ވިޔަފާރިވެރިޔާ އަދި ފިނިބުއިން "ޑޮންޑޮން"ގެ ބާނީ ލޯޖެހި އަހްމަދު މަނިކް އަވަހާރަވެއްޖެއެވެ.

ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރައްވާފައިވާ އަހުމަދު މަނިކު އަވަހާރަވެފައިވަނީ، އިންޑިއާގެ ބެންގަލޯރުގެ މަނިޕާލަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

މީގެ ފަންސާހަކަށް އަހަރު ކުރިން، އޭރުގެ ރައީސް އިބްރާހިމް ނާސިރު، "ބީޗްވިލާ" ހިންގަވަން ފެއްޓެވި ދުވަސްވަރު އެތަނުން ތައާރުފުކުރި ފިނިބުއިން 'ޑޮންޑޮން' ފުޅިފުޅިއަށް އަޅުއްވައި ބަންދުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވީ ލޯޖެހި އަހުމަދު މަނިކެވެ. އަދި 1982 ވަނަ އަހަރު އޭނާގެ އަމިއްލަ ފޯމިއުލާއެއް ބޭނުންކުރައްވައިގެން، މި ބުއިންތައް އުފައްދަވަން ފެއްޓެވިއެވެ.

މިހާރު ތަފާތު ހަ ރަހައެއްގައި އުފައްދާ 'ތުރީ ޗޮއިސް'ގެ ނަމުގައި މަޝްހޫރުވެފައިވާ ފިނިބުއިންތައް ތައްޔާރުކުރުމުގެ މަސައްކަތް، އޭނާ ފެއްޓެވީ 14 އޯގަސްޓް 1989 ގައެވެ.

އަހްމަދު މަނިކަށް ވަނީ 1997 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2009 ވަނަ އަހަރު އޭނާއަށް ވަނީ ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

ވިޔަފާރީގެ އިތުރުން ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގެވުމުގައިވެސް ލޯޖެހި އަހްމަދު މަނިކު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.