ބަރުލަމާނީ ނިޒާމުގެ ކެމްޕެއިންގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަން ނޯޓު ކުރަން ފަށައިފިއެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން އަންނަ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައި އެކުލަވާލި އެ ލިސްޓުގައި މިރޭ 9:00 އާ ހަމައަށް ވަނީ 54 މެންބަރުން ނަން ޖައްސަވައިފައެވެ.

ސަތޭކަ ފަންސާހެއްހާ މެންބަރުން ތިއްބަވާ އެ ގްރޫޕުގައި އެކުލަވާލާފައިވާ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ 20 އަކަށް މެންބަރުން ވެސް ވަނީ ނަން ނޯޓު ކުރައްވައިފައެވެ. އޭގެތެރޭގައި، ރައީސް ނަޝީދަށް އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި ގޮއިދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް ހިމެނިވަޑައިގަންނަވައެވެ.

ދާދިފަހުން ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވުމަށް މެސެޖެއް ވެސް ކުރައްވައިފައެވެ. ރައީސް ސޯލިހަށް ރައީސް ނަޝީދު ކުރެއްވި އެ މެސެޖުގައި ވަނީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ވަނަ އަހަރު ނުބާއްވައި، ފަސްކުރުމަށްވެސް ނަޝީދު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.

2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ކުރިން، ގާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތަކަށްވުމަށް ހުށަހަޅުއްވާ ކަމަށްވެސް ނަޝީދުގެ މެސެޖުގައިވެއެވެ.

"2023 ގެ ފެބްރުއަރީގައި ބަރުލަމާނީއަށް ބަދަލުކޮށް، މިހާރު މަޖިލީހުން ސަރުކާރު އެކުލަވާލައި، އަދި 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުން، 2024 ގައި މަޖިލިސް އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނުގައިވާ ގޮތަށް މަޖިލިސް އިން ކަނޑައަޅާ މީހަކަށްވުން،" ރައީސް ސޯލިހަށް، ނަޝީދު ކުރެއްވި މެސެޖުގައިވެއެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖާ ގުޅިގެން، ރައީސް ސޯލިހު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

"ރައީސް ނަޝީދަށް ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި ވިދާޅުވި ރައީސް ނަޝީދަށް އަބަދުވެސް ވާހަކަދެއްކެވޭނެއޭ. އެ ފުރުސަތު އަބަދުވެސް އޮންނާނެ ވާހަކަ ވިދާޅުވި. އެކަމަކު ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލު ކުރުމާ ގުޅޭގޮތުން އެއްވެސް އިތުރު ވާހަކަފުޅެއް ނުދައްކަވާ. ރައީސް ވިދާޅުވާން ބޭނުންފުޅުވާ ވާހަކަފުޅު އެއޮތީ ލިޔުމުން ވިދާޅުވެ ނެރުއްވާފަ." ރައީސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް މީގެކުރިން "ވަން" އަށް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ގެނެސް، ބޮޑުވަޒީރުކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ދެންނެވުމުން ރައީސް ނަޝީދަށް ވަނީ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައެވެ.