ވ. އަތޮޅުގައި ހިނގި ޑައިވިން ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި ހާލު ދެރަވެ އޭޑީކޭގައި ފަރުވާދެމުންދަނިކޮށް ސިފައިންގެ ބޭކަލަކު މަރުވުމަކީ، ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ހަބަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ އޮފިސަރެއް ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ޑީކޯވެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.
މަހުދީ މަރުވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ޑައިވަރަކު މަރުވުމަކީ އެ މަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.
"މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ހަބަރެއް. މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާކޮށް، އެ އާއިލާއަށާއި އެމްއެންޑީއެފަށް ތައުޒިޔާ ދަންނަވަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ޑިއުޓީގަައި މަގާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ހާލަތެއް މެދުވެރިވެ މަރުވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުހޫމް މުހައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަހުމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލެެހެއްޓެވުން އެދި ދުއާވެސް ކުރައްވައިފައެވެ.
ރައީސް ވަނީ އިއްޔެގެ ވަގުތެއްގައި މިއަދު މަރުވި މަހުދީ ހިމެނޭހެން އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމާ ވެސް ބައްދަލުކުރައްވައިފައެވެ.
ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބުނީ މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު 13:45 ހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފްއިން ވަނީ ފަށައިފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިން އަށް ދިޔަ އިޓަލީގެ ޑައިވިން އިންސްޓްރަކްޓަރަކާއި، ހަތަރު ޑައިވަރުންނެވެ. އޭގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ.
މި ހާދިސާއާ ގުޅިގެން ޑައިވަރުން ދަތުރުކުރި އުޅަނދުގެ ލައިސަންސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހިފަހައްޓައިފައެވެ.
ގެއްލުނު ޑައިވަރުން ހޯދުމަށްޓަކައި ސިފައިން އަންނަނީ ހައި ރިސްކް އޮޕަރޭޝަނެއް ހިންގަމުންނެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު