ޚަބަރު

ސަބްމެރިންގެ ކްރޫއިން މަރުވި ހާދިސާއާ ގުޅިގެން ރާއްޖޭގެ ތައުޒިޔާ އިންޑޮނޭޝިއާއަށް

އަލީ ޔާމިން

އިންޑޮނޭޝިއާގެ ސަބްމެރިންގެ ކްރޫއިން މަރުވި ހާދިސާއާ ގުޅިގެން ރާއްޖެއިން އެގައުމަށް ތައުޒިޔާ ކިޔައިފިއެވެ.

މިދިޔަ ހަފުތާގައި ގެއްލުނު ސަބްމެރިންގަައި 53 މީހުން ތިބި އިރު، އެ ސަބްމެރިން މިހާރު ވަނީ ކަނޑުގެ 2،800 ފޫޓު އަޑިން ފެނިފައެވެ. އެ ސަބްމެރިން ނެގުމުގެ ފަންނީ ގާބިލުކަން ނެތުމުން އޭގައި ތިބި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އިންޑޮނޭޝިއާގެ އަސްކަރިއްޔާއިން މީގެ ކުރިން ބުނެފައިވެއެވެ. މިއަދު އެ ގައުމުން ވަނީ އޭގައި ތިބި މީހުން މަރުވެފައިވާ ކަމަށް ނިންމައިފައެވެ.

އެކަމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު ރެޓްނޯ އެލްޕީ މަރްސުދީއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ، "ކޭއާރްއެލް ނަންގަލާ 402" ސަބްމެރިންގައި ތިބި މީހުން ސަލާމަތްވުމުގެ އުންމީދު ކަނޑާލި ހަބަރު އެއްސެވީ ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ ހިތާމަވެރި ވަގުތެއްގައިވެސް ކެތްތެރިކަން އިސްކުރުމަށް އެ މެސެޖުގައި މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރު އޮތީ އިންޑޮނޭޝިއާއާ އެކުގައި ކަމަށެވެ. އަދި އެ ހާދިސާގައި ސަބްމެރިންގައި ތާށިވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދިނުމަށްވެސް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.

ގެއްލުނު އިންޑޮނޭޝިއާގެ ސަބްމެރިން އަކީ ޖަރުމަނުގައި އުފައްދާފައިވާ ކޭއާރްއައި މަރުކާގެ ސަބްމެރިންއެކެވެ. މި ސަބްމެރިން ގެއްލިފައިވަނީ އިންޑޮނޭޝިއާގެ ބާލީގެ ކަނޑުގެ އައްސޭރި ފަށުގައި އެގައުމުގެ ކަނޑުގެ ސިފައިން ހިންގި އަސްކަރީ ތަމްރީންތަކެއްގައި މިދިޔަ ބުދަ ދުވަހުއެވެ.