ކޮވިޑުގެ ބަލި މަޑުކަމާ ގުޅިގެން މޯލްޑިވް ގޭސްއާ ހަވާލުކޮށްގެން ރާއްޖެ ގެނެސްފައިވާ މެޑިކަލް އޮކްސިޖަން ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސްކޮށް، އެ ގެއްލުމުގެ ބަދަލު ހޯދުމަށާއި އެކަމަށް ހަރަދު ކުރި ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް ގޭސްއަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ އެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބެލުމަށް ފަހު، ކޮމިޓީން އެކުލަވައިލި ރިޕޯޓު މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެންނެވެ.
އެ ރިޕޯޓުގައި ސިލިންޑަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ވަނީ އެ ކުންފުނީގެ ތެރެއިން ކަމަށް ތުހުމަތު ކުރެވޭތީ، އެ ކުންފުނީގެ އޭރުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކުރާމް އާއި ކުންފުނީގެ މުވައްޒަފުން ހިމެނޭ ގޮތަށް މި މައްސަލަ ބެލުމަށް އޭސީސީއަށް އެންގުމަށް ވެސް ވަނީ ހިމަނައިފައެވެ.
ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ، މޯލްޑިވް ގޭސް އިން އޯޑަރު ދީފައިވަނީ އާ ސިލިންޑަރު ގަންނަން ނަމަވެސް އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްޓް ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް ފޮނުވާފައި ވަނީ ރީފާބިޝް ސިލިންޑަރުތަކެއް ކަމަށެވެ.
އެތަކެތި ގެނައުމުގައި މޯލްޑިވް ގޭސް އަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށާއި އެތަކެތި ހައިޑްރޮސްޓޭޓިކް ޓެސްޓް ހަދައިގެން ނޫނީ ބޭނުން ނުކުރެވޭ ކަމާއި އެ ޓެސްޓުތައް ހެދުމަށް އެތައް ހޭދައެއް ކުރަން ޖެހުމުން ވެސް ކުންފުންޏަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ގެއްލުމުގެ ބަދަލު އޭ އެންޑް ޖީ އިންޑަސްޓްރިއަލް ގޭސް ޕްރައިވެޓް ލިމިޓެޑުންނާއި ޕްރޯބިޒް އިމްޕެކްޓް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެ ދެ ކުންފުންޏާ ވާހަކަ ދެއްކުމަށާއި އަދި އެ ފައިސާ ހޯދުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްވެސް ރިޕޯޓުގައި ވަނީ ހިމަނައިފައެވެ.
އިންޓާނަލް އޮޑިޓް ރިޕޯޓުން ފާހަގަކުރެވޭ މައިގަނޑު މައްސަލަތަކަކީ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީ އިސްލާހު ކޮށްގެން ހައްލު ކުރެވޭނެ މައްސަލަތަކަކަށްވާތީ އެކަންތައް އިސްލާހު ކުރުމަށްފަހު 30 އޭޕްރީލްގެ ކުރިން އެ ކޮމިޓީއަށް ފޮނުވުމަށް އެންގުމަށާއި އަދި އެ ޕޮލިސީގެ ތެރެއިން ކުންފުނީގެ ވެންޑާ ރެޖިސްޓްރޭޝަން ޕްރޮސެސް އާއި ޕާޗޭސް އޯޑަރު ކުުމުގެ ނިޒާމު ހަރުދަނާކޮށް، ޕްރޮކިއުމެންޓް ޕޮލިސީގެ ތެރެއިން 100 ޕަސެންޓް އެޑްވާންސް ކޮށް ފައިސާ ދެއްކުމަށް އޮންނަ އުސޫލު ބަދަލުކުރަން އެންގުމަށް ވެސް ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު