އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްގެ މައްޗަށް ކުރި ހޯދައި، މެންޗެސްޓާ ސިޓީން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ތަށި އުފުލާލައިފިއެވެ.

އިނގިރޭސި ތާރީހީ ސްޓޭޑިއަމް ވެމްބްލީގައި 8،000 ސަޕޯޓަރުންނާއެކު ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަކީ ކޮވިޑް 19ގެ ހާލަތަށްފަހު އިނގިރޭސި ސްޓޭޑިއަމްއަކަށް 5000 އަށްވުރެ ގިނަ ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗެވެ.

މިހާތަނަށް ސިޓީން އަށް ފަހަރު ލީގު ކަޕް ކާމިޔާބު ކޮށްފައިވާއިރު، ތާރީހުގައި އެ މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމުތަކުގެ ތެރޭގައިވެސް ސިޓީ ވަނީ ހިމެނިފައެވެ. އެ މަގާމުގައި މިވަގުތު އެއްވަރުވެފައި އޮތީ ލިވަޕޫލާއި ސިޓީއެވެ.

ރޭގެ ފައިނަލަށް ޓޮޓެންހަމް ނުކުތީ އުމުރުން އެންމެ 29 އަހަރުގެ ރަޔަން މޭސަންގެ އިރުޝާދުގެ ދަށުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޓޮޓެންހަމްގެ ކޯޗުކަމުގައި އޭރުހުރި ޖޯސޭ މޮރީނިއޯ ކްލަބުން ފޮނުވާލުމާއެކު މޭސަން މަގާމާ ހަވާލުވީ ސީޒަން ނިމެންދެނެވެ. މޭސަންގެ ކޯޗިން ކެރިއަރު ހަގު އުމުރުގައި ފެށިފައި ވަނީ 26 އަހަރުގައި ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރިޓަޔާކުރަން މަޖުބޫރުވުމުންނެވެ.

ފައިނަލްގެ ފުރަތަމަ މިނިޓުން ފެށިގެން ސިޓީން ދިޔައީ މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުންނެވެ. ޓޮޓެންހަމްގެ ވިސްނުން ކައުންޓާ ފުރުސަތުތަކަށް ފޯކަސް ކޮށްފައި ހުރިއިރު، ފުރަތަމަ ހާފްގައި ރަހީމް ސްޓާލިން އާއި ރިޔާދު މާރޭޒްއަށް ލިބުނު ފުރުސަތުތައް އެކުޅުންތެރިން ނަގާލިިއެވެ. އަދި ޖާއޯ ކަންސެލޯ ޖެހި ބޯޅަ މަތަކުރީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސްއެވެ.

ޓޮޓެންހަމްއަށް ނުރައްކާތެރި ފުރުސަތެއް ތަނަވަސް ކުރިޔަ ނުދީ ސިޓީގެ ޑިފެންސުން ވަރުގަދައަށް ހުއްޓުވާފައިވާއިރު، މެޗުގެ ހަމައެކަނި ގޯލް، ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓެވެ. މެޗުގެ 82 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ކެވިން ޑިބްރޭނާ ނެގި ބޯޅަ ލަޕޯޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ.

ރޭގެ ތަށްޓަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ހޯދި 30 ވަނަ ތަށްޓެވެ. އޭގެ ތެރެއިން ސިޓީއާ އެކު ހޯދީ ނުވަ ތަށްޓެކެވެ.