ކ. މާފުށިން ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެ ސިއްހީ ހިދުމަތްތެރިންނަށް ޖެހިއްޖެ އެވެ.

މާފުށީ ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެ އެރަށް މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް 148 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

މާފުށީ ހެލްތު ސެންޓަރުގެ މެނޭޖަރު ސަލްމާން ރަޝީދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މާފުށިން ކޮވިޑް ކޭސްތައް ފެނުނުތާ މިއަދަށް ހަ ދުވަސްވީ އިރު ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. އަދި ހެލްތު ސެންޓަރުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ގިނަ އަދަދެއްގެ ނަރުހުން ކަރަންޓީނުވާން ޖެހުމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށެވެ.

"ހަ ދުވަސް ތެރޭގަ ފުދޭ ވަރަކަށް ގިނަ މީހުން ޕޮޒިޓިވް ވެއްޖެ. ޕޮޒިޓިވް ވާ މިހުންނާއި ކޮންޓެކްވާ މީހުންގެ އަދަދުވެސް ފުދޭ ވަރަކަށް ގިނަ. ދެން އޭގެތެރޭގަ އެބައުޅޭ ހެލްތު ސެންޓަރުގަ މަސައްކަތް ކުރާ ނަރުހުންނާއި ޑޮކްޓަރުންވެސް. މިވަގުތު ސިއްހީ ހިދުމަތްތެރިން ވަރަށް މަދު. އެހެންވެ އަޅުގަނޑުމެން ވަރަށް ބޮޑަށް ސިއްހީ ހިދުމަތްތެރިން އެބަ ބޭނުންވޭ." އޭނާ ވިދާޅުވި އެވެ.

ސަލްމާން ވިދާޅުވީ ޕޮޒިޓިވް ވާ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ އަދަދު ގިނަ ކަމުން މިވަގުތު ރެންޑަމް ސާމްޕަލް ނުނަގާ ކަމަށެވެ. އަދި މިހާރުވެސް ރަށުގެ އެކި ސަރަހައްދު ތަކުން ގިނަ އަދަދެއްގެ ގެތަކުން މި ބަލި ފެންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް ބައެއް ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި މިއަދު މި ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަން މަޝްވަރާ ކޮށްފައިވާ ކަމަށް ސަލްމާން ވިދާޅުވި އެވެ. އެގޮތުން ކާފިއު އިއުލާން ކުރަން ބޭނުންވިޔަސް މި ވަގުތު މާފުށީގެ ގެސްޓު ހައުސްތަކުގައި ގިނަ އަދަދަކަށް ފަތުރުވެރިން ތިބުމާއި ގުޅިގެން އެ މީހުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ކާފިއު އިއުލާން ކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ހޮޓާ ރެސްޓޯރަންޓްތަކުން ހަމަ އެކަނި ޑެލިވަރީގެ ހިދުމަތް ދިނުމާއި ފިހާރަތައް ހުޅުވި ނަމަވެސް އެކަކަށް ނުވަތަ ގިނަވެގެން ދެ މީހަކަށް ހިދުމަތް ދިނުމަށް މިއަދު އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލްމާން ވިދާޅުވީ މާފުށްޓަކީ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ރަށަކަށް ވީނަމަވެސް މީގެ ކުރިން ޕޮޒިޓިވް ވި އެއްވެސް ފަތުރުވެރިއެއްގެ ފަރާތުން މި ބަލި އާންމުންނަށް ފެތުރިފައި ނުވާ ކަމަށެވެ. އަދި ކަރަންޓީނާ ހިލާފުވި މީހެއްވެސް އެރަށުގައި ނެތް ކަމަށާއި އެހެން ކަމުން ރަށަށް ބަލި އައި ގޮތް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މާފުށީގައި ކޮވިޑް ފެތުރެމުންދާއިރު މާފުށި ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖޭގައި ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަމުންދާއިރު މިހާރު ގިނައިން މީހުން ޕޮޒިޓިވް ވަމުންދަނީ އަތޮޅުތެރޭގެ ރަށްތަކުންނެވެ. މިހާރުވެސް 20 ރަށެއް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފަ އެވެ.