ކޮވިޑު ޖެހުނު ދިވެއްސަކު ހަތަރު މަހުގެ ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ކޮވިޑް ޖެހިގެން އޭނާ އެޑްމިޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. އޭނާއަކީ އުމުރުން 58 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ ދުވަސްވަންދެން ހޮސްޕިޓަލުގައި ފަރުވާދިން މީހާއެވެ.
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑު ޖެހިގެން އެޑްމިޓްކުރި މީހަކު ހަތަރު މަހުގެ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ނަރުހުންނާއި މެޑިކަލް އޮފިސަރުންނާއި ފިސިއޮތެރަޕިސްޓުންނާއި ޑަޔަޓީޝަނުންނާއި ނެފްރޮލިޖިންޓުންނާއި އީއެންޓީ ސާޖަންސް އާއި ރޭޑިއޯ ޓެކްނީޝަނުންނާއި އެނެސްތެސިއޮލޮޖިސްޓުންނާއި އެޓެންޑެންޓުންނާއި ކާޑިއޯލޮޖިސްޓުންނާއި ސާޖަންސް އަދި މުވައްޒަފުން ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައިވާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.
ކޮވިޑު ޖެހިގެން އެމީހާއަށް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ވެސް ވަނީ ފަރުވާދީފައެވެ.