އއ. މަތިވެރިން 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް "ވަން" އަށް މިއަދު ވިދާޅުވީ، އއ. ބޮޑުފޮޅުދޫން މީގެ ދެ ދުވަސް ކުރިން ޕޮޒިޓިވްވި އެރަށުން ދިޔަ މީހެއް ކަމަށާއި އެ ކޭސްއާ ގުޅިގެން އިއްޔެ އެ ރަށުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ މީހުންނާއި ރެންޑަމްކޮށް 15 ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 10 ސާމްޕަލެއް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށާއި އެއާއެކު މިއަދު އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޭސްތަކާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ އިރު ވަރަށް ގިނަ އަދަދެއްގެ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި 300 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަަށް ވިދާޅުވިއެވެ.

އެ ކޭސްތަކާ ގުޅިގެން މަތިވެރީގައި ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ނުކުމެ ނޫޅުމަށް ވަނީ އަންގައިފައެވެ. އަދި ކުޅިވަރު ކުޅޭ ތަންތަނާއި ޕާކުތަކުގެ އިތުރުން އެއްވެ އުޅުންވެސް މިހާރު ވަނީ މަނާކޮށްފައެވެ.

އާތިފް ވިދާޅުވި ގޮތުގައި، އެރަށަށް އަސްލު ބަލި ފެތުރެން ދިމާވީ، އެރަށަށް ދިޔަ އިންޑިއާ ޓޫރިސްޓެއްގެ ފަރާތުންނެވެ. އޭނާ ޕޮޒިޓިވްކަން އެނގުނީ އަނބުރާ ގައުމަށް ދިއުމަށް މީގެ ދެ ހަފުތާ ކުރިން ނެގި ސާމްޕަލުންނެވެ. އެ ކޭސްއާ ގުޅިގެން އޭނާ ހުރި ގެސްޓްހައުސް މޮނީޓާކޮށް، އެ ތަނުން ހަތަރު މީހަކާއި އެ ފަތުރުވެރިޔާއާ ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވި ކަމަށް އާތިފް ވިދާޅުވިއެވެ.

"އިންޑިއާގެ ފަތުރުވެރިއެއް މިރަށުގައި ޗުއްޓީ ހޭދަ ކުރި. ބޮޑަށް ބެލެވެނީ އޭނާގެ ފަރާތުން ކަމަށް ރަށަށް ބަލި ފެތުރުނީ. އޭނާ ވަނީ ރަށުގައި އުޅޭ އިންޑިއާ ޓީޗަރުންނާވެސް ބައްދަލުކޮށްފަ. އަދި މިސްކިތަށް ވެސް ދިޔަ ކަމަށްވޭ. ރަށު ތެރޭގައި ވެސް އުޅުނު. ކެފޭ ފިހާރަތަކަށްވެސް ދިޔަ. ފަތުރުވެރިން ވީމަ މަނާ އެއް ކަމެއްވެސް ނޯވެ. އެހެންވެ އެމީހުންނަށް ދެވޭ ބޭނުން ތަނަކަށް. އެމީހާ ޕޮޒިޓިވްވީ ފުރަން ވެގެން ނެގި ސާމްޕަލްއިން. އެއީ މީގެ ދެ ހަފުތާ ކުރިން. ދެން އޭނަ ހުރި ގެސްޓްހައުސްވެސް ކަރަންޓީން ކުރިން، އެތަނުގެ މުވައްޒަފުންނާއެކު. އެތަނުން އިތުރު ހަތަރު މީހުން ޕޮޒިޓިވްވި. އަދި އެމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި އެއް މީހަކާއެކު ފަސް ވަރަކަށް މީހުން އެބަ އުޅޭ." އާތިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަތުރުވެރިޔާ ރަށު ތެރޭގައިވެސް މާސްކު ނާޅައި އުޅުނު ކަމުގެ ޝަކުވާތައްވެސް ލިބިފައިވާ ކަމަށާއި އެރަށުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އޭނާގެ ދެ ކޮންޓެކްޓުންވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން ރަށަށް ބަލި ފެތުރިފައިވަނީ އެމީހާގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.