ޔުނޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖޭގައި އެންމެ ކުރި އަރާފައިވާ ކުންފުންޏަކީ އެމްޑަބްލިޔުއެސްސީ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.
ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގައި ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ތިން ކުންފުންޏެކެވެ. އެއީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ސްޓެލްކޯގެ އިތުރުން އެމްޑަބްލިޔުއެސްސީ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ޝާހް ވިދާޅުވީ، އެމްޑަބްލިޔުއެސްސީއަކީ ޔުނިޓިލިޓީ ހިދުމަތުގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ކުންފުނި ކަމަށާއި އެ ސަބަބާ ހުރެ ސަރުކާރުން އެކުންފުންޏަށް އިތުބާރު ކުރާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ފެނާއި ނަރުދަމާގެ ވައުދު ފުއްދުމުގައި އެކުންފުނީގެ ދައުރު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑަބްލިޔުއެސްސީ އަކީ ޔުޓިލިޓީ ހިދުމަތް ދިނުމުގައި ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ކުންފުނި. އެންމެ އެސްޓެބްލިޝްޑް ކުންފުނި." ޝާހް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ 20 ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރުމަށް 1.4 ބިލިއަން ރުފިޔާ އަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ޝާހް ވިދާޅުވީ، ފަހުން ފައިސާ ދައްކާ ގޮތަށް އެހާ ގިނަ މަޝްރޫއު އެއް ފަހަރާ އެކުންފުންޏާ ހަވާލު ކުރުމަކީ އެ ކުންފުންޏަށް އޮތް އިތުބާރު ހާމަވާ ކަމެއް ކަމަށެވެ.
ސަރުކާރުން އެ މަޝްރޫއުތަކަށް އެކުންފުންޏަށް ފައިސާ ދޭނީ ފަސް އަހަރު ދުވަހުގެ ތެރޭގަ އެވެ.
މީގެ އިތުރުން ޝާހް ވިދާޅުވީ، ބޭންކް ތަކުންވެސް އެ ކުންފުންޏަށް ފަސޭހައިން ލޯނު ލިބޭ ކަމަށާއި މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތައް ކަމަށެވެ. އެގޮތުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ބައެއް ތަކެތި ގަތުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ.
ވިހި ރަށުގެ ފެނާއި ނަރުދަމާގެ އިތުރުން އޮޕިޑް ޕްރޮގްރާމްގެ ދަށުން އެމްޑަބްލިޔުއެސްސީއާ ވަނީ ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ހަވާލު ކޮށްފައެވެ. އެ މަޝްރޫއުތަކުގެ އަގުވެސް 200 މިލިއަން ރުފިޔާއަށް އަރައެވެ.
ޚަބަރު
ޚަބަރު
ޚަބަރު