ކުޅިވަރު

ޕީއެސްޖީ ދަނޑުގައި މޮޅުވެ، ސިޓީން ފުރަތަމަ ފައިނަލާ ގާތަށް

މުޙައްމަދު ޝަމްޢޫން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީ ބަލިކޮށް، މެންޗެސްޓާ ސިޓީން ކްލަބު ތާރީހުގައި ފުރަތަމަ ފަހަރަށް ފައިނަލަށް ދިޔުމަށް އުންމީދު ބޮޑު ކޮށްފިއެވެ.

ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗު، ސިޓީން ފަހަތުން އަރައި ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ސިޓީގެ ތާރީހުގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފައި ނުވާއިރު، ސިޓީން ދެން ކުރަން ޖެހޭނެ ކަމަކީ ހޯމް މެޗުގައި ހިތްވަރު ކޮށްލުމެވެ. އަންނަ ހަފުތާގައި ސިޓީ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ނޫނީ 1-0 އިން ޕީއެސްޖީ މޮޅުވިޔަސް ފައިނަލުގެ ޖާގަ ލިބޭނީ ސިޓީ އަށެވެ. މެޗު އިތުރު ވަގުތު ކުޅެން ޖެހޭނީ 2-1 އިން ޕީއެސްޖީ މޮޅުވެގެންނެވެ. އެއަށް ވުރެ ބޮޑު ސްކޯ އަކުން ޕީއެސްޖީ މޮޅުވެއްޖެ ނަމަ އަނެއްކާވެސް ސިޓީގެ އުންމީދުތައް ފެނަށް ދިޔައީއެވެ.

ބާސެލޯނާއާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ކޯޗު ޕެޕް ގާޑިއޯލާއާއެކު މިހާތަނަށް ސިޓީން ޗެމްޕިއަންސް ލީގު ސެމީ ފައިނަލަކަށް ފުރަތަމަ ފަހަރު ނުކުމެފައިވާއިރު، މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓް ދިޔައީ ސިޓީން އުންމީދު ކުރި ގޮތާ ހިލާފަށެވެ. 15 ވަނަ މިނިޓްގައި އެންހެލް ޑި މާރިއާ ތަނަވަސްކޮށްދިން ފުރުސަތަކުން މާކީނިއޯސް ބޮލުން ޖެހި ބޯޅައަކުން ޕީއެސްޖީން ލީޑު ނަގާފައިވާއިރު، ޕީއެސްޖީ ދިޔައީ އެޓޭކަކަށްފަހު އެޓޭކެއް އުފައްދަމުންނެވެ.

ފުރަތަމަ ހާފް ޕީއެސްޖީން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް ދެވަނަ ހާފްގައި ފެނުނީ މުޅިން ތަފާތު ސިޓީއެކެވެ. ކުރިއަށް ޖެހި ޕީއެސްޖީގެ މެދު ތެރެ ރޫޅާލައި، ކެވިން ޑިބްރޭނާގެ ފެންވަރުވެސް ފެންނަން ފެށިއެވެ. ކަނާތް ފަޅިން ފަހަތަށް ކުޅޭ ކައިލް ވޯކާގެ ނުރައްކާތެރިކަން ފާހަގަވެގެން ގޮސްފައިވާއިރު، 64 ވަނަ މިނެޓް ނަތީޖާ ހަމަހަމަ ކުރިއެވެ.

އޭރިއާބޭރުން ޑިބްރޭނާ ހުރަސްކުރަން އޭރިއާތެރެއަށް ފޮނުވާލި ބޯޅަ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވިސްނައިގެން ހުރީ އެ ބޯޅަ ގޯލަށް ފޮނުވާލަން ކުޅުންތެރިއަކު އަރާނެ ކަމަށެވެ. އެކަމަކު ގޯލަށް ބޯޅަ ވަނީ އެ ހުއްޓުވަން އެރި ޕީއެސްޖީ ޑިފެންޑަރަކަށް ވެސް ނުލިބި އޮޅުމެއްގެ ތެރެއިންނެވެ.

ސިޓީން އެއްވަރުކުރިތާ ހަތް މިނިޓް ފަހުން ވަނީ ދެ ވަނަ ގޯލެއް ވެސް ޖަހައިފައެވެ. ހިލޭ ޖެހުމަކުން ރިޔާދު މާރޭޒް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ދިފާއީ ފާރު ތެރެއިން ގޮހެވެ.

ޕީއެސްޖީ މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 77 ވަނަ މިނިޓްގައި ޕީއެސްޖީގެ އިދްރީސާ ގާނާ ގޭ ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފައެވެ.