ރާއްޖޭގެ އިގުތިސޯދު މިހާރު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައި ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލާއި ލަންކާއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ސިއްހީ އަދި އިގުތިސޯދީ ހާލަތުން އަރައިގަތުމާ ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ފާރިޝް ރާއްޖެއަށް ކުރެއްވި ދަތުރު ނިންމަވާލެއްވީ މިއަދުއެވެ. ރާއްޖެއަށް ކުރެއްވި ދަތުރަށް ފަހު ފާރިޝް ވިދާޅުވީ، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބާރަށް ކުރިއަރަމުން އަންނަ ކަމަށެވެ.

"މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ބާރަށް ކުރިއަރަމުން. އަދި ރާއްޖޭގެ އިގުތިސޯދު މިހާރު އޮތީ ކުރިން އޮތް ހާތަލަށް ރުޖޫއަވުމުގެ މަގުމަތީގައި،" ފާރިޝް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މާލީ ހާލަތާއި ދަރަނި ބެލެހެއްޓުން މެނޭޖުކޮށް، ކުރިއަށްވުރެ ތިމާވެއްޓާ ރަށްޓެހި އަދި ކުރިމަތިވެދާނެ ކާރިސާތަކަށް ބޮޑަށް ތައްޔާރުވެގެން ރާއްޖެއަށް އިތުރު ތަރައްގީ ގެނެވޭނެ ކަމަށެވެ.

ފާރިޝް ރާއްޖެއަށް ދަތުރު ކުރައްވާފައިވަނީ، މި މަހުގެ 15 ވަނަ ދުވަހު ޝާއިއުކޮށްފައިވާ "ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން" ރިޕޯޓް ނެރުމަށް ފަހުއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައުމުން ރާއްޖޭގެ އިގުތިސޯދު ވަނީ ގާތްގަނޑަކަށް 30 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް ބޯޑަރު ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށުމުން ރާއްޖޭގެ އިގުތިސޯދު ވަނީ ކުރިއަރަން ފަށައިފައެވެ. ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިގުތިސޯދު މިއަހަރު 17.1 އިންސައްތަ ކުރިއަރާނެއެވެ.

ކޮވިޑާ ގުޅިގެން ވޯލްޑް ބޭންކުން ރާއްޖެއަށް ވަނީ 182 މިލިއަން ޑޮލަރުގެ އެހީ ދީފައެވެ.