ސަރުކާރުން ކުންފުނި ހަދައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަރައި ގަތުމަކީ އެއްގޮތަކަށްވެސް ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި އަހުމަދު ޒާހިރު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ.

ނަމަވެސް އެކަން ކުރެވޭނީ އިހުލާސްތެރިކަމާ އެކީ ކަންތައް ކޮށްގެން ކަމަށާއި، ގާނޫނުގައި ކިތަންމެ ވަރަކަށް ކަންކަން ލިޔުނު ނަމަވެސް، ކަން ކުރަން ތިބޭ މީހުންގެ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ކަންކަން ނުކުރާތީ އެވާހަތައް ދައްކަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ، ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ސަރުކާރުން ކުންފުނި ހަދައިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަރައި ގަންނަމުންދާ ކަމަށެވެ.

އެގޮތަށް އެގްރޯ ކުންފުނި ހަދައިގެން ދަނޑުވެރިންގެ ވިޔަފާރިތަކަށް އަރައިގަނެގެން އެމީހުން ކުރާ މަސައްކަތްތަކުގެ ތެރެއަށް ވަންނަމުންދާ ކަމަށާއި އެގޮތަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.