(24 އޭޕްރީލްގެ އަދަދާ ގުޅޭ)

މުރާބިޠީންގެ ލަޝްކަރުގެ ގޮވާމީހުންނާއި އޮފިސަރުން ހަމައެވަގުތު އެބަސްފުޅު ލަޝްކަރުގެ އެއްކޮޅުން އަނެއްކޮޅަށް ހުރިހައި ސިފައިންނަށް އަޑު އިއްވައިފިއެވެ. އެވަގުތު މުރާބިޠީންގެ ލަޝްކަރުގެ ތެރެއިން އަނެއްކާވެސް ބެރެއްގެ އަޑު އިވިއްޖެއެވެ. ދެނަކާ ދެނެއްނެތެވެ. މުރާބިޠީންގެ ސިފައިން ޠޫފާނީ ވައިރޯޅިތަކެއް ފަދައިން ޢީސާއީންނާ ދިމާޔަށް އަރައިގެންފިއެވެ. ޢީސާއީން ފިލަން ދުއްވައިގެންފިއެވެ. އޭރުވެސް އަލްފާންސޫގެ ލަޝްކަރުގެ ދެބައިކުޅައެއްބައި ސިފައިން އޭނާގެ އަރިހުގައި ތިއްބެވެ. އެކަމަކު އެބައިމީހުންނަކަށް ސަހަރާވީ ބަރުބަރީންގެ ހަނގުރާމައިގެ ވައްޓަފާޅި ހުންނަގޮތެއް ނޭނގެއެވެ. أميـر يـوسف އަނެއްކާވެސް އެމަނިކުފާނުގެ ލަޝްކަރުގެ ސަފުތައް ރުކުރުވައިލައްވައިފިއެވެ. ފައިމަތީގައި ހަނގުރާމަކުރާ ސިފައިން އެއްފަރާތަކަށް ޖައްސައިލައްވައިފިއެވެ. ސަވާރުން ތިންބަޔަށް ބެހިގެން ޢީސާއީންގެ ފަހަތުން ފަހައިދާންފަށައިފިއެވެ. ކަނާތްފަރާތުން ދުޝްމިނުން ފަހައިދާ ގެމަތަކުގެ ކޮމާންޑަރަކީ سيـر بــن أبى بـكـر އެވެ. ވާތްފަރާތުގައި އިސްވެހުންނެވީ ބަރުބަރީންގެ އެހެން ޖަނަރަލެކެވެ. ދެފަރާތުގެ ގެމަތަކުގެ މެދުގައިހުރި ޠޫފާނީ ގެމަތަކަށް މަގުދައްކަވަނީ أميـر يـوسف އެވެ. މުރާބިޠީން ދުޝްމިނުން ފަހަމުން ގެންދިޔައީ ވަށްބުރެއްގެ ދެބައިކުޅަ އެއްބައިހެން އެތުރިގެންނެވެ. ވާތްފަރާތާއި ކަނާތްފަރާތުގެ ސަވާރުން ދުޝްމިނުން ވަށައިލުމުން އެބައިމީހުން މަރުގެ ނިދީގައި ނިންދަވަނީ ފަހަތުން އަންނަ ސަވާރުންނެވެ. އަލްފާންސޫއަށް ހީފުޅުވީ ސަހަރާގެ އަހުލުވެރީންގެ އަސްލު ހަނގުރާމަ އަދި ކިރިޔާ ފެށުނީހެންނެވެ. އޭނާގެ ލަޝްކަރުގެ ފައިމަތީ ހަނގުރާމަކުރާ ސިފައިންވީ ފަހަތުގައެވެ. ބައިމީހުން ނިމިގެންދާނެ ގޮތާމެދު އަލްފާންސޫ މިހާރު ކުޑަކޮށްވެސް ޝައްކެއް ނުކުރައްވައެވެ. އޭނާގެ ސަވާރުން ފަހައި އަންނަނީ އޭނާގެ ސަވާރުންގެ އަސްތަކަށްވުރެ މާބާރަށް ދުވާ އަސްތަކެއްގެ ސަވާރުންނެވެ. ޢީސާއީން އެތައްފަހަރަކު އެމީހުންގެ ގޮނީގެ ތެރެއިން ނުކުމެ އެކިފަރާތްފަރާތަށް ވިއްސިވިހާލިވެގެން ސަލާމަތްވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މުރާބިޠީންނާ އެބައިމީހުންނަށް ކާމިޔާބުވިޔަކަ ނުދެއެވެ. މުރާބިޠީންގެ ސަވާރުން އެމީހުން ވަށައިލުމަށްފަހު މަޖުބޫރު ކުރުވަނީ ސީދާ ކުރިޔަށްދާށެވެ.

އެފުރިކާގެ މުޖާހިދުން ފަދައިން އެބައިމީހުންގެ އަސްތަކަކީވެސް ބުންވަރުގަދަ ވަރުބަލިނުވާ އަސްތަކެކެވެ. އެ އަސްތަކުގެ ހަލުއި ދުވެލީގެ އެއްސަބަބަކީ ބަރުބަރީންނަކީ ބޯދަހަނާތަކާއި ދަގަނޑު "ޖުއްބާ" ލާން އާދަވެފައިތިބޭ ބައެއް ނޫނެވެ. އަނެއްކޮޅުން އަލްފާންސޫގެ ސަވާރުންކުރެ ގިނަމީހުން ތިބެނީ ބޮލުން ފެށިގެން ފަޔާ ހަމަޔަށް ދަގަނޑުން ފޮރުވިގެންނެވެ. އެހެންކަމުން އެފަދަ ބަރު ހެދުމުގައި ތިބޭ ސަވާރުންތަކެއް އެބައިމީހުންގެ ބަރު ހަތިޔާރާއެކު ދުވާލު ހަތަރުދަމު އުފުލުމުގެ ސަބަބުން އެބައިމީހުންގެ އަސްތައް ތިބެނީ ވަރަށްބޮޑަށް ލޮޑުވެފައެވެ. އެހެންކަމުން ވަރަށްގިނަ އަސްތައް ދިޔައީ ވަރުބަލިވެގެން ވެއްޓި ފުރާނަ ދޫކުރަމުންނެވެ.

އިރުއޮއްސިއްޖެއެވެ. މުސްލިމު ޣާޒީން އަސްމަތީގައި ދުޝްމިނުން ފަހައިދަމުން އެމީހުންގެ ކޮތަޅުތަކުން ކަދުރު ނަގައިގެން ރޯދަ ވީއްލައިފިއެވެ. އޭރުވެސް އެބައިމީހުން ގެންދިޔައީ ހުއްޓުމެއްނެތި ދުޝްމިނުން ފަހަމުންނެވެ.

އަލްފާންސޫ ހަނގުރާމަ ފެށުމުގެ ކުރީން އޭނާގެ ޖަނަރަލުންނާއި އިޓަލީވިލާތާއި ފަރަންސޭސިވިލާތުގެ އެކުވެރީންގެ ގާތުގައި ވިދާޅުވެފައިވެއެވެ. ދުޝްމިނުން ބަލިކޮށްލުމަށްފަހު އަހަރެމެން ހަނދުވަރުމަތީގައި މުޅި ރޭގަނޑު އެބައިމީހުން ފަހަމުން ދާނީއެވެ. އެކަމަކު އަލްފާންސޫއާއި އޭނާގެ އަރިހުގައި ސަލާމަތުންތިބި މީސްކޮޅަށް ކާއިނާތުގައިވާ އެންމެ ނަފުރަތުކުރެވޭ އެއްޗަކަށް މިހާރު ވެފައިވަނީ ހަނދެވެ.

ބަރުބަރީ ސަވާރުން ޢީސާއީންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން އެބައިމީހުން ފަހަމުން ގެންދާއިރު ދަނީ އެބައިމީހުނާ ދިމާޔަށް ދުނި އުކަމުންނެވެ. ޢީސާއީން މަރުގެ ދާނުގައި ނިންދަވަނީ ފަހަތުން އަންނަ މުޖާހިދުންގެ ލޮންސިތަކުންނެވެ. އެތަކެއް މޭލެއްގެ ދުރާ ހަމަޔަށް ހުރިހައި ދަނޑުފަގަކާއި، ބަގީޗާތަކާއި، ހިލަހިލަގަނޑަކާއި، ތިރި ފަރުބަދަތަކުގައި ވިހުރުވިފައިހުރި ޢީސާއީންގެ ކަށްތަކެވެ. ދިގު ދުވުންތަކަކަށްފަހު މިހާރު މުރާބިޠީންގެ އަސްތައްވެސް ވަރުބަލިވެއްޖެއެވެ. އެހައިތަނަށް ދިޔައިރު އަލްފާންސޫގެ އެތަކެއްހާސް ސަވާރުންވަނީ ފަހަތަށް ފޭދިފައެވެ. أميـر يـوسف ކުރިޔަށް ވަޑައިގެންނެވީ އެ ޢީސާއީ އަސްވާރުންތައް "ސާފުކުރައްވަން" އެމަނިކުފާނުގެ ސަވާރުން ފަހަތަށް ދޫކުރައްވަމުންނެވެ.

އަލްފާންސޫ ވަނީ އޭނާގެ އެންމެ ރަނގަޅު ޖަނަރަލުންނާއި އެންމެރަނގަޅަށް ތަމްރީނު ކުރެވިފައިތިބި ސިފައިންގެ ކިބައިން މަޙުރޫމުވެފައެވެ. އެރޭގެ އިރާމެންދަންވީއިރު އޭނާގެ ފަންސާސްހާސް ސިފައިން (ބައެއް ރިވާޔަތްތަކުގައިވާގޮތުން އައްޑިހަހާހާ ކައިރިކުރާ އަދަދެއްގެ ސިފައިން) ގެ ތެރެއިން އޭނާގެ އަރިހުގައިތިބީ ހަތަރުހާސް ސިފައިންނެވެ. އެ އަދަދުވެސް ހިނދުން ހިނދަށް ދިޔައީ މަދުވަމުންނެވެ. އޭނާގެ އެންމެފަހުގެ އުންމީދަކީ ވާދީ އާނާ ކޯރެވެ. އެކޯރު ހުރަސްކުރެއްވުމުން އޭނާއަށް ކުރިމަތިވެފައިވާ "އަމާންކަން ލިބުމެއްނެތް އާފާތުން" ސަލާމަތްވެވަޑައިގެންނެވިދާނެއެވެ. ކޯރު އޮތީ މާކަދުރަކުވެސް ނޫނެވެ. އެކަމަކު އެފުރިކާގެ ސަވާރުން މިހާރުވެސް ގެންދަނީ އޭނާގެ އަރިހުގައިތިބި މަދުމީސްކޮޅުވެސް ދެފަރާތުން ވަށައިލެވޭތޯ މަސައްކަތް ކުރަމުންނެވެ. އެފުރިކާގެ ސަވާރުންގެ ފަހަތުން ދުއިސައްތަ ވަރަކަށް ސަވާރުންގެ ޖަމާޢަތެއް ކުއްލިޔަކަށް ދައްކައިލައިފިއެވެ. އެމީހުން އެފުރިކާގެ ސަވާރުންގެ ވާތްފަރާތުން ކުރިއަރައިގެން ވަރަށްދުރަށް ހިނގައްޖެއެވެ. އެ ސަވާރުން ދަތުރުކުރި ބާރުމިނަށް ވިސްނައިލުމުން އެނގެނީ އެބައިމީހުން ތިބީ ވަރުބަލިނުވާ އަސްތަކެއްގައި ކަމެވެ. މުރާބިޠީންގެ ސަވާރުންގެ ވާތްފަރާތުގެ ކޮމާންޑަރ سيـر بــن أبى بـكـر އެމީހުން ހުއްޓުވޭތޯ މަސައްކަތް ކުރައްވާން އުޅުއްވިއެވެ.

އެ ސަވާރުންނަކީ ދުޝްމިނުންގެ ކޮންމެވެސް މަރުކަޒެއްގެ ފާރަވެރީންގެ ބައެއްކަމުގައި ހީފުޅުކުރައްވައިގެންނެވެ. އެކަމަކު އެސަވާރުން އެއްފަރާތަކުން ކެވިއަރައިގެން ކުރިޔަށްދާން ފެށުމުން سيـر ވިދާޅުވިއެވެ. "އެބައިމީހުންގެ ފަހަތުން ދިޔުމުގެ ބޭނުމެއްނެތް. އެބައިމީހުންގެ އަސްތަކަކީ ވަރުބަލިނުވާ އަސްތަކެއް." އިރުކޮޅެއްގެ ތެރޭގައި

އެ ސަވާރުން އަލްފާންސޫގެ ލަޝްކަރަށްވުރެވެސް ކުރިޔަށް އަރައިފިއެވެ. ތިންސަތޭކަ ވަރަކަށް ގަޒު ކުރިޔަށް އެރުމަށްފަހު ކުއްލިޔަކަށް އެނބުރިލައިފައި اللّـه أكبــر ގެ ނަޢުރާ ކުރަމުން އަލްފާންސޫގެ ލަޝްކަރާ ޙަމަލަ ދީފިއެވެ. ވަށްބުރެއްގެ އެއްފަޅީގެ ސިފައިގައި ކުރިއަރަމުންދިޔަ ބަރުބަރީންނާ ދެފަރާތުގެ އަރިމަތީން ގުޅުވައިފިއެވެ. ގަޑިޔެއްހައިރުގެ ތެރޭގައި އަނެއްކާވެސް އަލްފާންސޫގެ ދެހާސް އަސްވާރުން ބިންމަތިވެއްޖެއެވެ. އަލްފާންސޫގެ އަރިހުގައި ތިބި މީހުންކޮޅު އެއްފަރާތަކުން މުސްލިމުންގެ ގޮނީގެ ތެރެއިން ނުކުމެގެން ކޯރާ ދިމާޔަށް ދުވަން ފަށައިފިއެވެ. ކޯރު އޮތީ އެހިސާބާ ބައިމޭލެއްހައި ދުރުގައެވެ. ނަމަވެސް ކޯރުގެ އައްސޭރިޔާ ހަމަޔަށް ފޯރާން އުޅެނިކޮށް މުސްލިމުންގެ ތާޒާ ސަވާރުން އަނެއްފަހަރު ޢީސާއީންގެ ކުރިބައްދައިފިއެވެ. ބަރުބަރީ ސަވާރުން އަނެއްކާވެސް ތިންފަރާތުން ޢީސާއީން ޤަތުލުކުރާން ފަށައިގެންފިއެވެ.

ޤަޞްޠިލާގެ ނައިޓުން ގެންދިޔައީ އެބައިމީހުންގެ ރަސްގެފާނުގެ ވަށައިގެން ކޮށި ހަދައިގެން އޭނާ ޙިމާޔަތް ކުރަމުންނެވެ. ނުހަނު ހިތްވަރާއެކު ހަނގުރާމަ ކުރަމުން ކޯރާ ކައިރިޔަށް ޖެހެމުންނެވެ. أميـر يـوسف ގެ ލަޝްކަރުގެ ބަރުބަރީ ސިފައިންގެ ގެމައެއް އަލްފާންސޫގެ ހަށިފާރަވެރީންނާ ޙަމަލަދީފިއެވެ. ބަރުބަރީ ސަވާރެއް އަލްފާންސޫ މުލައްދަނޑިފުޅަށް ލޮންސި އެތިފަހަރެއް އަރުވައިލިއެވެ. ނަމަވެސް އޭނާ އަސްމަތީން ކިރިޔަކިރިޔާ ވެއްޓިވަޑައިނުގެން ސަލާމަތްވެވަޑައިގެންފިއެވެ.

ޤަޞްޠިލާގެ ލަޝްކަރުގެ ބާކީތިބި މީސްކޮޅު މަރަކަށް ދިރިތިބިކަމަކަށް ފަރުވާލެއް ނުބަހައްޓައި ޙަމަލަދީ ހަނގުރާމަ ކުރަމުންގޮސް ވާދީ އާނާ (Guadiana) ކޯރުގެ އައްސޭރިޔަށް ނުކުމެ ކޯރަށް ފުންމައިލައިފިއެވެ. އެހިސާބުންވެސް މުޖާހިދުން ތިބީ ޢީސާއީންގެ ފަހަތުން ނުގޮސް ހުއްޓައިލާގޮތަކަށެއް ނޫނެވެ. ނަމަވެސް أميـر يـوسف ކުރިޔަށް އަރައިވަޑައިގެން އަތްޕުޅު މައްޗަށް ނަންގަވައިފައި ބާރު އަޑުފުޅުން ވިދާޅުވިއެވެ. "ނޫން! ނޫން! ތިޔަބައިމީހުން ވާޖިބު އަދާކޮށްފީމު. ދެން އިތުރަށް ކުރިޔަށް ދިޔުމުގެ ބޭނުމެއްނެތް. ކޯރުގެ އެފަރާތުގައި ދުޝްމިނުންގެ ލަޝްކަރެއް އޮތުމަކީވެސް ދުރުކަމެއް ނޫން!"

އަލްފާންސޫގެ ފައުޖުން ކޯރަށް ފުންމައިލި މީހުންގެ ތެރެއިންވެސް އެތައްބަޔަކު މުސްލިމު މުޖާހިދުންގެ ދުނިތަކުގެ ޝިކާރަކަށްވިއެވެ. އެބައިމީހުންގެ ބަރު ދަހަނާތަކާއެކު ކޯރަށް ފުންމައިލުމުގެ ސަބަބުންވެސް އެތައްބަޔަކު ކޯރުގެ ރާޅުތަކުގެ ބަނޑުތެރޭގައިވެ މަރުވިއެވެ. އަލްފާންސޫ އަނެއްފަރާތުގެ އައްސޭރިޔަށް އަރައިވަޑައިގެން އޭނާގެ ވަށައިގެން ބައްލަވައިލެއްވިއިރު އޭނާގެ އަރިހުގައިތިބީ އެންމެ ފަސްސަތޭކަ މީހުންނެވެ. ކުރީންވެސް ދެންނެވި ފަދައިން އޭނާގެ ލަޝްކަރުގެ އަދަދެއްކަމުގައި ރިވާޔަތްތަކުގައި އައިސްފައިވަނީ ފަންސާސްހާހާއި އައްޑިހަހާހާ ދެމެދުގެ އަދަދެކެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އަލްފާންސޫއަށް މުސްލިމުންގެ އަތްދަށުން ބެޗުނީ އެންމެ ފަސްމީހުންނާ އެކުގައެވެ.

ޒަލާޤާގެ ހަނގުރާމަޔާ ބެހޭގޮތުން ބައެއް މުއައްރިޚުން ވަރަށް ޝައުޤުވެރި ވާހަކައެއް ބަޔާންކުރައްވައިފައިވެއެވެ. أميـر يـوسف بــن تـاشـفـيـن އަންދަލުސަށް ވަޑައިގަންނަވާ ޚަބަރު ފެތުރުނުފަހުން އެއްރެޔަކު އަލްފާންސޫއަށް އާދަޔާ ޚިލާފު ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އޭނާއަށް ފެނިވަޑައިގެންނެވީ އޭނާ ވަރަށް ހައިބަ ބޮޑު އެތަކަށް ސަވާރުވެވަޑައިގެން އިންނެވީތީއެވެ. އެތުގެ ދެ އަރިމަތީގައިހުރި ބޮޑެތި ބޮޑެތި ބެރުތައް އެލުވައިފައެވެ. އޭނާ ސަވާރުވެވަޑައިގެން އިންނެވި އެތް ކުރިޔަށްދާއިރު ދަނީ އެސޮރުގެ ހޮނޑުން ބެރުތަކުގައި އަޅަމުންނެވެ. އެ ތެޅުމުގެ ސަބަބުން ވަރަށް ބިރުވެރި އަޑުފަށްގަނޑެއް އިވެއެވެ. އަލްފާންސޫ އެ ހުވަފެންފުޅުގެ ތަޢުބީރާ ބެހޭގޮތުން ޢީސާއީ ފާދިރީންނާ ސުވާލު ކުރެއްވިއެވެ. އެއުރެން އެރުވި ޖަވާބާމެދު އޭނާގެ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ.

އަލްފާންސޫ އެ ހުވަފެންފުޅުގެ ތަޢުބީރު އޮޅުންފިލުއްވުމަށްޓަކައި ޠުލައިޠުލާގެ އިސްލާމީ ޢާލިމެއްގެ އަރިހަށް ޔަހޫދީއަކު ފޮނުއްވިއެވެ. އޭނާއަށް އަންގަވައިފައިވަނީ އެހުވަފެނަކީ އަލްފާންސޫއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްކަން މުސްލިމު ޢާލިމަށް ނޭންގުމަށެވެ. ޔަހޫދީ ކަލޭގެ މުސްލިމު ޢާލިމުގެ އަރިހަށްގޮސް ދެންނެވިއެވެ. އަޅުގަނޑަށް ވަރަށް ބިރުވެރި ހުވަފެނެއް ފެނިއްޖެއެވެ. ކަލޭގެފާނު އެ ހުވަފެނުގެ ތަޢުބީރު ވިދާޅުވެދެއްވާށެވެ.

ޔަހޫދީކަލޭގެ އެހުވަފެން ދަންނަވައިދިނުމުން މުސްލިމު ޢާލިމު ވިސްނުންތެރިކަމާއެކު ޔަހޫދީކަލޭގެއާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ތިޔަ ހުވަފެނަކީ ކަލެޔަށް ފެނުނު ހުވަފެނަކަށް ނުވާނެ. ތިޔަ ހުވަފެން ދުށްމީހަކު ވާނީ ފީލްބާގައިގެ މީހުން ފަދައިން ދާދިއަވަހަށް ނިކަމެތިވެ ފަނާވެގެން ހިނގައިދާނެ ރަސްކަލަކަށް!"

ހަނގުރާމަ ނިމުމާއެކު سيـر بــن أبى بـكـر އެންމެފަހު މަރުޙަލާގައި މުރާބިޠީންނާ ބައިވެރިވި ސަވާރުން ހޯއްދަވައިގެން އެމީހުނާ ވާހަކަ ދެއްކެވިއެވެ. އެބައިމީހުންނަކީ ޣަރުނާޠާއާއި އަލްމަރިއްޔާގެ ރިޟާކާރުންނެވެ. އެބައިމީހުންގެ ކޮމާންޑަރާ ތަޢާރުފުވެވަޑައިގަތުމަށްފަހު سيـر بــن أبى بـكـر ވިދާޅުވިއެވެ. "އަހަރެން ހީކުރީ ތިޔަބައިމީހުންނަކީ މިތަނާ ކައިރި ހިސާބެއްގެ ޢީސާއީ ޗެކްޕޯސްޓަކުން އެބައިމީހުންނާ އެހީވާން އައި ބަޔެއްކަމަށް. ތިޔަބައިމީހުންގެ އަސްތަކުގެ ބާރު ދުވެލި ފެނިފައި އަހަރެން ހައިރާންވި!"

ރިޟާކާރުންގެ ކޮމާންޑަރ ޖަވާބު ދިނެވެ. "އަޅުގަނޑުމެން ދަތުރުކޮށްފައި އައީ ހަނގުރާމައިގެ މައިދާނަށް. ހަނގުރާމައިގެ ތެރޭގައި އަޅުގަނޑުމެންގެ އަސްތައް ވަރަށްބޮޑަށް ވަރުބަލިވެއްޖެ. އެވަގުތު ޤުދުރަތުން އަޅުގަނޑުމެންނަށް މަދަދު ދެއްވި ދުޝްމިނުންގެ މުޢަސްކަރުން އަޅުގަނޑުމެން ވަރުބަލިނުވާ އަސްތަކެއް ފެނިއްޖެ.

سيـر އޭނާއާ ވާހަކަ ދައްކަވަނިކޮށް سعد بــن عبـدالمـنعــم ކުއްލިޔަކަށް ކުރިޔަށް ވަޑައިގެން حسن! حسن! އެވެ ވިދާޅުވެފައި އެޒުވާނާއާ އޮޅުލައިވަޑައިގެންފި. އެއަށްފަހު އޭނާ سيـر އާ މުޚާޠަބު ކުރައްވައި ވިދާޅުވި. "މިއީ އަޅުގަނޑުގެ ކޮއްކޮއެއް!"

سيـر ވަރަށް ހޫނު ތަރުޙީބަކާއެކު حسن އާ މުސާފަޙާ ކުރެއްވިއެވެ. سعد އެބައިމީހުންގެ އެހެން ކޮމާންޑަރަކު ތަޢާރުފު ކުރައްވަމުން ވިދާޅުވިއެވެ. "މިއީ أحمـد— އަޅުގަނޑުގެ އަނެއް ކޮއްކޮ! ކަލާ ވާނީ މީނާ معـتـمـد އާއި ރަމީކިއްޔާއަށް ހެއްދެވި ޅެން އަޑުއައްސަވައިފައި— މިއީ إدريـس بـن عبـدالجبّــار. މިއީ އަޅުގަނޑުގެ އެކުވެރި إلـيــاس..... މިއީ އަޅުގަނޑުގެ ބޮޑުބޭބެ المـــاس." سعد އޭނާގެ ރަޙުމަތްތެރީންނާއި ގާތްބޭފުޅުން ތަޢާރުފުކޮށް ދެއްވުމަށްފަހު أحمـد އާ ދިމާޔަށް އެނބުރިވަޑައިގެން ސުވާލު ކުރެއްވިއެވެ. "ބައްޕާފުޅު ކޮބައިތޯ؟"

"އަޅުގަނޑުމެންނާއެކު ވަޑައިގެންނެވި." أحمـد ވަށައިގެން ހޯއްދަވާލައްވައިފައި ވިދާޅުވިއެވެ. "ބައްޕާފުޅު އަޅުގަނޑުމެންނާ އެކުގައި ވަޑައިގެންނެވި!"

سعد އޭނާގެ ކޮއްކޮމެން ގޮވައިގެން ބައްޕަ ހޯއްދަވަން ނުކުމެވަޑައިގެންފިއެވެ. سيـر بــن أبى بـكـر ވެސް އެބޭފުޅުންނާ ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭފުޅުންނަށް عبـدالمـنعــم ފެނިވަޑައިގެންނެވިއިރު އޭނާ އިންނެވީ ޒަޚަމުވެފައިވާ މީހެއްގެ މުލައްދަނޑީގައި ބޭސް އަޅުއްވައިދެއްވާށެވެ. އެބޭފުޅުން އިރުކޮޅަކު އޭނާގެ އަރިހުގައި ތިއްބެވިއެވެ. عبـدالمـنعــم ބެންޑޭޖު ކުރައްވައި ނިންމަވައިފައި ތެދުވެވަޑައިގެންނެވުމުން سعد ވިދާޅުވިއެވެ. "ބައްޕާފުޅާ! މިހުންނެވީ أميــرالبحـر سيـر بــن أبى بـكـر! އޭނާ އެހުންނެވީ ބައްޕާފުޅާ ބައްދަލުކުރައްވަން ވަރަށްބޮޑަށް ޝައުޤުވެރިވެވަޑައިގެންފައި."

عبـدالمـنعــم ނުހަނު ޝައުޤުވެރިކަމާއެކު سيـر އާ މުސާފަޙާ ކުރެއްވިއެވެ. އެވަގުތު ބަރުބަރީ ޤަބީލާތަކުގެ ވަރަށްގިނަ ޝައިޚުންނާއި ސިފައިންގެ ވަރަށްގިނަ އޮފިސަރުން عبـدالمـنعــم ގެ އަރިހަށް ޖަމާވެވަޑައިގެންފިއެވެ.