ޚަބަރު

ނިލަންދޫން މަސް ހިފަން ފައިބައި އުޅެނިކޮށް ހާލު ސީރިއަސްވި ޝިފާޒްގެ ހާލު ރަނގަޅު: އާއިލާ

ރިފާ ހަލީލު

ފ. ނިލަންދޫން އިއްޔެ މަސް ހިފަން އުޅެނިކޮށް ގެނބިގެން ހާލު ސީރިއަސްވި ޒުވާނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.

ރައްޓެހިންތަކަކާ އެކު ދަގަނޑު ޖަހައިގެން މަސް ހިފަން އުޅެނިކޮށް ހިނގި މިހާދިސާގައި ހާލު ސީރިއަސް ވެފައިވަނީ އަހުމަދު ޝިފާޒު، 25އ. އެވެ. ޝިފާޒު އަޑިއަށް ގޮސް މައްޗަށް ނޭރުމުން އޭނާ ސަލާމަތްކުރުމަށް ދިޔައީ އޭނާއާއެކު މަހަށް ދިޔަ ޖަޒްލީން މުހައްމަދު އެވެ.

ޖަޒްލީންގެ ހާލު މިހާރު ރަނގަޅުވެފައިވީ ނަމަވެސް އަދި އޮތީ ނިލަންދޫ ހޮސްޕިޓަލްގަ އެވެ. ޝިފާޒުގެ ހާލު މާ ބޮޑަށް ސީރިއަސްވެ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ.

ޝިފާޒުގެ ބޮޑުބޭބޭ، އަދި ނިލަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ހަލީލް، "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ޝިފާޒުގެ ހާލު މިހާރު ވަރަށް ބޮޑުތަން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ނިލަންދޫ ން މާލެ ގެނައި އިރު ޝިފާޒުގެ އޮކްސިޖަން ލެވެލް ވަރަށް ބޮޑަށް ދަށްވެ އުއްމީދު ކުޑަވެފައިވީ ނަމަވެސް މިހާރު އޮކްސިޖަން ލެވެލް ރަނގަޅުވެފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

"ނިލަންދޫން މާލެ ގެނައީވެސް ވެންޓިލޭޓަރުގަ. އޭރު އޮކްސިޖަން ލެވެލް 40 ގަ ހުރީ. އެކަމަކު މިހާރު އިރާދަކުރެއްވީތީ އޮކްސިޖަން ލެވެލް ނޯމަލް. ވެންޓިލޭޓަރާ ނުލައި ނޭވާލާން ޝިފާޒު މަސައްކަތް ކުރާކަމަށް ޑޮކްޓަރުން އެބަ ވިދާޅުވޭ. ދެން މިއަދު ވެންޓިލޭޓަރުން ނަގާ ވާހަކަވެސް އެބަ ދައްކާ. ފަތިހު ޝިފާޒް އަމިއްލައަށް ވާހަކަ ދައްކަން މަސައްކަތް ކުރާ ކަމަށް ޑޮކްޓަރުން ބުނި. އަދި އޮތީ އައިސީޔޫގަ. އެކަމަކު އިރާދަ ކުރެއްވިއްޔާ މިހާރު އިއްޔެއާ އަޅާ ބަލާފަ ވަރަށް ބޮޑުތަން ރަނގަޅު." އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ މިހާރު ހަމައެކަނި ހުރި މައްސަލައަކީ ފުއްޕާމެއަށް ފެން އެޅިފައިވާ މައްސަލަ ކަމަށެވެ. އެހެން ނަމަވެސް އެކަންތައްވެސް ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ހާދިސާ ހިނގި ގޮތް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، ޝިފާޒަކީ އަބަދުވެސް ރައްޓެހިންނާއެކު މަސްވެރިކަމަށް ދާ މީހެއް ކަމަށެވެ. އެގޮތުން އިއްޔެވެސް ރައްޓެހި ކުދިންތަކަކާއެކު ނިލަންދޫ ފުއްޓަރު ފަރާތުން ތިން ރަށް ކެނޑޭ މުއްޔަށް މަސްހިފަން ދިޔަ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ދަގަނޑު ޖެހި މަސް މާ ފުނަށް ދިޔުމުން ނުނެގުނީ ކަމަށެވެ. ދެން އެމީހުންގެ ތެރޭގައި އެންމެ ފުނަށް ފީނާ މީހަކަށް ހުރީ ޝިފާޒު ކަމަށާއި އެ މަސް ނަގަން ޝިފާޒް ދިޔައީ ކަމަށްވެސް ވިދާޅުވި އެވެ.

ޝިފާޒަކީ އާންމުކޮށް ފްރީ ޑައިވް ކުރާ މީހެއް ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހަލީލް ވިދާޅުވީ ފީނަމުންގޮސް މާފުނަށް ދިޔުމުން ޝިފާޒު ހޭނެތުނީ ކަމަށާއި މައްޗަށް އެރުން މާ ލަސްވުމުން ކަމެއް ދިމާވެގެން އުޅެނީކަން އެ ވަގުތު އެތަނުގައި ތިބި މީހުންނަށް އެނގުނު ކަމަށެވެ. އަދި ޖަޒްލީން އަވަހަށް ފީނައިގެން ޝިފާޒް އަޑީގައި އޮތްތަން ފެނި ވާގަނޑެއް އައްސައި އެހެން މީހުންނާ ގުޅިގެން ޝިފާޒް މައްޗަށް ނެގި ކަމަށެވެ. އަދި އޭރު ރަށުގައި ތިބި ބައެއް މީހުންނަށް މި މައުލޫމާތު ލިބިގެން ލޯންޗު ތަކުގައި މީހުންވެސް އެ ސަރަހައްދަށް ދިޔަ ކަމަށް ވިދާޅުވި އެވެ.

ހަލީލު އިތުރަށް ވިދާޅުވީ ޝިފާޒު ސަލާމަތް ކުރުމަށް ޖަޒްލީން އެ ވީ ވަރަށް ބޮޑު ގުރުބާނީ އެއް ކަމަށާއި އެކަމަށް އެ އާއިލާގެ ފަރާތުން ޖަޒްލީނަށް އަބަދުވެސް ޝުކުރުވެރިވާނެ ކަމަށެވެ.

ޑައިވް ކޮށް ނުވަތަ މަސްހިފަން ގޮސް ދިމާވާ އެކި ކަންތަކުގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އެގޮތުން ދާދިފަހުން ރައްޓެހިންތަކަކާއެކު މިގޮތަށް މަހަށް ނިކުމެ އުޅެނިކޮށް ސިފައިންގެ މީހަކުވެސް ވަނީ މަރުވެފަ އެވެ.