ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ފޮނުއްވައިފިއެވެ.

ޝަރީފު މިއަދު މަޖިލީހަށް ފޮނުއްވި އެ ގަރާރުގައި ބުނެފައި ވަނީ ޖިންސީ ގޯނާ ކުރުމާއި ރޭޕު ކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަށް ރާއްޖޭގައި އިތުރުވެ، އަންހެނުންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަންނަމުންދާ އިރު އެ ކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅި އެފަދަ މައްސަލަތަކަށް އިންސާފު ލިބުން ލަސްވަމުންދާ ކަމަށެވެ.

ރޭޕު ކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދައުވާ ނުކުރުމާއި އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެެޅުން ލަސްވުމުގެ ސަަބަބުން ރޭޕު ކުރުމާއި ޖިންސީ ގޯނާގެ އަމަލުތައް ހިންގުން އިތުރު ވަމުންދާތީ އާއި އެކަމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަމާއި ނާމާންކަން އިތުރުވެ، މަގުމައްޗަށް ނުކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްވެފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ ގަރާރުގައި ވަނީ ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕު ކުރުުމުގެ މައްސަލަތައް މަދު ކުރެވޭނެ ގޮތްތަކެއް ނިޒާމީ ގޮތެއްގައި ރާވައި ހިންގުމަށާއި އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، ޖިންސީ ގޯނާ ކުރުމާއި ރޭޕު ކުރުމުގެ ލާއިންސާނީ އަމަލު ހިންގާ ފަރާތްތަކަށް ހައްގު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަަމަށެވެ.