ކޯސްޓްގާޑް

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓުތަކުގެ މައްސަލަ ތަހުގީގު ކުރަނީ

އިބްރާހިމް ޒަކީ

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ގަވާއިދާ ހިލާފަަށް މަސްވެރިކަން ކުރަމުން ދަނިކޮށް، އިއްޔެ އަތުލައިގަތް ބޭރުގެ މަސްބޯޓުތަކުގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް ނާޒިމު ވިދާޅުވީ، އެމްއެންޑީއެފް ކޯސްޓް ގާޑު ޝިޕް ހުރަވީން ކުރަމުންދިޔަ ޕެޓްރޯލް ދަތުރެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި ވަނީ ފަސް ބޯޓު ކަމަށާއި، އެ ބޯޓުތައް ކޯސްޓް ގާޑު ހުރަވީގެ ބެލުމުގެ ދަށަށް ގެނައީ އިއްޔެ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.

އެއިން ކޮންމެ ބޯޓެއްގައި ހަ މީހުން ތިބި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.

މ. އަތޮޅާއި ވ. އަތޮޅާ ދިމާލުން އިރުން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ 30 ނޯޓިކަލް މޭލު އެތެރެއިން އަތުލައިގެންފައިވާ މި ބޯޓުތައް ކޯސްޓް ގާޑު ހުރަވީގެ ބެލުމުގެ ދަށުން މާލެ ގެނައުމަށް ދަތުރު ފަށާފައިވާ ކަމަށްވެސް ނާޒިމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެތަކެއްޗަށް މާލެ އާދެވޭނެކަމަށް ލަފާ ކުރެވެނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. މި ބޯޓުތައް މަސްވެރިކަން ކުރަމުން ދިޔައީ ވަކި ދުރުމިނެއް ބަހައްޓައިގެން ކަމަށްވެސް ވިދާޅުވިއެވެ.