ދުނިޔެ

ޗައިނާއަކަށް އަމާނެއް ނުދޭނަން، ބުލީއެއް ނުކުރެވޭނެ: އޮސްޓްރޭލިއާ

ޗައިނާ ރުއްސުމަށްޓަކައި އޮސްޓްރޭލިއާގެ އިސްތިގުލާލާއި ގަބޫލުކުރާ ގަބޫލުކުރުންތައް ދޫކޮށް ނުލާނެ ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ޕީޓާ ޑަޓަން ވިދާޅުވެއްޖެއެވެ.

ޑަޓަން އެހެން ވިދާޅުވެފައި ވަނީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ބައިވެރިވުމަށް ވިކްޓޯރިއާ ސްޓޭޓުން ނިންމި ނިންމުން، މައި ސަރުކާރުން ބާތިލުކުރަން ނިންމުމުން އޮސްޓްރޭލިއާ އާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ޗައިނާއިން ދިނުމުންނެވެ. އެ އެއްބަސްވުން ބާތިލު ކުރީ އެއީ އޮސްޓްރޭލިއާގެ ފޮރިން ޕޮލިސީއާ ހިލާފު އެއްބަސްވުމެއް ކަމަށް ބުނެއެވެ. އެ ނިންމުމާ ގުޅިގެން ޗައިނާ އިން ވަނީ އޮސްޓްރޭލިއާގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓަށް ޝަކުވާ ހުށަހަޅައިފައެވެ.

މި މައްސަލައާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވެންގް ވެންބިން ވިދާޅުވީ، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ސަރުކާރުން ސިޔާސީ ކަންކަމަށް އަތްގަދަކޮށް، ބުލީކުރަމުންދާ ކަމަށެވެ. އަދި ވިކްޓޯރިއާ ސްޓޭޓްގެ އެއްބަސްވުން ބާތިލުކުރުމަކީ ހީނަރުވެފައިވާ އޮސްޓްރޭލިއާ އާއި ޗައިނާގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޑަޓަން ވިދާޅުވީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި ބައިވެރިވުމަށް އޮސްޓްރޭލިއާ ސްޓޭޓުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށެވެ. އަދި އޮސްޓްރޭލިއާ އިން ޗައިނާ ހިމެނޭހެން ވަރަށް ގިނަ ގައުމުތަކާއެކު މުހިންމު ޑިޕްލޮމެޓިކް ގުޅުންތަކެއް އެބަ އޮތް ކަމަށާއި ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގަބޫލުކުރުންތަކަށް އޮސްޓްރޭލިއާ އިން ބޮލެއް ނުލަނބާނެ ކަމަށް ވިދާޅުވިއެވެ.

ޑަޓަން އިތުރަށް ވަނީ ޗައިނާ އިން އޭޝިއާ ސަރަހައްދުގައި އަސްކަރީ ބޭސްތައް ހަދައި، ސައިބާ ހަމަލާތައް ދެމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެއީ އެކުވެރިއެއްގެ ފަރާތުން ފެންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ވިޔަފާރީގެ މުހިންމު ގުޅުމެއް އޮންނަކަން އޮސްޓްރޭލިއާ އިން ކަށަވަރު ކުރަންޖެހޭ. ނަމަވެސް ޗައިނާ އަދި އެހެން ގައުމުތަކުންވެސް ގަބޫލުކުރަން ޖެހޭނެ ކަމަކީ އޮސްޓްރޭލިއާއަކަށް ބުލީ ނުކުރެވޭނެކަން،" ޑަޓަން ވިދާޅުވިއެވެ.

''ވަން ބެލްޓް، ވަން ރޯޑް އިނީޝިއޭޓިވް" (ބީއާރްއައި) އަކީ ޗައިނާ އިން ޔޫރަޕުގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކާއި އެފްރިކާގެ ގައުމުތަކާ އޮންނަ އިގުތިސާދީ، އިޖްތިމާއީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓެޖީއެވެ.