ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕް ބޯލް މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަތައް ޔޫތު މިނިސްޓްރީ އާއި އިމިގްރޭޝަންސް ހޯދައިފިއެވެ.
ރޯދަ މަހަށް ހާއްސަކޮށް ވަރަށް ފުޅާކޮށް ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގައި ތިން މުބާރާތެއް ކުޅޭ ގޮތަށް ކްރިކެޓް ބޯޑުން ވަނީ ތާވަލުކޮށްފައެވެ. އެއީ އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތާއި އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ އިތުރުން ސަރުކާރު އޮފީސްތަކުގެ މެދުގައި ކުރިއަށް ގެންދާ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ކުރިއަށްދާ މުބާރާތްތަކުގެ ތެރެއިން އޮފީސް މުބާރާތުގައި ވާދަކުރަނީ ހަ ޓީމެވެ. ގުރޫޕު އޭގެ ފުރަތަމަ މެޗުގައި ޔޫތު މިނިސްޓްރީ އާއި މީރާ އެއްވަރުވެފައި އޮތް އިރު، އިއްޔެ ކަސްޓަމްސްއާ ދެކޮޅަށް ކުޅެ ޔޫތު މިނިސްޓްރީން ވަނީ އަށް ވިކެޓުން މޮޅުވެފައެވެ.
މެޗުގެ ގުރު ދިމާވުމުން ކަސްޓަމްސް ކުޅެން އަރައި އަށް އޯވަރު ހަމަވި އިރު ހަތަރު ކުޅުންތެރިން ނުބައި ވެގެން ހެދުނީ 126 ލަނޑެވެ. ޖަވާބުގައި ޔޫތު މިނިސްޓްރީން ކުޅެން އަރައި ހަތް އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައި ނުވެ 127 ލަނޑު ހަދާ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
އެ ނަތީޖާއާއެކު ޔޫތު މިނިސްޓްރީއަށް ގުރޫޕު އެއްވަނަ ލިބިފައިވާ އިރު، ގުރޫޕު ބީގެ އެއްވަނަ ޔަގީންކޮށް އިމިގްރޭޝަންސް ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިމިގްރޭޝަންސް އިން މަޖިލިސް ބަލިކޮށްފައިވާ އިރު، އިއްޔެ ހަވީރު ކުޅުނު މެޗުގައި އިމިގްރޭޝަންސް އިން ވަނީ އެމްއެމްއޭ ބަލިކޮށްފައެވެ. ގުރު ދިމާވުމުން އެމްއެމްއޭ ކުޅެން އަރައި އަށް އޯވަރު ހަމަވި އިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 92 ލަނޑެވެ. ޖަވާބުގައި އިމިގްރޭޝަން ކުޅެން އަރައި ހަވަނަ އޯވަރުގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 93 ލަނޑު ހަދައި ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
އޮފީސްތަކުގެ މުބާރާތް ކުރިއަށް ދަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕު އޭގައި ހިމެނެނީ ޔޫތު މިނިސްޓްރީ އާއި މީރާ އަދި ކަސްޓަމްސްއެވެ. އަދި ގުރޫޕު ބީގައި ހިމެނެނީ އިމިގްރޭޝަން އާއި މަޖިލިސްގެ އިތުރުން އެމްއެމްއޭއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު