މުދާ ހަލާކުވަންދެން ބަހައްޓައި އެތަކެތި އުކާލުމަކީ އިސްރާފުކުރުމަށް ވުރެވެސް ނުބައި ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ކާބޯތަކެތީގެ ނިއުމަތައް ޝުކުރުވެރިވުމާއި އިސްރާފު ނުކުރުން" މި މައުލޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އިންސާނުންނަށް މިއަދު ކުރިމަތިވެފައިވާ އިޖުތިމާއީ ބަލިތަކުގެ ތެރޭގައި ފާސިގުކަމާއި އިސްރާފުކުރުން ހިމެނޭ ކަމަށެވެ. އަދި ބައެއްގެ މައްޗަށް ތަނަވަސްކަން އަތުވެއްޖެނަމަ މިކަންކަމުގެ ދޮރުތައް ހުޅުވިގެން ހިނގައިދާނެ ކަމަށާއި ބަޔަކަށް މުއްސަނދިކަން ލިބިއްޖެ ނަމަ ބޮޑާވެ، ބޭކާރު ގޮތުގައި މުދާތައް އިސްރާފުކުރަން ފަށާނެ ކަމަށްވެސް ބުންޏެވެ.
އެކަން ބަޔާންކުރައްވާ ﷲ ތައާލާ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ﷲ އެކަލާނގެ (އެންމެހައި) އަޅުންނަށް ރިޒްގު ތަނަވަސްކޮށްދެއްވައިފިނަަމަ، ބިމުގައި އެއުރެން ބޮޑާވެ، އަނިޔާވެރިވެގެންފީހެވެ." މިހެންވެ، އިސްރާފު ނުކުރުމަށް އަމުރުކުރައްވައި ﷲ ތައާލާ ވަހީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. އަދި އިސްރާފުނުކުރާށެވެ. ހަމަކަށަވަރުން އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."
ހުތުބާގައި ބުނީ، ހެޔޮ ގޮތުގައި ކާބޯތަކެތީގެ ބޭނުން ނުހިފައި، އޭގެ ހައްގުު އަދާނުކޮށް ގުދަންކޮށްފައި ބެހެއްޓުމަކީވެސް އިސްރާފުކުރުން ކަމަށެވެ. އަދި މުދާ ހަލާކުވަންދެން ބަހައްޓައި އެތަކެތި އުކާލުމަކީ އިސްރާފުކުރުމަށް ވުރެވެސް ނުބައި ކަމެއް ކަމަށާއި އެއީ ނިއުމަތުގެ ވެރިފަރާތައް ޝުކުރު ނުކުރުން ކަމަށްވެސް ބުންޏެވެ.
"ދެވަނަ ފަހަރަށް ބޭނުން ކުރެވިދާނެ ކާއެއްޗެހި އުކާނުލައި އެތަކެތީގެ ބޭނުންކުރުމަށް އިސްލާމް ދީން ބާރު އަޅައެވެ. ކާބޯތަކެއްޗަކީ ﷲގެ ނިއުމަތެކެވެ. މި ތަކެތި އުކާލުމަކީ ނިއުމަތުގެ ވެރިފަރާތަށް ޝުކުރު ނުކުރުމެވެ. މުދާ ހަލާކުވަންދެން ބަހައްޓައި އެތަކެތި އުކާލުމަކީ އިސްރާފުކުރުމަށްވުރެވެސް ނުބައި ކަމެކެވެ." ހުތުބާގައި ބުންޏެވެ.
މިއަދު އިސްރާފު ކުރަނީ ހަމައެކަނި މުއްސަނދިން ނޫންކަން ފާހަގަކޮށް ހުތުބާގައި ބުނީ ތަނަވަސް މީހުންނާ ފައިހަމަކުރުމުގެ ބަހަނާގައި އަތްމަތި ދަތި މީހުންވެސް ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ކުރުމަށްޓަކައި ދަރަނި ނަގަމުންދާތަން ފެންނަ ކަމަށާއި އެއީ މުސްލިމުންގެ ސިފައެއް ނޫން ކަމަށެވެ.
ހުތުބާގައި އިތުރަށް ވަނީ، ގަސް އިންދުމާއި ދަނޑުގޮވާން ކުރުމާއި އަމިއްލަ އުފެއްދުންތައް އިތުރުކޮށް، ކާބޯތަކެތި އުފެއްދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި މުދާ ހެޔޮގޮތުގައި ބޭނުންކޮށް އިސްރާފު ނުކުރުމަށްވެސް ވަސިއްޔަތް ކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު