ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ނައިބުގެ މަގާމަށް ރައީސް އައްޔަން ކުރެއްވީ މ. ހިޔަމަ އަލީ މާޖިދުއެވެ.

އަލީ މާޖިދަކީ ނ. އަތޮޅު ކައުންސިލް މެންބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލީ މާޖިދު މި މަގާމަށް އައްޔަނުކުރުމުގެ ކުރިން، އިންޓީރިއާ ޑިޒައިނިންގެ އަދި ޕްރޮޖެކްޓް މެނޭޖްމަންޓުގެ މަސައްކަތްތަކެއް ވެސް ދިޔައީ ކުރައްވަމުންނެވެ.

މީގެ ކުރިން އަލީ މާޖިދު ވަނީ ނޮދާން ޔޫޓިލިޓީސްގެ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމާއި ޕްލޭންކްޓަންސް ބީޗް ހޮޓެލް އަދި މޯނިން ސަންރައިސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ. މީގެ އިތުރުން އަމިއްލަ ގޮތުން މަސައްކަތްކުރާ އެކި ކުންފުނިތަކުގެ އިސް މަގާމުތައްވެސް އޭނާ ވަނީ ފުރުއްވައިފައެވެ.

އަލީ މާޖިދު ވަނީ މަންދު ކޮލެޖުން ޑިޕްލޮމާ އިން ބިޒްނަސް މެނޭޖްމަންޓް ހާސިލުކުރައްވައިފައެވެ. މީގެ ކުރިން އޭނާ ވަނީ ސެޓްފިކެޓް އިން ޓްރެވަލް އެންޑް ޓުއާ އޮޕްރޭޝަންސް ކޯސްވެސް ފުރިހަމަކުރައްވައިފައެވެ.