމަށާއި އަދި އޭގެ ފަހުން ހަ ވަނަ ހަފުތާއާ ހަމައަށް އެ ރޭޓު ހުރީ ފަސް ޕަސެންޓާއި ހަތް ޕަސެންޓާ ދެމެދުގައި ކަމަށް ވިދާޅުވިއެވެ.
"ނަމަވެސް 21 އޭޕްރީލް އިން ފެށިގެން 27 އޭޕްރީލް އަށް ސާމްޕަލް ޕޮޒިޓިވިޓީ ދިހަ ޕަސަންޓަށް އިތުރުވެފައި. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސަންޓަށް ވުރެ ދަށުގައި ބެހެއްޓުމަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސާމްޕަލް ޕޮޒިޓިވިޓީ ރޭޓުގެ އިތުރުން ފުލޫ ޕޮޒިޓިވިޓީވެސް އިތުރުވެފައިވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، މިމަހުގެ ދެވަނަ ހަފުތާ އާއި ތިން ވަނަ ހަފުތާގައި ފްލޫ ޕޮޒިޓިވިޓީ ރޭޓް ހުރީ ފަސް ޕަސެންޓުގައި ކަމަށާއި ނަމަވެސް މިދިޔަ ހަފުތާގައި އެ ރޭޓު 14 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ.
"21 އޭޕްރީލް އިން 27 އޭޕްރީލްއަށް ފުލޫ ޕޮޒިޓިވިޓީ މިވަނީ 21 ޕަސަންޓަށް އަރާފައި. އެހެންކަމުން ފާއިތުވި ދެ ހަފްތާގައިވެސް މާލޭގައި ފުލޫ ޕޮޒިޓިވިޓީ މިހުރީ ވަރަށް މަތީގައި. އޭގެ މާނައަކީ މާލޭގައި ވަރަށް ބޮޑު އައުޓްބްރޭކެއް އެބައުޅެއޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެނދުމަތި ކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަަދަދު މަދުވަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު