(22 އޭޕްރީލް ގެ އަދަދާ ގުޅޭ)
މުލޫކުއްޠަވާއިފުންގެ ތެރެއިން މައިދާން ދޫކޮށްލައްވައިފައި ފިލައިވަޑައިނުގެން ސާބިތުވެވަޑައިގެން ހުންނެވީ معـتـمـد ގިނިކަންޏާއެވެ. އިޝްބީލިއްޔާގެ ސިފައިންނަށް އެބައިމީހުންގެ އަމީރުގެ ހިތްވަރުފުޅު ގަދަކަން ފެނުމުން އިޝްބީލިއްޔާގެ ސިފައިންގެ ހިތްތަކުގައި ޣީރަތް އުފެދުނެވެ. އެހެންކަމުން އެބައިމީހުން ގުޑައިނުލައި ސާބިތުވެތިބެ ހަނގުރާމަކުރާން ފަށައިފިއެވެ. އަލްފާންސޫ ބެއްލެވީ އަންދަލުސުގެ ލަޝްކަރުގެ ވިއްސިވިހާލިވެފައިވާ ގެމަތައް ފަނާކޮށްލަން އައްނަވާރުގެ ލަޝްކަރު އެކަނި ފުދޭނެކަމުގައެވެ. އެހެންކަމުން އޭނާ އައްނަވާރުގެ ސިފައިން އެކަމަށް ބައިތިއްބަވައިފައި އޭނާގެ ސަވާރުންނާއިގެން ފަރުބަދަ ވަށައިލައްވައިފައި ވަޑައިގެން أميـر يـوسف ގެ ލަޝްކަރުގެ ވާތްފަރާތަށާއި ކަނާތްފަރާތަށް ޙަމަލަ ދެއްވައިފިއެވެ. އޭރު މުރާބިޠީންގެ ސިފައިންނަށް ވަނީ ތައްޔާރުވާނެ ފުރުޞަތު ލިބިފައެވެ. އެހެންކަމާއެކުވެސް ނަޞާރާއިންގެ ޙަމަލައިގެ ވަރުގަދަކަމުން މުރާބިޠީނުންނަށް މަޖުބޫރުވީ ފަހަތަށް ޖެހިލާށެވެ. މުސްލިމުން ފަހަތަށް ޖެހޭތަން ފެނުމާއެކު ޢީސާއީންގެ ހިތްވަރު އާވެއްޖެއެވެ. ލިޔޫނާއި ފަރަންސޭސިވިލާތު ސަވާރުންގެ ގެމަތައް މުރާބިޠީންގެ ލަޝްކަރުގެ ވާތުފިޔަ ތަޅައި ސުންނާފަތިކުރަމުން ލަޝްކަރުގެ މެދުތެރެޔަށް ހިނގައްޖެއެވެ.
ޢީސާއީންނަށް ވަނީ އެބައިމީހުންނަށް ފަތަޙަ ލިބޭނެކަން ޔަގީންވެފައެވެ. ފަރުބަދައިގެ އަނެއްފަރާތުގައި އިޝްބީލިއްޔާގެ ސިފައިންވެސް ހަނގުރާމަކުރަމުން ގެންދިޔައީ ނުހަނު މާޔޫސުކަމާއެކުގައެވެ. އައްނަވާރުގެ ސިފައިން އިޝްބީލިއްޔާގެ މީހުންގެ ގާތުގައި ބުނަމުން ގެންދިޔައެވެ. "ތިޔަބައިމީހުންގެ އެކުވެރީން މައިދާން ދޫކޮށްލައިފައި ފިލަނީ. ތިޔަބައިމީހުންވެސް ހަތިޔާރު ބަހައްޓާ. އަމިއްލަޔަށް މަރުވުމުން ލިބޭނެ މަންފާއަކީ ކޮބާ؟" އެ ނުސިޔާނު ޙާލަތުގައިވެސް އިސްލާމްދީނަށް ފަތަޙަ ލިބޭނެކަން ފުރިހަމަޔަށް ޔަގީންކުރައްވާ އެއްބޭފުޅަކު ހުންނެވިއެވެ.— އެއީ أميـر يـوسف އެވެ. أميـر يـوسف އޭނާގެ ޖަނަރަލަކަށް އެންގެވިއެވެ. "سيـر! އަޅުގަނޑުމެން ހީކުރާވަރަށްވުރެ މާއަވަހަށް މިހަނގުރާމަ ނިމިދާނެ! އަޅުގަނޑުމެންގެ ފައުޖަށް ކުރިޔަށް އަރަން އަމުރުކުރައްވާ! سعد އަށް އަންގަވާ އޭނާގެ ގެމަތައް ގޮވައިގެން އަންދަލުސީ ސިފައިންނަށް އެހީވެދެއްވަން ވަޑައިގަންނަވާށޭ! އަޅުގަނޑުމެން ބައްދަލުވާނީ ފަރުބަދައިގެ އަނެއްފަރާތުންނޭ!"
أميـر يـوسف އެހެން ވިދާޅުވެފައި ލަޝްކަރުގެ ފަހަތަށް ވަޑައިގެންފިއެވެ. އޭނާގެ ލަޝްކަރުގެ ރިޒާވް ގެމަތަކުގެ ތެރެއިން ފަސްހާސް ސިފައިން ގޮވައިގެން އެއްފަރާތަކަށް ވަޑައިގެންފިއެވެ. ވަރަށް ދުރުން ވަށައިލައްވައިފައި ނަޞާރާއިންގެ މުޢަސްކަރުގެ ފަހަތަށް ވަޑައިގެންފިއެވެ. ބަރުބަރީ ސަވާރުން ބަސްބުނާހައި ކުޑަހިނދުކޮޅަކުން ނަޞާރާއިންގެ މުޢަސްކަރުގެ ފާރަވެރީންތައް ޤަތުލުކޮށް ނިންމައިލުމަށްފަހު ފޭލިގެތަކާއި ފޯރުމާލުތަކުގައި ރޯކޮށްލައިފިއެވެ. أميـر يـوسف ދެވަނަ ފަހަރަށް މިސުރާބު ޖެއްސެވީ ހަނގުރާމައިގެ މައިދާނާ ދިމާޔަށެވެ. އެވަޑައިގެންނެވިގޮތަށް ވަޑައިގެން ދުޝްމިނުންގެ ލަޝްކަރުގެ ކަނާތްފަރާތަށް ޙަމަލަ ދެއްވައިފިއެވެ.
އޭރު سعد بــن عبـدالمـنعــم އަންދަލުސުގެ ލަޝްކަރަށް އެހީވެވަޑައިގަންނަވަން ވަޑައިގެންފިއެވެ. سعد ގެ ބަރުބަރީ ގެމަތައް އައްނަވާރުގެ ސިފައިން އިޝްބީލިއްޔާގެ ލަޝްކަރަށްދޭ ޙަމަލަތައް މަތަކުރަން މަސައްކަތްކުރަނިކޮށް ކަނާތްފަރާތުން ކުއްލިޔަކަށް މުސްލިމް ރިޟާކާރުންގެ ދެގެމަ މައިދާނަށް ނުކުމެއްޖެއެވެ. އެއިން ކޮންމެ ގެމައެއްގައި ފަސްސަތޭކަ އަސްވާރުން ތިއްބެވެ. އެބައިމީހުން اللّـه أكبــر ގެ ނަޢުރާގެ އަޑު އުފުލަމުން ދުޝްމިނުންނާ ޙަމަލަ ދީފިއެވެ. އިސާހިތަކު ރިޟާކާރުންގެ އެހެން ގެމައެއް ވާތްފަރާތުން މައިދާނަށް ވަދެއްޖެއެވެ. އެބައިމީހުންވެސް ކުޑަކޮށްވެސް މަޑުކޮށްލުމެއްނެތި ދުޝްމިނުންނާ ޙަމަލަ ދީފިއެވެ. އަލަށް އައި ގެމަތަކުގައި ހިމެނެނީ އަލްމަރިއްޔާއާއި، މުރުސިއްޔާއާއި، ޣަރުނާޠާއާއި އަލްފައްޖާރުގެ ފަރުބަދަމަތީ ސަރަޙައްދުތަކުގެ ރިޟާކާރުންނެވެ. އެމީހުން ތިބީ ކުޑަކޮށްވެސް ވަރުބަލިނުވެއެވެ. سعد އަށް އެބައިމީހުންގެ ކޮމާންޑަރ ފެނިވަޑައިގަންނަވާއިރަށް އެއީ ކޮންބޭފުޅެއްކަން އެނގިވަޑައިގެންފިއެވެ. سعد އޭނާގެ އަސް އުދުއްސަވަމުން ވަޑައިގެން ކައިރިކޮށްލައްވައިފައި ވިދާޅުވިއެވެ. "ލޯބިވާ ބައްޕާފުޅާ! ތިޔަ އަމުރުފުޅުގައި ބައްޕާފުޅު ހަނގުރާމައިގެ މައިދާނަށް ވަޑައިގެންނެވުމުގެ ބޭނުމެއްނެތް."
