ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުންދާތީ، މަސްކިރުވުމަށް ދަތިތަކެއް ދިމާވެ މިއަދުން ފެށިގެން ދޯންޏަކުން ކިރޭނީ ހަތަރު ޓަނު މަސް ކަމަށް މިފްކޯ އިން ބުނެފި އެވެ.
މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓު ފަހަރަށް މަސްކިރުވުމަށް އަންނަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުންދާ ކަމަށާއި އެހެންކަމުން މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.
އެހެން ކަމުން މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދޯންޏަކުން ކިރޭނީ ހަތަރު ޓަނުގެ މަސް ކަމަށް މިފްކޯއިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ކޫއްޑޫ އާއި އައްޑޫގައި ކިޔު ނަންބަރު ދޫކޮށްފައިވާ ދޯނިތަކަށް ކޮންޓްރޯލެއް ނެތި މަސްކިރޭނެ ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ.
މިފްކޯއިން ބުނީ ކޯލްޑް ސްޓޯރުތައް ފުރެމުން އަންނާތީ ޖާގަ ހެދުމުގެ ގޮތުން މެދުކެނޑުމެއް ނެތި ކެރިއާ ބޯޓުތައް ގެނެސް ލޯޑުކޮށް، އެކްސްޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
މިފްކޯއިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތްތަކެއް ދިނުމަށް ކަމަށާއި މަސްވެރިންގެ ކަންބޮޑުވުންތައް ބަލައިގަނެ، ދެވޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު