ޔޫރަޕް ފުޓުބޯޅައިގެ ވަރުގަދަ 12 ކްލަބެއް އެކުވެ އިއުލާން ކުރި ޔޫރަޕިއަން ސުޕަ ލީގު މިވަގުތު އޮތީ ސްޓޭންޑް ބައި މޯޑްގައި ކަމަށް ވަގުތީ ޗެއާމަން، ރެއާލް މެޑްރިޑްގެ ނުފޫޒުގަދަ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބުނެފިއެވެ.
ޔޫއެފާގެ އިތުރުން ފީފާގެ އުސޫލުންވެސް ބޭރުން ވަރުގަދަ 12 ކްލަބެއް ވެގެން ސުޕަ ލީގެއް އިއުލާން ކުރުމާއެކު ފުޓުބޯޅަ ވަނީ ހަނގުރާމައަކަށް ގޮސްފައެވެ. ކްލަބުތަކުގެ ކުޅުންތެރިންނާއި ކޯޗުންވެސް ވެރިންނާ ދެކޮޅަށް ވާހަކަ ދައްކާފައިވާއިރު، ޔޫއެފާއިން ވަނީ ކްލަބުތަކަށް ހަރުކަށި އިންޒާރުތަކެއްވެސް ދީފައެވެ. އިނގިރޭސި ޕްރައިމް މިނިސްޓަރުވެސް އެކަމާ ދެކޮޅަށް ތެދުވެ ވަޑައިގެންފައިވާއިރު، 48 ގަޑިއިރުގެ ތެރޭގައި ސުޕަ ލީގު ފުނޑިގެން ދިޔައީވެސް އިނގިރޭސި ކްލަބުތަކުގެ ސަބަބުންނެވެ.
އިނގިރޭސި ކްލަބުތަކުގެ ސަޕޯޓަރުން މުޒާހަރާވެސް ކޮށްފައިވާއިރު، އެ ކްލަބުތަކުން ނަން ނަގަން ބޭނުން ވުމާއެކު ސުޕަ ލީގު ވަނީ ކުރިއަށް ނުގެންދެވިފައެވެ. ސުޕަ ލީގު ހުއްޓުނުތާ 24 ގަޑިއިރު ފަހުން ޓީވީއަށް ދިން ފުރަތަމަ އިންޓަވިއުގައި ރެއާލްގެ ރައީސް ޕެރޭޒް ވަނީ ލީގު މަރު ނުވާ ކަމަށް ބުނެފައެވެ. އަދި ސުޕަ ލީގުން އިނގިރޭސި ކްލަބުތައް ނަން ނެގީ މަޖުބޫރު ކޮށްގެން ކަމަށްވެސް ޕެރޭޒް ވަނީ ބުނެފައިވެއެވެ.
"އަހަރެމެން އަދިވެސް މަސައްކަތް ކުރާނަން، ސުޕަ ލީގު އަދި މަރެއް ނުވޭ. މިހާރު އެކަމަކު ސުޕަ ލީގު އޮތީ ސްޓޭންޑް ބައިގައި. އަދި ހުރިހާ ކްލަބުތައް ލީގު ދޫކޮށެއް ނުވެސް ދޭ. ރެއާލް، ބާސާ އަދި ޔުވެންޓަސްވެސް އަދި ތިބީ ސުޕަ ލީގުގައި. އެހެން ކޮންޓްރެކްޓަކުން ބޭރުވެސް ނުވެވޭނެ. އެއްބަސްވުން އޮތީ ނިމިފައި،" ޕެރޭޒް ބުނެފައިވެއެވެ.
އުމުރުން 74 އަހަރުގެ ޕެރޭޒް ބުނެފައި ވަނީ ސުޕަ ލީގުގެ ފައިދާ އާއި ސުޕަ ލީގުގެ ވިސްނުން މީހުންނަށް ދޭހަ ނުވީ ކަމަށާއި، އެންމެ ދަށު ދަރަޖައިގެ ކަމަކަށް ފެނުނީ ޔޫއެފާގެ އިންޒާރުތައް ކަމަށެވެ. މިދިޔަ 20 އަހަރުވެސް އެފަދަ ހަޑި ކަމެއް ފުޓުބޯޅައިގައި ނުހިނގާ ކަމަށް ޕެރޭޒް ބުނެފައިވާއިރު، އޭނާ ބުނެފައި ވަނީ އިނގިރޭސި ކްލަބުތަކުގެ ތެރޭގައި އެންމެ ފުރަތަމަވެސް އެ ޕްރޮޖެކްޓަށް ޝައްކުތަކެއް ހުރި ކަމަށެވެ. އަދި އެ ޝައްކުތަކަކީ ޕްރޮޖެކްޓް ފެއިލްވި އެއް ސަބަބު ކަމަށްވެސް ޕެރޭޒް ފާހަގަކުރިއެވެ.
ރޭގެ އިންޓަވިއުގައި ޕެރޭޒް ވަނީ ޔޫއެފާ ރައީސަށް ހޫނު ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި ޗެލްސީ ސްޓޭޑިއަމް ބޭރުގައި މުޒާހަރާ ކުރުވީ ވަކި ބަޔަކު ރާވައިގެން ކަމަށާއި، އެތަނަށް އެއްވެ ތިބީ އެންމެ 40 މީހުން ކަމަށްވެސް ޕެރޭޒް ބުނެފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު