ދިރާގު ދިވެހި ޕްރިމިއާ ލީގުގައިރޭ ކްލަބު ވެލެންސިއާ ބަލިކޮށް، ޔޫވީން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

ގައުމީ ދަނޑުގައި ރޭ ކުޅުނު މެޗު 3-1 އިން ޔޫވީ ކާމިޔާބު ކޮށްފައިވާ އިރު، މިއީ އެޓީމުން ދެވަނަ ބުރުގައި އެންމެފަހުން ކުޅުނު ތިން މެޗުން ހޯދި ތިންވަނަ މޮޅެވެ. ރޭގެ ބައްޔަކީ ސީޒަންގައި ވެލެންސިއާ ވި ދެވަނަ ބައްޔެވެ. އޭގެ ކުރިން ވެލެންސިއާ ބަލިވެފައި ވަނީ މާޒިޔާ އަތުން އެކަންޏެވެ.

މި މޮޅާއެކު ޔޫވީ ހަތް ވަނައަށް އަރާފައިވާ އިރު، އެޓީމަށް 14 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. މިވަގުތު ފުލުގައި އޮތް ސަސްއަށް 13 މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، މާދަމާ ރޭ ދަ ގްރާންޑޭ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ސަސްއަށް އަލުން ހަތް ވަނައިގައި ދެ ވަނަ ބުރު ނިންމާލެވޭނެއެވެ.

މެޗުގެ ފުރަތަމަ ހަމަލާތައް އުފައްދައި ލީޑު ނެގީވެސް ވެލެންސިއާ އިންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އަކޫ ފޮނުވާލި ހިލޭ ޖެހުމެއް ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު އަލީ ނާޖިހު (ނާޖީ) މަތަކުރި ނަމަވެސް އޭގެ ހަ މިނިޓް ފަހުން ވެލެންސިއާ އިން ވަނީ ބޯހަސް ޖެހި ގޯލުން ލީޑު ނަގައިފައެވެ. ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާ ރޮނގު ކައިރިން ކަހަލަ ގޮތަކަށް ބޯހަސް އަށް ލިބުމުން އޭނާ އެ ބޯޅަ އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ.

ވެލެންސިއާގެ ގޯލަށް މާ ގިނައިރެއް ނުވެ، ލިބުނު ޕެނަލްޓީ އަކުން އިސްމާއިލް އީސާ (މެސީ) ވަނީ ޔުނައިޓެޑް ވިކްޓްރީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ހާފު ނިމުމުގެ ކުރިން ފަހަތުން އަރާ ލީޑުވެސް ނެގިއެވެ. މެސީ ނެގި ކޯނަރެއްގައި ޔުނައިޓެޑް ވިކްޓްރީގެ މުހައްމަދު އާރިފް (ބަކާ) ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ދެވަނަ ހާފުގައި ވެލެންސިއާގެ ނުރައްކާތެރި ދެތިން ހަމަލާއެއް ޔޫވީގެ ޒުވާން ގޯލްކީޕަރު ނާޖީ ދިފާއުކޮށްފައިވާ އިރު ވިދުން ގަދަވަމުން އަންނަ ނާޖީއަކީ ރޭގެ މެޗުގައިވެސް މޮޅު ކުޅުންތެރިޔާއެވެ. މެޗަށްފަހު ޔޫވީގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) ވަނީ ނާޖީގެ ކުޅުން ފާހަގަކޮށްފައެވެ. އަދި ދިވެހި ގޯލްކީޕަރަކު ލީގުގައި ދައްކަމުން އަންނަ އުންމީދީ ކުޅުމަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.