ހަޔާ އެޑިއުކޭޝަންގެ ކޯޕަރޭޓް ސްކޮލާޝިޕް ސްކީމްގެ ދަށުން، އެމްޑަބްލިޔުއެސްސީގެ ފަރާތުން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، އެ ދާއިރާއިން ބެޗްލާސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރުމަށް ހަތަރު ދަރިވަރަކު ސްޕޮންސާކޮށްދީފިއެވެ.

ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް އިފްތިތާހުކުރުމުގެ ގޮތުން، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ ހާއްސަ ވާޗުއަލް ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޑަބްލިޔުއެސްސީގެ ފަރާތުން ސްޕޮންސާ ކުރާ ހަތަރު ދަރިވަރުން ތަމްރީނު ކުރެވޭނީ އޯޑިއޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ، މި ދާއިރާތަކުންނެވެ. ހަތަރު އަހަރު ދުވަހުގެ މި ކޯސްތައް ފުރިހަމަކުރުމަށް 2.3 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރުމަށް އެ ކުންފުނިން ވަނީ ކަނޑައަޅައިފައެވެ.

ރާއްޖޭގައި ތެރަޕީ ހިދުމަތްތަކަކީ އާންމު ރައްޔިތުން ހޯދުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ހިދުމަތްތަކެކެވެ. ނަމަވެސް، މި ދާއިރާއިން ހާއްސަވެގެން ތަމްރީން ލިބިފައިވާ މީހުން މަދުކަމާއެކު މި ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ދަތިތަކެއް ދިމާވެފައެވެ.