عبـدالمـنعــم ހިނިފުޅުވަޑުވައިލެއްވިއެވެ. "ދަރިފުޅާ! ބައްޕަ އަދިޔެއް މުސްކުޅިޔެއް ނުވޭ! ބައްޕަ ޖަލުގެ އަނދިރި ގޮޅިތަކުގައި ރޭތައް ހޭދަކުރީ މިދުވަސް ދެއްކެވުން އަދައިގެން!"
سعد ގެ ނަޒަރު ކުއްލިޔަކަށް އެއްފަރާތަކަށް ހުއްޓިއްޖެއެވެ. أحمـد ދަގަނޑު ދަހަނާގައިހުރި ނަޞްރާނީ އަކާއެކު ބާރު ވަޒަންކުރައްވަމުން ގެންދަވަނީއެވެ. أحمـد ގެ ކަނޑިކޮޅުން ޖައްސަވާ ވަރުގަދަ އެތިއެތިފަހަރުންވެސް އެމީހާގެ ވަރުގަދަ ދަހަނާއަކަށް އަސަރެއް ނުކުރެއެވެ. އެވަގުތު ނަޞާރާއިންގެ އެހެން އަސްވާރެއް ލޮންސިއަމާޒުކޮށްގެން أحمـد އާ ދިމާޔަށް ދާންފަށައިފިއެވެ. سعد އަވަސްއަވަހަށް އޭނާގެ އަހުގައި ހަންމުށި އަޅުއްވައިފިއެވެ. ލޮންސި އެތިފަހަރަކުން އެމީހާ އަސްމަތީން ވައްޓައިލައްވައިފިއެވެ. އޭނާ އަސްމަތީން ވެއްޓޭއިރަށް أحمـد އާ ދިމާކޮށްލައިފިއެވެ. أحمـد ގެ ކަނޑިކޮޅު އެއްފަހަރާ ނަޞާރާއިންގެ ދެމީހުންގެ ކަނޑިޔާ ބައްދަލުވާން ފަށައިފިއެވެ. أحمـد އެދެމީހުންކުރެ އެކަކު ޤަތުލުކުރައްވައިފިއެވެ. އަނެކެއްގެ ވަރުގަދަ ދަގަނޑު ތާކިހަލުގައި ޖެއްސެވުމާއެކު أحمـد ގެ ކަނޑި ބިނދިއްޖެއެވެ. سعد އެހެން އަސްވާރަކު ޤަތުލު ކުރައްވައިފައި أحمـد އާ ދިމާޔަށް އެނބުރިވަޑައިގެންނެވިއިރު أحمـد ހުސްއަތްޕުޅާ އެކިފަރާތްފަރާތަށް އަރައިވަޑައިގެން އެމީހާ ވިދިވިދިގެން ދޫކުރަމުންގެންދިޔަ އެތިއެތިފަހަރުން ރެކިވަޑައިގަންނަވަނީއެވެ. سعد ފަހަތުން ވަޑައިގެން ނަޞާރާއިންގެ ފަހުލަވާނުގެ ބުރަކައްޓަށް ލޮންސި ޖައްސަވައިފިއެވެ. އެމީހާ ބަންޑުން ވެއްޓިއްޖެއެވެ.
أحمـد ދުވެވަޑައިގެންފައި ވަޑައިގެން އެކަލޭގެ ކަނޑި ފިރުއްކަވައިގެންފިއެވެ.
سعد ވިދާޅުވިއެވެ. "އަޅޭ ޝާއިރު! މިހާރު ވަރަށް ރަނގަޅު ސިފައިންގެ މީހަކަށް ވަޑައިގެންފީމު. ކޮއްކޮގެ އަސް ކޮބައިތޯ؟"
"ބޭބޭ! އަޅުގަނޑުގެ އަސް ޒަޚަމުވެއްޖެ!"
سعد ވިދާޅުވިއެވެ. "މިދިމާއަށް ބައްލަވަބައްލަވާ! މިއަންނަ އަހަކީ ކޮއްކޮޔަށް އަންނަ އަހެއް!"
ނަސްރާނީ ސަވާރު އޭރު ގެންދަނީ ވަރަށް ކައިރީގައިހުރި ބަރުބަރީ މުޖާހިދަކާ ހަނގުރާމަ ކުރަމުންނެވެ. سعد އެދިމާޔަށް ވަޑައިގެން އެމީހާގެ އަރިކައްޓަށް ލޮންސި ޖައްސަވައިފިއެވެ. أحمـد ދުވެވަޑައިގެންފައި ވަޑައިގެން އެ އަހުގެ ލަގަނުގައި ހިފަހައްޓަވައިފިއެވެ. އެ ނަޞާރާއިންގެ މީހާ އެއްފަރާތަކަށް ވައްޓައިލެއްވުމަށްފަހު އެ އަހަށް ސަވާރުވެވަޑައިގެންފިއެވެ.
"ކޮއްކޮޔަށް ތިޔަ އަސް ކަމުދޭތޯ؟" سعد ހިނިފުޅު ވަޑުވައިލައްވައިފައި ވިދާޅުވިއެވެ.
"ބޭބެގެ ހަދިޔާ ކަމުނުދާންވީ ކީއްވެތޯ؟"
"حسن ވެސް ވަޑައިގެންނެވިތޯ؟"
އާދެ، حسن އާއި ބައްޕައާއި، إدريـس އާއި، إلـيــاس އާއި، المـــاس އާ ހުރިހައި ބޭފުޅުންވެސް ވަޑައިގެންނެވި. حسن އަލްފާންސޫ ހޯއްދަވަނީ!"
سعد ވިދާޅުވިއެވެ. "ކޮއްކޮގެ އެކުވެރީންގާތު ވިދާޅުވޭ. ދުޝްމިނުންގެ ކުރިމަތީން އެއްފަރާތަކަށް ޖެހިލާށޭ. އަޅުގަނޑުމެން ބޭނުމީ އެބައިމީހުންނަށް ކުރިޔަށް އައުމުގެ ފުރުސަތު ދީފައި އެބައިމީހުން ވަށައިލަން."
އެ މައިދާނުގައި ހަނގުރާމައިގެ ޗާޓު ބަދަލުވާތަން ފެނިވަޑައިގެންނެވުމުން އަލްފާންސޫގެ ސިފައިންގެ އިތުރު ގެމަތަކެއް އައްނަވާރުގެ ސިފައިންނަށް އެހީވާން ފޮނުއްވައިފިއެވެ. ނަމަވެސް މިހާރު އަންދަލުސީ ސިފައިން ހަނގުރާމަކުރަމުން ގެންދަނީ ކުރިޔަށްވުރެ މާއިތުބާރާ އެކުގައެވެ. މާއުންމީދާ އެކުގައެވެ. معـتـمـد ވެސް ވަރަށްބޮޑަށް ޒަޚަމުވެވަޑައިގެންފައި ހުންނެވުމާއެކުވެސް ސިންގާއެއް ފަދައިން ގުގުރައިވަޑައިގަންނަވަމުން ޙަމަލަ ދެއްވަމުން ގެންދަވައެވެ. އަންދަލުސުގެ ސިފައިންގެ ތެރެއިން އިރުކޮޅެއްގެކުރީން މައިދާން ދޫކޮށްލައިފައިދިޔަ މީހުންވެސް އެނބުރިއައިސް އިޝްބީލިއްޔާގެ ސިފައިންނާ ކޮނޑާއިކޮނޑު ޖައްސައިގެންތިބެ ހަނގުރާމަކުރަން ފަށައިފިއެވެ.
* * * * * * * * * * *
ފަރުބަދައިގެ އަނެއްފަރާތުގައި ހަނގުރާމަ ހިނގާލެއް މާވަރުގަދައެވެ. އަލްފާންސޫއަށް ޔަގީންފުޅުވެއެވެ. أميـر يـوسف ގެ ސިފައިންގެ ފައިތިލަތައް މައިދާނުން އުފުރައިލެވިއްޖެ ކަމުގައިވާނަމަ ހަމައެކަނި މިހަނގުރާމައިން ފަތަޙަ ހޯއްދެވުނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ މެދުތެރޭ ކަނޑާ ހަމަޔަށްވެސް އޭނާ ހުއްޓުވޭނެ އެއްވެސްމީހަކު ނުހުންނާނެއެވެ. އެފުރިކާގެ ފައުޖަކީ އަންދަލުސުގެ މުސްލިމުންގެ އެންމެފަހުގެ އުންމީދެވެ. އެ އުންމީދު ގެއްލިއްޖެނަމަ އަންދަލުސުގެ މުސްލިމުންގެ ދިފާޢީ ބާރު އަބަދަށްޓަކައި އިންދިރާސްވީއެވެ. އެހެންކަމުން އަލްފާންސޫ އޭނާގެ ލަޝްކަރުގެ ބޮޑުބައި ޖަމާކުރައްވައިފައިވަނީ އެ މައިދާނަށެވެ. އޭނާއަށް ލިބިވަޑައިގެންނެވި އިބުތިދާއީ ކާމިޔާބުތަކާމެދު އޭނާ ވަރަށް އުފާކުރެއްވިއެވެ. ނަމަވެސް މާގިނަހިނދެއް ނުވެއެވެ. އޭނާގެ މުޢަސްކަރުން އަލިފާނުގެ ހުޅުގަނޑު އަރާތަން ފެންނާން ފަށައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި أميـر يـوسف ގެ ލަޝްކަރުގެ ޠޫފާނީ ގެމަތަކެއް އޭނާގެ ލަޝްކަރުގެ ކަނާތްފަރާތުގެ އަރިމަތި ފަޅައިލައިފައި މެދުތެރެޔަށް ދިމާކޮށްފިއެވެ. އެހައިތަނުން އޭނާއަށް ވިސްނިވަޑައިގެންނެވީ ފަތަޙަ ހޯއްދެވުމަކީ އޭނާ ހީފުޅުކުރައްވައިގެން ހުންނެވިހައި ފަސޭހަފުޅުކަމެއް ނޫންކަމެވެ.
سيـر بــن أبى بـكـر ކުއްލިޔަކަށް ވަޑައިގެން އޭނާގެ ލަޝްކަރުގެ މެދުތެރެއިން ބަރުބަރީ ސިފައިންގެ ގެމަތަކެއް ވަކިކުރައްވައިގެން އެބައިމީހުން ގޮވައިގެން ވަޑައިގެން ނަޞާރާއިންގެ ލަޝްކަރުގެ ވާތްފަރާތަށް ޙަމަލަ ދެއްވައިފިއެވެ. ވާތްފަރާތުގެ ސަފުތަކުގައި ފަރަންސޭސި ނައިޓުން ތިބީ އެކަތައިގެ ފާރުތަކެއް ފަދައިންނެވެ. ނަމަވެސް ބަރުބަރީންގެ ވިދުވަރެއްފަދަ ހަލުއި އަސްވާރުންގެ ކުރިމަތީގައި އެބައިމީހުންނަކަށް އެއްވެސް ބާރެއް ނުދެއްކުނެވެ. سيـر بــن أبى بـكـر އެބައިމީހުން ފައިދަށުލައްވަމުން ވަޑައިގެން أميـر يـوسف އާ ބައްދަލުކުރައްވައިފިއެވެ. އޭރު ބަރުބަރީންގެ އެހެން ޖަނަރަލެއްވެސް ލަޝްކަރުގެ ފަހަތުގެ ގެމަތަކެއް ދެބައިކުރައްވައިގެން ނަޞާރާއިންގެ ލަޝްކަރުގެ ކަނާތުފިޔައަށާއި ވާތުފިޔައަށް އެއްފަހަރާ ޙަމަލަ ދެއްވައިފިއެވެ. ޢީސާއީންވެސް މައިދާނުގެ ވައިބަދަލުވާތަން ފެނުމުން ފިސާރި ވަރުގަދަ ރައްދު ޙަމަލައެއް ދީފިއެވެ. މުރާބިޠީންނަށް އަނެއްކާވެސް ދިފާޢީ ހަނގުރާމައެއް ކުރަމުން މަޑުމަޑުން ފަހަތަށްޖެހޭން ޖެހިއްޖެއެވެ.
ނަމަވެސް ހަމައެވަގުތު އަނެއްކާވެސް އަލްފާންސޫގެ ލަޝްކަރަށް ކަންބޮޑުވާފަދަ އެހެން މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ފަރުބަދައިގެ އަނެއްފަރާތުގައި ހަނގުރާމަކުރަމުން ގެންދިޔަ އައްނަވާރުގެ ސިފައިން އަންދަލުސީންގެ އަތުން ބަލިވެގެން ފިލައިގެން ހިނގައްޖެއެވެ. سعد އެ މަހާޒުން ނިމިވަޑައިގެންނެވުމާއެކު އޭނާގެ ބަރުބަރީ ސަވާރުން ގޮވައިގެން ވަޑައިގެން ޤަޞްޠިލާގެ ލަޝްކަރުގެ ފަހަތުން ޙަމަލަ ދެއްވައިފިއެވެ. މިހާރު އަލްފާންސޫގެ ލަޝްކަރު ވަނީ ހަތަރުފަރާތުން ވަށައިލެވިފައެވެ. އަންދަލުސުގެ ސިފައިންނާއި ރިޟާކާރުންވެސް މުރާބިޠީނުންނާ ބައިވެރިވެއްޖެއެވެ.
އަސުރުވާން ކައިރިވެފައިވަނިކޮށް މުރާބިޠީންގެ ލަޝްކަރުގެ ތެރެއިން ބެރެއްގެ އަޑުއިވޭން ފަށައިފިއެވެ. ބެރުގެ އަޑުއިވުމާއެކު އެފުރިކާގެ ލަޝްކަރު އާ ޖޯޝަކާއި ވަރުގަދަ ފޯރިޔަކާއެކު ހަތަރު ފަރާތުން ޙަމަލަ ވަރުގަދަކޮށްފިއެވެ. އޭރު ޢީސާއީންގެ ލަޝްކަރު ވަނީ ފިކުރުބޮޑުވެފައެވެ. ހާސްވެ ކަންބޮޑުވެފައެވެ. ޢީސާއީން ލަޝްކަރުގެ ފަހަތުން ބަރުބަރީންގެ ގޮނި ފޫވައްޓައިލައިފައި ފަހަތަށްޖެހޭން ފަށައިފިއެވެ. ޢީސާއީން ގާތްގަނޑަކަށް ބައިމޭލެއްހައި ތަނަށް ފަހަތަށް ޖެހުމަށްފަހު އަލުން ސާބިތުވެތިބެ ހަނގުރާމަކުރާން މަސައްކަތް ކުރިއެވެ. ނަމަވެސް އެފުރިކާގެ ހަލުއި އަސްވާރުން ޢީސާއީންނަކަށް އަލުން ސަފުތައް ރުކުރުވުމުގެ ފުރުސަތެއް ނުދިނެވެ.
އެވަގުތު މުރާބިޠީންގެ أميــر ގޮވައިލައްވައިފިއެވެ. "އެންމެފަހު އެތިފަހަރު ޖަހަންވީ ވަގުތު އަތުވެއްޖެ!"
މުރާބިޠީންގެ ލަޝްކަރުގެ ގޮވާމީހުންނާއި އޮފިސަރުން ހަމައެވަގުތު އެބަސްފުޅު ލަޝްކަރުގެ އެއްކޮޅުން އަނެއްކޮޅަށް ހުރިހައި ސިފައިންނަށް އަޑު އިއްވައިފިއެވެ. އެވަގުތު މުރާބިޠީންގެ ލަޝްކަރުގެ ތެރެއިން އަނެއްކާވެސް ބެރެއްގެ އަޑު އިވިއްޖެއެވެ. ދެނަކާ ދެނެއްނެތެވެ. މުރާބިޠީންގެ ސިފައިން ޠޫފާނީ ވައިރޯޅިތަކެއް ފަދައިން ޢީސާއީންނާ ދިމާޔަށް އަރައިގެންފިއެވެ. ޢީސާއީން ފިލަން ދުއްވައިގެންފިއެވެ. އޭރުވެސް އަލްފާންސޫގެ ލަޝްކަރުގެ ދެބައިކުޅައެއްބައި ސިފައިން އޭނާގެ އަރިހުގައި ތިއްބެވެ. އެކަމަކު އެބައިމީހުންނަކަށް ސަހަރާވީ ބަރުބަރީންގެ ހަނގުރާމައިގެ ވައްޓަފާޅި ހުންނަގޮތެއް ނޭނގެއެވެ. أميـر يـوسف އަނެއްކާވެސް އެމަނިކުފާނުގެ ލަޝްކަރުގެ ސަފުތައް ރުކުރުވައިލައްވައިފިއެވެ. ފައިމަތީގައި ހަނގުރާމަކުރާ ސިފައިން އެއްފަރާތަކަށް ޖައްސައިލައްވައިފިއެވެ. ސަވާރުން ތިންބަޔަށް ބެހިގެން ޢީސާއީންގެ ފަހަތުން ފަހައިދާންފަށައިފިއެވެ. ކަނާތްފަރާތުން ދުޝްމިނުން ފަހައިދާ ގެމަތަކުގެ ކޮމާންޑަރަކީ سيـر بــن أبى بـكـر އެވެ. ވާތްފަރާތުގައި އިސްވެހުންނެވީ ބަރުބަރީންގެ އެހެން ޖަނަރަލެކެވެ. ދެފަރާތުގެ ގެމަތަކުގެ މެދުގައިހުރި ޠޫފާނީ ގެމަތަކަށް މަގުދައްކަވަނީ أميـر يـوسف އެވެ. މުރާބިޠީން ދުޝްމިނުން ފަހަމުން ގެންދިޔައީ ވަށްބުރެއްގެ ދެބައިކުޅަ އެއްބައިހެން އެތުރިގެންނެވެ. ވާތްފަރާތާއި ކަނާތްފަރާތުގެ ސަވާރުން ދުޝްމިނުން ވަށައިލުމުން އެބައިމީހުން މަރުގެ ނިދީގައި ނިންދަވަނީ ފަހަތުން އަންނަ ސަވާރުންނެވެ. އަލްފާންސޫއަށް ހީފުޅުވީ ސަހަރާގެ އަހުލުވެރީންގެ އަސްލު ހަނގުރާމަ އަދި ކިރިޔާ ފެށުނީހެންނެވެ. އޭނާގެ ލަޝްކަރުގެ ފައިމަތީ ހަނގުރާމަކުރާ ސިފައިންވީ ފަހަތުގައެވެ. ބައިމީހުން ނިމިގެންދާނެ ގޮތާމެދު އަލްފާންސޫ މިހާރު ކުޑަކޮށްވެސް ޝައްކެއް ނުކުރައްވައެވެ. އޭނާގެ ސަވާރުން ފަހައި އަންނަނީ އޭނާގެ ސަވާރުންގެ އަސްތަކަށްވުރެ މާބާރަށް ދުވާ އަސްތަކެއްގެ ސަވާރުންނެވެ. ޢީސާއީން އެތައްފަހަރަކު އެމީހުންގެ ގޮނީގެ ތެރެއިން ނުކުމެ އެކިފަރާތްފަރާތަށް ވިއްސިވިހާލިވެގެން ސަލާމަތްވެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް މުރާބިޠީންނާ އެބައިމީހުންނަށް ކާމިޔާބުވިޔަކަ ނުދެއެވެ. މުރާބިޠީންގެ ސަވާރުން އެމީހުން ވަށައިލުމަށްފަހު މަޖުބޫރު ކުރުވަނީ ސީދާ ކުރިޔަށްދާށެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު