ދިރާސީ އަހަރުގެ ކަލަންޑަރުގައި ސްކޫލްތަކުގެ ޗުއްޓީ ހަމަޖެހިފައިވާ ގޮތާއި، މަޖިލިސް ޗުއްޓީ ވީހާވެސް ބޮޑަށް ދިމާވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު މިހާރު ބެހިފައިވާ ގޮތަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.
އެގޮތަށް މަޖިލީހުގެ ދައުރު ބަދަލު ކުރުމަށް ކޮމިޓީން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރާއި ތިންވަނަ ނަންބަރަށް ބަދަލު ގެނެސްގެންނެވެ.
ކޮމިޓީން ފާސްކޮށްފައިވަނީ، މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކަމަށާއި، މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ހިމެނުމަށެވެ.
މަޖިލިސް ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގައި މިހާރު އޮންނަނީ މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ. ތިންވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.
މަޖިލީހުގެ ގަވާއިދަށް އެ ބަދަލު ގެނައުމަށް ކޮމިޓީން ފާސްކުރި ރިޕޯޓުގައި ބުނެފައި ވަނީ، ދިރާސީ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓް މަހަށް ބަދަލު ކުރުމުން، ދިރާސީ އަހަރުގެ ކިޔެވުން ނިމިގެން ދަރިވަރުންނަށް ޗުއްޓީ ލިބެނީ އަހަރުގެ ޖުލައި އަދި އޯގަސްޓް މަހު ކަމަށްވާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިހާރު އޮތް ގޮތުން ދިރާސީ އަހަރުގެ ޗުއްޓީ އާއި މަޖިލީހުގެ ޗުއްޓީ ދިމާ ނުވާ ކަމަށް ކޮމިޓީއަށް ފާހަގަވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައުމުން ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި މަސައްކަތް ކުރާ ދުވަސްތައް މަދުވި ނަމަވެސް ތިން ވަނަ ދައުރުގައި މަސައްކަތް ކުރާ ދުވަތަސްތައް އިތުރުވެގެންދާނެ ކަމަށާއި އަދި ޖުމުލަކޮށް މުޅި އަހަރު މަޖިލީހުގައި މަސައްކަތް ކުރާ ދުވަސްތަކުގެ އަދަދަށް އެއްވެސް ބަދަލެއް ނާނާނެ، ކަމަށްވެސް ކޮމެޓީން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް