ރާއްޖެއާއި ކުވައިތުގެ ދެމެދުގައި އޮންނަ ގުޅުމަކީ އިތުބާރާއި ގަދަރުގެ މައްޗަށް ބިނާވެގެންވާ ދީނީ އަދި ސަގާފީ ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިއަދު ވަނީ ކުވައިތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދު އަލް ސަބާހުގެ އަރިހަށް ޒިޔާރަތްކުރައްވައި ބައްދަލުކުރައްވައިފައެވެ. އެ ޒިޔާރަތުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކުވައިތުގެ އަމީރު ޝައިހް ނަވާފް އަލް އަހުމަދު އަލް ޖާބިރް އަލް ސަބާހަށް ފޮނުއްވި ސިޓީފުޅެއް، ބޮޑުވަޒީރަށް އަރުވައިފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ކުވައިތުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވައިފައެވެ. އަދި ދެގައުމުގެ މެދުގައި އޮންނަ އަހުވަންތަ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި ގަދަރުގެ މައްޗަށް ބިނާވެގެންވާ ދީނީ އަދި ސަގާފީ ގުޅުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުވައިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކުވައިތުގެ ސަރުކާރުން އަބަދުވެސް ފޯރުކޮށްދެއްވަމުން އަންނަ އެހީތެރިކަމަށްޓަކައި މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި މިނިޝްޓަރު ޝާހިދު ވަނީ ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތަކާއި އަދި ބަލިމަޑުކަމުން އަރައިގަތުމަށް ރައީސް ސޯލިހު އެޅުއްވި ފިޔަވަޅުތަކާ ބެހޭ މައުލޫމާތު، ކުވައިތުގެ ބޮޑުވަޒީރާ ހިއްސާކުރައްވައިފައެވެ.

ކުވައިތުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ކޮވިޑް 19 އިން ރައްކާތެރިވުމަށާއި، ބަލިމަޑުކަމުން އަރައިގަނެ، އިގުތިސާދު ހުޅުވާލައި އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތްތަކަށް ތައުރީފުކުރެއްވިއެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއެރުމަށް ކުވައިތު ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވައި، ކުރިއަށް އޮތްތަނުގައިވެސް ކުވައިތު ފަންޑުގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދެގައުމުގެ ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ މަސްރަހުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީގެ ސެކްރެޓަރީ – މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދާއި ޑިރެކްޓަރު މޫމިނާ އިބްރާހިމް އަދި އެސިސްޓަންޓް ޑިރެކްޓަރު އަހުމަދު ސަލްމާން ޒަކީއެވެ.