ރާއްޖެ އާއި ސްޓޭޓް އޮފް ކުވައިތާ ދެމެދު ދެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކޮށްފައި ވަނީ ރޭ ކުވައިތު ސިޓީގައި ހުންނަ ކުވައިތުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި ދެ އެމްއޯޔޫއަކީ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން ބިޓްވީން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އޮފް ދަ ސްޓޭޓް އޮފް ކުވައިތު" އާއި "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ބިޓްވީން ދަ ގަވަރުމަންޓް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރުމަންޓް އޮފް ދަ ސްޓޭޓް އޮފް ކުވައިތު އިން ދަ ފީލްޑް އޮފް ޓޫރިޒަމް" ކަމަށެވެ.
މި އެމްއޯޔޫތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ކުވައިތުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު އަދި ކެބިނެޓް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ނާސިރް އަލް މުހައްމަދު އަލް އަހުމަދު އަލް ޖާބިރް އަލް ސަބާހުއެވެ.
ފޮރިން މިނިސްޓްރީން ބުނީ، މި އެމްއޯޔޫތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވި އަދި ކުރިއަށް އޮތްތަނުގައި ދެގައުމުގެ ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒުކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ޝާހިދު ކުވެއިތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ ދެގައުމުގައި އޮންނަ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުގައި މިނިސްޓަރު ޝާހިދު ވަނީ ކުވައިތުގެ ފޮރިން މިނިސްޓަރާވެސް ރޭ ބައްދަލު ކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައިވާ އަހުވަންތަ ގުޅުމާއި ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ކުވައިތު ފަންޑް ފޮ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި، ރާއްޖޭގެ އިޖްތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ކުވައިތުގެ ސަރުކާރުން ވެދޭ އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި އެގެއްލުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މި މަޝްވަރާތަކުގައި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، އިޖްތިމާއީ އަދި ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމަށް އެކަށައަޅާފައިވާ ނޭޝަނަލް ރިޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންއާބެހޭ މައުލޫމާތު ކުވެއިތުގެ ފޮރިން މިނިސްޓަރަށް އެރުވި ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު