ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މާއުނގޫދޫ އާއި ކޮމަންޑޫގައި ގާއިމުކޮށްފައިވާ މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ށ. އަތޮޅު ފުނަދޫގައި ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިން ހިދުމަތްދެމުން އަންނަ ކަމަށާއި އޭގެ އިތުރުން މިލަންދޫ، މާއުނގޫދޫ އަދި ކޮމަންޑޫގައި ވެސް ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް އެ ބޭންކުން ބުނެއެވެ.
އެކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ށ. އަތޮޅުގައި ބޭންކިން ހިދުމަތް ފުޅާކުރެވޭކަމީ ލިބޭ އުފަލެއް ކަމަށާއި 70 އަށްވުރެ ގިނަ އޭޓީއެމް ސެންޓަރާއެކު މިހާރު މުޅި ރާއްޖޭގެ އެންމެ ފުޅާ ބޭންކިން ވިގުއައާއެކު ހިދުމަތް ދެވޭ ކަމީ އެ ބޭންކުން ފަހުރުވެރިވާކަމެއް ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 132 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު