ކ. މާފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް އެބަ އޮތް ކަމަށް އެރަށު ހެލްތު ސެންޓަރުން ބުނެފިއެވެ.

ކޮވިޑް-19 ގެ އަލާމާތްތައް ފެނި ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެ، އެރަށް އިއްޔެ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މާފުށި ހެލްތު ސެންޓަރުގެ އިސް އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެރަށުން ޕޮޒިޓިވް ވި މީހުންގެ ޖުމުލަ މިހާރު 11 އަށް އަރާފައިވާ ކަމަށެވެ. އެއީ ފުލޫ ކުލިނިކަށް ދެއްކި އަށް މީހުންނާއި އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ތިން މީހުންނެވެ.

އޮފިޝަލު ވިދާޅުވީ، އެރަށުން އިއްޔެ ހަވީރާއި ރޭގެ ނިޔަލަށް ޖުމުލަ 140 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނީ އިއްޔެ ހަވީރު ނެގި 45 ސާމްޕަލްގެ ތެރެއިން އެއްބައި ސާމްޕަލްގެ ކަމަށް ވިދާޅުވިއެވެ.

މާފުށީ ހެލްތު ސެންޓަރުން އިއްޔެ ބުނި ގޮތުގައި، އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހާއަކީ މިފަހުން އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ނޫނެވެ. އެހެންކަމުން އޭނާއަށް ބަލި ޖެހުނު ގޮތެއް އަދި އެނގިފައި ނުވާ ކަމަށް ބުންޏެވެ.