ލައިފް ސްޓައިލް

ފިނިބުރު: ރޯދަމަހާއި ރެސްޓޯރަންޓްތަކުގެ ރޯދަވީއްލުންތައް

މިއަހަރުގެ ރޯދަމަސް ކޮވިޑާއެކު އަހަރެމެންނާ ބައްދަލުކޮށްފައިވީ ނަމަވެސް މިދިޔަ އަހަރާއި ހިލާފަށް މާލެ މިވަނީ ފުރަބަންދަކު ނޫނެވެ. މި އަހަރުގެ ރޯދަ މަހު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބާޒާރު ތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާލާފައި އޮތުމުން އެތަންތަނަށް ދާ މީހުން ގިނަ ކަމެވެ.

މިއީ ހަމަ ޔަގީނުންވެސް މިދިޔަ އަހަރުގެ ރޯދަމަހުގައި ފެނިގެން ދިޔަ މަންޒަރެއް ނޫނެވެ. އޮތް ފުރުސަތެއް ނޫނެވެ. މާލޭ ސަރަހައްދު ލޮކްޑައުންގައި އޮތުމުން އެންމެން ތިބެން ޖެހުނީ ގޭބަންދުގަ އެވެ.

ރެސްޓޯރަންޓުތަކާއި ކެފޭތަކުން މީހުން ހިދުމަތް ހޯދާ މިންވަރު މިހާރު މިވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އެގޮތުން މިރޯދަމަހާ ދިމާކޮށް ރެސްޓޯރަންޓުތަކުން ވަނީ ރޯދަވީއްލާ މެނޫ ތަކާއި ތަރާވީސްމެނޫތައް އިޝްތިހާރުކުރަން ފަށާފައެވެ.

އޮފީސް ރޯދަވީއްލުންތަކުން ފެށިގެން އާއިލީ ބޮޑެތި ރޯދަވީއްލުންތައް ހިތްފަސޭހަ މާހައުލެއްގައި ބާއްވައިލުމަށް ރެސްޓޯރަންޓުތަކަށް ބަރޯސާވާ މިންވަރު މިވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.

ރެސްޓޯރަންޓުގެ ރޯދަވީއްލުންތަކަށް ލިބޭ ރިކުއެސްޓުތަކުގެ ޑިމާންޑް ކިހިނެއްތޯ އަހާލުމުން ސޯލައިޓް ރެސްޓޯރަންޓުން ބުނެފައިވަނީ ފުރަތަމަ ހަފުތާގައި ތަންކޮޅެއް މަދު ނަމަވެސް ދެވަނަ ހަފުތާއިން ފެށިގެން އަންނަނީ ފުލްވަމުން ކަމަށެވެ. އެގޮތުން އެ ރެސްޓޯރަންޓުގެ ރޫފްޓޮޕްގެ އިތުރުން ތިން ހޯލްވެސް ބައެއް ދުވަސް ދުވަހަށް ފުލްކޮށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށް އެފަރާތުން ބުނެފައި ވެއެވެ.

ރެސްޓޯރަންޓްތަކުގެ ރޯދަވީއްލުމާ ތަރާވީސްތައް ބާރުބޮޑުކޮށް ދާ ނަމަވެސް، ގިނަ ތަންތަނުގެ މެނޫގެ އަގުތައް ތިރި ނޫންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރޯދަވީއްލާ މެނޫގެ އެންމެ އާދައިގެ އަގުތައް 150ރ އިން މަތީގައި އުޅޭއިރު ބައެއް ތަންތަނުގެ އަގުތައް އުޅެނީ 250ރ އާއި 300ރ ގެ ދެމެދުގަ އާއި އަދި އެއަށްވުރެވެސް މަތީ އަގުތަކެއްގައި ކަން ފާހަގަ ކުރެވެއެވެ.

އަގުތައް މަތިވުމުގެ ޝަކުވާ އާއްމުންގެ މެދުގައި ކޮންމެވެސް ވަރަކަށް ހުރިނަމަވެސް އެތަންތަނަށް އޮންނަ ޑިމާންޑު ކުޑަ ވެފައި ނުވާ ކަމީ ފަހަރުގައި މިދިޔަ އަހަރުގެ ރޯދަމަހު ގެއްލުނު ގުރޫޕު ރޯދަވީއްލުންތައް ފޫބެއްދުމަށް މީހުން ބޭނުންވެފައި ތިބި މިންވަރު ދައްކައިދޭ ކަމެކެވެ. އަދި ރެސްޓޯރަންޓުތަކުގެ އަގުތައް އުފުލިފައިވުމަކީ މިދިޔަ އަހަރުގެ ގެއްލުން ފޫބެއްދުމަށް ކެފޭ، ރެސްޓޯރަންޓުތަކުން ބޭނުން ކުރާ އުކުޅަކަށް ވުމަކީ ވެސް އެކަށީގެން ވާ ކަމެކެވެ.

ކޮންމެއަކަސް ކޮވިޑު އަދިވެސް އޮތީ ދިވެހިންނާއެކުގައެވެ. ކޭސްތައް ދަނީ މަތިވަމުންނެވެ. ފުރަބަންދަކަށް ދާން ޖެހޭނީ ނުވަތަ ބޭރުތެރޭ އުޅެން ޖެހޭ ވަގުތު އެޗްޕީއޭއިން ކުޑަކުރާނީ މާދަން ނޫންކަމެއް ނޭނގެއެވެ. އެހެންކަމުން މިވަގުތުގެ ފައިދާ ވިޔަފާރި ކުރާ ފަރާތްތަކުންނާއި ވިޔަފާރި ލިބިގަންނަ ފަރާތުން މިދަނީ ވީ އެންމެ ބޮޑަކަށް ބޭނުންކުރަމުންކަން ފާހަގަކޮށްލެވެއެވެ. މުހިންމީ ކޮންމެ ކަމެއްގައި މި ދުވަސްވަރުގެ ހާލަތަށް ދަނެގެން އުޅުމެވެ.