އާސެނަލް ގަތުމަށް ސްޕޮޓިފައިގެ ވެރިޔާ ޑެނިއަލް އެކްއާއެކު ކްލަބު ލެޖެންޑުން ކަމަށްވާ ތިއަރީ އޮންރީ، ޑެނިސް ބާކޭމްޕްގެ އިތުރުން ޕެޓްރިކް ވިއެރާ ތައްޔާރުވެއްޖެއެވެ.
ސްޕޮޓިފައި އުފައްދައި، އެ އެޕްގެ ކާމިޔާބީއާއެކު ބިލިއަނަރަކަށް ވެފައިވާ އެކް އާސެނަލް ގަންނަން ޝައުގުވެރިވާ ކަމަށް ވަނީ ބުނެފައެވެ. މިވަގުތު އާސެނަލްގެ ވެރިޔާ ސްޓޭން ކްރޮއެންކޭ އާސެނަލް ނުވިއްކަން ހުރި ނަމަވެސް، އޭނާއަށް ވަނީ ސަޕޯޓަރުންގެ ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ.
ސުޕަ ލީގުގައި އާސެނަލް ބައިވެރި ކުރުވި މައްސަލައިގައި ކްރޮއެންކޭއަށް ސަޕޯޓަރުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވާއިރު، އެންމެ ފަހުން މެޗު ކުޅުނުއިރުވެސް ސްޓޭޑިއަމް ބޭރުގައި ހާހެއްހާ ސަޕޯޓަރުން ވަނީ މުޒާހަރާކޮށް، ކްރޮއެންކޭ ބޭރު ކުރުމަށް އަޑު އުފުލާފައެވެ.
ސުޕަ ލީގުގެ ފައުންޑިން 12 ކްލަބުގެ ތެރޭގައި އާސެނަލް ހިމެނުނުއިރު، އެ ލީގުން އިނގިރޭސި ޓީމުތަކުން ނަން ނެގީ ލީގު އިއުލާން ކުރިތާ 48 ގަޑިއިރުވެސް ނުވަނީހެވެ. އާސެނަލްއިންވެސް ނަން ނަގައި ސްޕޯޓަރުން ކިބައިން މައާފަށް އެދިފައިވާއިރު، ކޯޗު އާޓެޓާ ބުނެފައި ވަނީ ވެރިޔާ ވަކިން ގުޅައި އެ ނިންމުން ނިންމުނީ ގޯހަކުން ކަމަށް ބުނެ، މައާފަށް އެދުނު ކަމަށެވެ.
ސްޕޮޓިފައިގެ ފައުންޑާ، ސްވިޑެންގެ އެކް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ކުޑައިރުންސުރެ އާސެނަލްއަކީ އޭނާ ސަޕޯޓް ކުރާ ކްލަބު ކަމަށާއި، ކްރޮއެންކޭ ވިއްކާ ނަމަ، އާސެނަލް ގަންނަން ތައްޔާރަށް ހުރި ކަމަށެވެ. އަދި މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ކްލަބު ލެޖެންޑުން ކަމަށްވާ ބާކޭމްޕް، އޮންރީ އަދި ވިއެރާވެސް ހިމެނޭހެން އެކް ވަނީ އާސެނަލް ގަތުމަށް ހާއްސަ ޕްރޮޕޯސަލްއެއް ތައްޔާރުކޮށް، 4.7 ބިލިއަން ޑޮލަރު ހުށަހަޅާފައި ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން ކްރޮއެންކޭގެ ދަރި، ޖޯޝް ބުނެފައި ވަނީ އާސެނަލް ވިއްކާލުމަށް އޭނާގެ އާއިލާއިން ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ ކުރިއަށް އޮތް ތަނުގައި ސަޕޯޓަރުންނާ ގާތުން ގިނަ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު