ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕް ބޯލް މުބާރާތުގެ އޮފީސް ޑިވިޝަންގެ ސެމީ ފައިނަލްގެ ފަހު ޖާގަތައް ރައްޔިތުން މަޖިލީހާއި ކަސްޓަމްސް ހޯދައިފިއެވެ.

ރޯދަ މަހަށް ހާއްސަކޮށް ވަރަށް ފުޅާކޮށް ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގައި ތިން މުބާރާތެއް ކުޅޭ ގޮތަށް ކްރިކެޓް ބޯޑުން ވަނީ ތާވަލުކޮށްފައެވެ. އެއީ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މެދުގައި ކުރިއަށް ގެންދާ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ.

ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށްދާ މުބާރާތްތަކުގުގެ ތެރެއިން އޮފީސް މުބާރާތުގައި ވާދަކުރަނީ ހަ ޓީމެވެ. އިއްޔެގެ މެޗުތަކަށް ނުކުތް އިރު ސެމީ ފައިނަލުގައި ބާކީ އޮތީ ދެ ޖާގައެވެ. ގުރޫޕު ސްޓޭޖުގައި ކުޅެވުނު މެޗުތަކުން ޔޫތު މިނިސްޓްރީ އާއި ކްލަބު އިމިގްރޭޝަންސް ސެމީ ޔަގީން ކޮށްފައިއޮތް އިރު، އިއްޔެ ހަވީރު ކުޅުނު ދެ މެޗުން ސެމީގެ ހަތަރު ޓީމު ވަނީ ޔަގީންވެފައެވެ.

މުބާރާތުގެ ސެމީއަށް ކަސްޓަމްސް ދަތުރު ކުރީ ގުރޫޕު އޭގެ ދެވަނަ ހޯދައިގެންނެވެ. އިއްޔެ މީރާއާ ދެކޮޅަށް ކަސްޓަމްސް އިން ކުޅުނު މެޗުގެ ގުރު ދިމާވުމުން މީރާ ކުޅެން އަރައި އަށް އޯވަރު ހަމަވި އިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 98 ލަނޑެވެ. ޖަވާބުގައި ކަސްޓަމްސް ކުޅެން އަރައި ހަވަނަ އޯވަރުގައި ދެ ކުޅުންތެރިން ނުބައިނުވެ 104 ލަނޑު ހަދާ މެޗު ކާމިޔާބު ކުރިއެވެ.

ގުރޫޕު ބީގެ ދެވަނަ ޓީމުގެ ގޮތުގައި މަޖިލިސް ސެމީއަށް ގޮސްފައިވާ އިރު، އިއްޔެގެ މެޗުގައި މަޖިލީހުން ވަނީ އެމްއެމްއޭ އަތުން 58 ލަނޑުން މޮޅުވެފައެވެ. މެޗުގެ ގުރު ދިމާވުމުން މަޖިލިސް ކުޅެން އަރައި އަށް އޯވަރު ހަމަވި އިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 113 ލަނޑު ހަދައިފައެވެ. ޖަވާބުގައި އެމްއެމްއޭ ކުޅެން އަރައި އަށް އޯވަރު ހަމަވި އިރު ހެދިފައި ވަނީ 55 ލަނޑެވެ.

މުބާރާތުގެ ފައިނަލު މެޗު އަންނަ ބުރާސްފަތި ދުވަހު ކުޅޭ އިރު، މިއަދު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޔޫތު މިނިސްޓްރީ އާއި މަޖިލީހެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކަސްޓަމްސް އާއި އިމިގްރޭޝަނެވެ.