މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މިގެނެސްދޭ ލިޔުންކޮޅުތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓު ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައިވަނީ އޯޝަން ޖެން އަދި ސީޒާ ސެލެޑް ވިތު ޕްރޯންސް ރެސިޕީއެވެ.

ބޭނުންވާނެ ތަކެތި:

1 ކިއުކަމްބާ (ވަރަށް ތުނިކޮށް ހިމަ ދިގަށް ކޮށާފައި)

1 ސްޓޯބެރީ (މެދުން ފަޅާފައި)

''1 އިނގުރު (ތުނިކޮށް ކޮށާފައި)

5 ބުލޫބެރީ (ފަޅިކޮށްފައި)

100ގ އައިސް

120މލ ސްޕްރައިޓް

10މލ ޓްރޮޕިކަލް ބްލޫ ސިރަޕް

1 ލެމަން ގުރާސް (ގާނިޝް ކުރުމަށް)

1 ސްޓާ ފުރުޓް (ގާނިޝް ކުރުމަށް)

ހައްދަވާނެގޮތް:

ތަށްޓެއްގެ ތެރޭގައި ރީތިކޮށް ކިއުކަމްބާ ދެ ފޮތި ހިމަ ދިގަށް ބައިންދާލާށެވެ. އަދި ދެފަޅިކޮށްފައިވާ ސްޓޯބެރީ ރީތިކޮށް އަތުރާލާށެވެ.

އެއަށްފަހު ވަކިން ބުލޫބެރީ، އިނގުރު، އައިސް އަދި ސްޕްރައިޓާއި ޓްރޮޕިކަލް ބްލޫ ސިރަޕް އެއްކުރުމަށްފަހު ކުރިން ތައްޔާރުކުރި ތަށީގެ ތެރެއަށް އަޅާލާށެވެ. ލެމަންގްރާސް އަދި ސްޓާފުރުޓް ބޭނުންކޮށްގެން ގާނިޝްކޮށްލާށެވެ.

ބޭނުންވާނެ ތަކެތި:

2 މޭޒުމަތީސަމުސާ އޮލިވް އޮއިލް

4 ޗިއަބާޓާ ބުރެޑް (ހަތަރެސްކަނަށް ކުދިކޮށް ކޮށާފައި)

60ގ ރޮމެއިން ލެޓިއުސް

2 މޭޒުމަތީސަމުސާ ބީފް ބޭކަން (ކެއްކުމަށްފަހު ކުދިކޮށް ކޮށާފައި)

200ގ ޑިނގާ (ފެނުކައްކާ ނޮޅާ ސާފުކޮށްފައި)

ސެލެޑް ޑްރެސިންގަށް ބޭނުންވާނެ ތަކެތި:

1 ބިސް

3 ލޮނުމެދު (ހިމުންކޮށް ކޮށާފައި)

3 މޭޒުމަތީސަމުސާ ލުނބޯހުތް

1 ސައިސަމުސާ ވޯސްޓެޝާ ސޯސް

1 ސައިސަމުސާ ޑިޖޯން މަސްޓަޑު

3/1 ޖޯޑު އޮލިވް އޮއިލް

2 މޭޒުމަތީސަމުސާ ޕާމެޒާން ޗީޒު

ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް

ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށް، ހަތަރެސްކަނަށް ކޮށާފައި ހުރި ޕާންކޮޅުތައް ޓޯސްޓުކޮށްލުމަށްފަހު ވަކިން ބަހައްޓާށެވެ. ޑިނގާކޮޅުތައް ލުނބޯ ހުތް ޖަހައިގެން ލޮނާއި އަސޭމިރުހާ އެކު ރަނގަޅަށް އެއްކޮށްލުމަށްފަހު އެއްގަޑިއިރުވަންދެން މެރިނޭޓުކުރަން ބަހައްޓާށެވެ.

ސެލެޑަށް ބޭނުންވާ ޑްރެސިން ތައްޔާރުކުރުމަށްޓަކައި، ބިހުގެ ގޮބޮޅި ބޯތައްޓަކަށް އަޅާލާށެވެ. އަދި ލޮނުމެދު، ލުނބޯ ހުތް، ވިނެގާ، ވޯސްޓެޝާ ސޯސް އަދި މަސްޓަޑު އަޅައިގެން އެއްވަންދެން ގިރާލާށެވެ. އެއަށްފަހު މަދުމަދުން 1/3ޖޯޑު އޮލިވް އޮއިލް އަޅަމުން އެއްކުރަމުން ގެންދާށެވެ.

ރަހަ ހެޔޮވަރުކޮށްލުމަށް ލޮނުކޮޅެއް އަޅާލުމަށްފަހު އެއް މޭޒުމަތީސަމުސާ ޕާމެޒާން ޗީޒް އެއްކޮށްލާށެވެ. ވަކިން ތައްޓެއްގައި ރީތިކޮށް ލެޓިއުސް ފަތްކޮޅު އަތުރާލުމަށްފަހު ކުރިން ޓޯސްޓުކުރި ޕާންކޮޅުތަކާއި، ޑިނގާ އަދި ބޭކަންކޮޅު އަޅާލާށެވެ. ކުރިން ތައްޔާރުކުރި ޑްރެސިންގެ ¾ ވަރު މީގެ މައްޗަށް އަޅާލާށެވެ. އަދި ރީތިކޮށް އެއްކޮށްލާށެވެ. ބާކީހުރި އެއް މޭޒުމަތީސަމުސާ ޗީޒްކޮޅު މައްޗަށް ބުރުވާލުމަށްފަހު، ޑްރެސިންގެ ބާކީ ހުރި އެތިކޮޅު ސަމުސަލަކުން މީގެ މައްޗަށް އަޅާލާށެވެ.