ޚަބަރު

މަޖިލިސް ތެރެއިން ވެސް ބަރުލަމާނީ ނިޒާމަށް ކުރި ނުލިބޭނެ: ރީކޯ މޫސަ

މުއާވިޔަތު އަންވަރު

ރައްޔިތުންގެ މަޖިލީހުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނެގި ނަމަވެސް ބަރުލަމާނީ ނިޒާމަށް މެންބަރުންގެ އަޣުލަބިއްޔަތު ނުލިބޭނެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ވަން މީޑިއާ އިން އަލަށް ގެނައިސްދޭން ފެށި "ވަން ޓު ވަން"ގެ ފުރަތަމަ މެހެމޭނެއްގެ ގޮތުގައި ރީކޯ މޫސާ މަނިކުގެ އިންޓަވިއު މިރޭ ގެނެސްދީފައިވާ އިރު، އޭނާ ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހު އޮތް ގޮތާއި ކުރިއަށް ލަފާކުރެވޭ ބައެއް ވާހަކަތައް ހިއްސާކުރައްވައިފައެވެ.

އެގޮތުން މިހާރު ސިޔާސީ މަޝްރަހުގައި އެންމެ ފޯރިއާއެކު ދެކެވޭ އެއް ވާހަކަ ކަމުގައިވާ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފައި ނަންގަވައިގެން ހުންނެވުމުން މޫސަ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި މޫސަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އަމިއްލައަށް ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށާއި އެހާ ހިސާބަށް ކަންތައް ގޮސްފިނަމަ ރައްޔިތުން އެތަނަށް ވަންނާނެ ކަމަށެވެ.

އަމިއްލައަށް ގާނޫނު އަސާސީއަށް އެވަރުގެ ބޮޑު ބަދަލެއް ނުގެނެވޭނެކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، އެ ބަހުސް ފުރަތަމަ ފެށުމަށް ވެސް މަޖިލީހުގެ 2/3 ބައި ވޯޓު ބޭނުންވާނެ ކަމަށެވެ.

"މަޖިލީހުގެ ތެރެއިން 2/3 މެޖޯރިޓީއެއް ބަރުލަމާނީއަށް ގެންދާކަށް ނުލިބޭނެ. ވަރަށް ޔަގީންކަމާއެކު މި ދަންނަވަނީ ނޯޓު ކުރައްވާ، ނުލިބޭނެ. އައްސަވާ، ވޯޓަކަށް ލާހިކެއް ނޫން ހޯއްދަވާކަށެއް،" މޫސަ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއިދުކުރައްވާނީ ރައީސް ނަޝީދުގެ އަރިސް ބައެއް މެންބަރުން ކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، މަޝްރަހު މިހާރު ހުރި ގޮތުން އިދިކޮޅުގެ ބައެއް މެންބަރުން ވެސް ރައީސް ނަޝީދުއާ ބައިއަތު ހިފައިފާނެ ކަމަށް ބެލެވޭ ކަމަށެވެ. ކަން އެހެން ދިމާވި ނަމަވެސް މަޖިލީހުގެ ތިންބައިކުޅަ ދެ ބައި ވޯޓު އެކަމަށް ނުލުބޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"އާޚިރުގައި މިގޮތަށް މި ތެޅުމާއެކު ގޮސްފިއްޔާ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ގެއްލޭނެ. އަދި ވަރަށް ޗާންސް ބޮޑު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ލިބުމުގެ،"

ސަބަބެއް ކަމަށް ރީކޯ ވިދާޅުވީ، މިހާރު އޮތް ގޮތުން ނަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތުމުން އެ އިންތިހާބު ކާމިޔާބުކުރެއްވުމަށް މާބޮޑު ތަކުލީފަކާ ކުރިމަތިލައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަސްލު އެހެން ވެގެން މިހާރު މި އުޅެނީ. ރައީސް ނަޝީދަށް ފާޅުގައި ގައުމީ މަޖިލީހުގައި ބުނެވޭކަށް ނެތް ޕްރައިމަރީއަށް ދާންޖެހޭނެއޭ. އެމްޑީޕީން އެބައޮތް އުސޫލެއް ކަނޑައަޅާފައި. 2013 ގައި އެމްޑީޕީން އޮންނާނެ ގަރާރެއް ފާސްކޮށްފައި މިހާރު ވެރިކަމުގައި ހުރި މީހާ އަނެއްކާވެސް އިތުރު ދައުރަކަށް ދާން ޗާންސް ދޭ ގޮތަށް،" މޫސަ ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކިތަންމެ ގާތް ދެ އެކުވެރިން ނަމަވެސް ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި އެކައްޗެއް ނުކިއުއްވާކަން މޫސަ ފާހަގަކުރެއްވިއެވެ. އަދި ރައީސް ސޯލިހު އެގޮތަށް ވެރިކަން ގުރުބާން ނުކުރައްވާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އެހާ ހިސާބަށް ކަންތައް ގޮސްފި ނަމަ، އެމްޑީޕީގެ މައިގަނޑު ވޯޓާ ބޭސް އާއި ގައުމީ މަޖިލީހުގެ މެޖޯރިޓީ ވެސް ރައީސް ސޯލިހު ނަންގަވާނެކަން މޫސަ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ މެންބަރުން ވެސް ތާއިދުކުރައްވަނީ ރައީސް ސޯލިހަށް ކަމަށެވެ.

"ކުރިއަށް މި ހޮވޭ ގައުމީ މަޖިލީހުގެ ކްލިއާ މެޖޯރިޓީ ވެސް ރައީސް ސޯލިހު ނަންގަވާނެ،" މޫސަ ވިދާޅުވިއެވެ.