ފަހުގެ ތާރީހެއްގައި ރ. މަޑުއްވަރީގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތް، ބްލޫ ޕްރިންޓް ހަބް ފުޓްސަލް ފިއެސްޓާއަށް ޓީމުތައް ތައްޔާރުވެ، ގުރުއަތުލުން ބާއްވައިފިއެވެ.

މުބާރާތުގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، މުބާރާތުގެ މެޗުތައް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ މެޗުތައް ރޭގަނޑު ކުޅުމަށް ހަމަޖެހިފައިވާ އިރު، އިންތިޒާމު ކުރާ ބްލޫ ޕްރިންޓް ހަބުން ބުނެފައި ވަނީ މުބާރާތް ވެގެންދާނީ މިހާތަނަށް މަޑުއްވަރީގައި ބޭއްވޭ އެންމެ އިންތިޒާމުތައް ރަނގަޅު މުބާރާތަށް ކަމަށެވެ. އަދި އެކިއެކި ގޮތްގޮތުން ގިނަ ފަރާތްތަކެއް ޕާޓްނަރުންގެ ގޮތުގައި ހަރަކާތްތެރިވުމަކީ އެކަމަށް ފުރުސަތު ފަހިވެގެންދާ ސަބަބު ކަމަށްވެސް އިންތިޒާމު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައިވާ އިރު، ގުރޫޕު ސްޓޭޖުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރޭގައެވެ. ފައިނަލް މެޗު އަންނަ މަހުގެ 13 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގެ ޗެމްޕިއަން ޓީމުގެ އިތުރުން ރަނަރަޕް ޓީމަށްވެސް ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.

ގުރޫޕު އޭ: އެފްސީ ޔުނައިޓެޑް، އެފްސީ ރުއްގަނޑު، ހޯރަ ކަންމަތި، ބީބީ ނިއު ޖެނެރޭޝަން

ގުރޫޕު ބީ: ވިދާ ބަބުޅާ، ޓީމު ވާލު، އެފްސީ ލައިކަންސް، އެފްސީ ކޮންފިޑެންސް

މުބާރާތުގެ ގުރޫޕު ސްޓޭޖު މެޗުތަކަށްފަހު ކުޅެން ހަމަޖެހިފައި ވަނީ ސެމީ ފައިނަލް މެޗުތަކެވެ. ކޮންމެ ގުރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަ ކުރާނީ ގުރޫޕު އޭގެ އެއްވަނަ ޓީމާއި ގުރޫޕު ބީގެ ދެވަނަ ޓީމެވެ. ދެވަނަ ސެމީ ފައިނަލްގައި ގުރޫޕު ބީގެ އެއްވަނަ ޓީމާ ގުރޫޕު އޭގެ ދެވަނަ ޓީމު ކުޅޭ އިރު، މުބާރާތް ކުރިއަށް ގެންދިއުމުގައި އެޗްޕީއޭގެ އުސޫލުތަކާއި މިންގަނޑުތަކަށް ސަމާލުކަން ދޭނެ ކަމަށް އިންތިޒާމު ކުރާ ފަރާތުން ވަނީ މައުލޫމާތު ދީފައެވެ.

މުބާރާތުގެ މެއިން ސްޕޮންސާއަކީ ފުޅު އިންވެސްޓްމަންޓް އަދި ރާނީ ޓުއާސްއެވެ. މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.