ޚަބަރު

ފައިސާ ޗާޕު ކުރަން ދިން މުއްދަތު އިތުރުކޮށް ނުދިނީ ބައެއް ވަޒީރުން، މެންބަރުންނަށް ނުފޫޒު ފޯރުވުމުން: އަލީ އާޒިމް

މުއާވިޔަތު އަންވަރު

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވާޑްރޯ ކުރަން، (ރުފިޔާ ޗާޕު ކުރެވޭ ގޮތަށް) ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މުއްދަތު އިތުރު ނުކޮށްދޭން ނިންމީ ބައެއް ވަޒީރުން މެންބަރުންނަށް ނުފޫޒުފޯރުވުމުން ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެ މުއްދަތު އިތުރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އިއްޔެ އާއި މިއަދު ކުރިއަށްދިޔަ ބަހުސްގައި ދެ ގޮތަކަށް ހުށަހެޅުނެވެ. ފުރަތަަމަ ހުށަހެޅުމަކީ އެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ގެންގޮސްގެން ދިރާސާކުރުމަށްފަހު އެ މުއްދަތު އިތުރު ކުރުމެވެ. އެ ހުށަހެޅުން ހުށަހެޅުއްވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ހުށަހެޅުއްވި ދެވަނަ ހުށަހެޅުމުގައި ބުނެފައިވަނީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެ މުއްދަތު އިތުރުކޮށްދިނުމަށެވެ.

އެ ދެ ހުށަހެޅުމުގެ ތެރެއިން ތާއީދު ލިބުނީ ހަސަން އަފީފުގެ ހުށަހެޅުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދެވެ.

ނަމަވެސް މިއަދުގެ ވޯޓަށް އެހުމުގެ ވަގުތުގައި، ހަސަން އަފީފު ހުށަހެޅުމަށް ވޯޓަށް އެހުމުން އެގޮތަށް ފާހެއް ނުވިއެވެ. ވޯޓަށް އެހި އިރު ޖަލްސާގައި 66 މެންބަރުން ތިއްބެވި ނަމަވެސް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް 48 މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކުރަން 31 ވޯޓު ބޭނުންވެއެވެ.

އެކަމާ ގުޅިގެން އަލީ އާޒިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ދެވިފައިވާ އިސްތިސްނާގެ މުއްދަތު އިތުރުކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވި ހުށަހެޅުއްވުމަށް މަޖިލީހުން ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީހުގެ އެމްޑީޕީގެ ލީޑާޝިޕާއި މަޝްވަރާކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށެވެ.

"މިގޮތަށް ކަންކަން ނުކުރުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން،" އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.