ލ. ގަމުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލައިފިއެވެ.
ގަމު ކައުންސިލް ނައިބު ރައީސް އަހުމަދު ޝަމްއޫން "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ ގަމުން މިހާތަނަށް ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ތިން މީހުންނަކީވެސް ގުޅިފައިވާ މާންދޫން ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުން ކަމަށްވެސް ވިދާޅުވިއެވެ.
އާބާދީގައި 5000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ގަން މިހާރު މޮނިޓަރިންއަށް ލާފައިވާ އިރު، ގަމާ ގުޅިފައި އޮންނަ މާންދޫންވެސް ބަޔަކު ޕޮޒިޓިވްވެ އެ ރަށްވެސް ވަނީ މޮނިޓަރިންއަށް ލައިފައެވެ. އަދި ގުޅިފައި އޮންނަ ފޮނަދޫވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ގަމުން ޕޮޒިޓިވް ވެފައިވަނީ މުކުރިމަގު އަވަށަށް ނިސްބަތްވާ ބައެއް ކަމުން އެރަށުގައި އެއް އަވަށުން އަނެއް އަވަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދިއުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަމުން ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓުވި މީހުން ވީހާވެސް އަވަހަކަށް އެކަން ގަން ރީޖަނަލް ހޮސްޕިޓަލަށް އެންގުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ގަމުން ފޮނަދުއަށް އަދި ފޮނަދޫން ގަމަށް ދެވޭނީވެސް ކައުންސިލުގެ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. އަދި ގުޅިފައިވާ އެހެން ރަށްތަކަށްވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދިއުމަށް އިލްތިމާސްކޮށްފައިވާ އިރު، އެ ސަރަހައްދުގެ ވައިގެ ބަނދަރު އޮންނަ ކައްދުއަށްވެސް ދެވޭނީ ހާއްސަ ހުއްދައިގެ ދަށުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް އިތުރު ވަމުންދާ އިރު، އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. މިހާތަނަށް 21 ރަށެއް ވަނީ މޮނިޓަރިން އަށް ލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު