ފުޓްބޯޅަ

ފުޓުބޯޅަ ގުޑުވާލައިފި، ހިތްތަކާ ގުޅިފައިވާ ކްލަބުތަކަށް ވާނީ ކިހިނެއް؟

ވަކި ޓީމުތަކެއްގެ ބައިވެރިވުމާއެކު އިއުލާން ކޮށްފައިވާ ޔޫރަޕުގެ ސުޕަ ލީގުގެ ހަބަރާއެކު ފުޓުބޯޅަ ދުނިޔެ މުޅިން އޮޅުން ބޮޅުން ކޮށްލައިފިއެވެ. ކްލަބުތަކުގެ ވެރިން ފޫގަޅާލި ވިސްނުމަކާއެކު ސަޕޯޓަރުން މާޔޫސްކޮށްލައި، ސަޕޯޓަރުންނާ އެންމެ ގާތުން މަސައްކަތް ކުރާ ކޯޗުންނާއި ކުޅުންތެރިން ސުވާލު މާކެއްގެ ތެރެއަށް ވައްޓާލައިފިއެވެ. ސަޕޯޓަރުންގެ ނުރުހުމަށް ޖަވާބު ދޭން ޖެހޭ ކޯޗުންނާއި ކުޅުންތެރިންނަށް އެއްވެސް ބާރެއް ނެތް ނިންމުމުގެ މުގުލުގައި ކްލަބުތަކުގެ ވެރިން ތިބި އިރު، އެ ނިންމުންތަކާއެކު ފުޓުބޯޅަ "ފިނި ހަނގުރާމަ" އަކަށް ވައްޓާލައިފިއެވެ.

12 ކްލަބަކުން އާ ލީގަކަށް، ފެށުނީ ކިހާ ހިސާބަކުން

ވަރުގަދަ 12 ކްލަބެއް އެކުވެ، ޔޫރޮޕިއަން ސުޕަ ލީގުގެ ނަމުގައި އާ ލީގެއް އެކުލަވާލާފައިވާކަން ރަސްމީކޮށް އިއުލާން ކުރީ އިއްޔެއެވެ. އެހެން ނަމަވެސް އެއީ ކުރިން ނުގެންގުޅޭ ވިސްނުމެއް ނޫނެވެ. ބޮޑެތި ކްލަބުތަކުން އިސްވެ، މިވަގުތު ޔޫރަޕުގައި އޮތް އެންމެ ބޮޑު މުބާރާތް، ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އެ ބަދަލު ގެންނަން މަސައްކަތް ކޮށްފައިވަނީ ފައިނޭންޝިއަލް ވިސްނުމެއްގެ ދަށުންނެވެ.

ކޮންމެ ކްލަބަކަށްވެސް ގިނަ މެޗުތަކެއް ނުލިބި، މީހުން ގިނައިން ބަލާނެ ވަރުގަދަ މެޗުތައް މަދުން ކުޅެން ލިބޭ ވާހަކަ ކްލަބުތަކުގެ ވެރިން ކުރިންވެސް ދައްކާފައިވާ އިރު، އެ ވާހަކަތައް ދައްކާފައިވަނީ ޓީވީ ބްރޯޑްކާސްޓިން ރައިޓްސްގެ ފައިސާގެ ނަޒަރުންނެވެ.

އެ ވާހަކަތަކުގެ ތެރެއިން، ފީފާއާއި ޔޫއެފާގެ ތަރަހައިން ބޭރު އާ ލީގެއް ހެދުމަށް ބަޔަކު ކުރަމުން ދިޔަ މަސައްކަތް ދެ އަހަރު ކުރިން ފުޓުބޯޅައިގެ މައުލޫމާތު ލީކު ކުރާ ކުންފުންޏަކުން ވަނީ ހާމަކޮށްފައެވެ. ޑިއާ ޝްޕީގަލް ކިޔާ ނޫހަކުން އެފަދަ މައުލޫމާތުތަކެއް ޝާއިއު ކޮށްފައިވާ އިރު، ޑިއާ ޝްޕީގަލް އިން ވަނީ ޔޫރޮޕިއަން ސުޕަ ލީގާ ބެހޭ ތަފްސީލީ ރިޕޯޓުތަކެއް 2018 ވަަނަ އަހަރު އާންމުކޮށްފައެވެ. އެ ނޫހުގައި ބައިވެރިވެ އުޅޭ ފަރާތްތަކުން ނަންތައް ސީދާ ހާމަނުކުރި ނަމަވެސް ސުޕަ ލީގަކީ ވަރަށް އަވަހަށް ފެންނާނެ ކަމެއްކަން ޑިއާ ޝްޕީގަލް އިން އޮތީ ރިޕޯޓުކޮށްފައެވެ.

އެއީ ދެއަހަރު ކުރީގެ ވާހަކަތަކެއް ނަމަވެސް، އޭގެ ދިހަ ވަރަކަށް އަހަރު ކުރިން 2009 ވަނަ އަހަރުވެސް ހަމަ ސުޕަ ލީގެއްގެ ވާހަކަ އައީ ދެކެވެމުންނެވެ. ޗެމްޕިއަންސް ލީގުން ކްލަބުތަކަށް ލިބޭ ފައިސާ މަދުވެ، ވިޔަފާރި އުސޫލަށް ކްލަބުތައް ބައްޓަން ވެގެންދާއިރު، ސުޕަ ލީގަކަށް މަސައްކަތް ކުރާނެ ކަމަށް އޭރު އާސެނަލްގެ ކޯޗުކަމުގައި ހުރި، މިހާރު ފީފާގެ ގްލޯބަލް ހެޑް އޮފް ފުޓުބޯލް ޑެވަލޮޕްމެންޓް އާސެން ވެންގާ ވަނީ ބުނެފައެވެ.

"ކުރިއަށް އޮތް އަހަރުތަކެއްގެ ތެރޭގައި ސުޕަ ލީގެއް ފެށިގެންދާނެ. އެއީ ހިނގާނެ ކަމެއް. ކީއްވެ ސުޕަ ލީގެއް ފަށަން މި އުޅެނީ؟ އަހަރެންގެ ނަޒަރުގައި އޭގެ އެންމެ ބޮޑު ސަބަބަކީ ބޮޑެތި ކްލަބުތަކުން ބޭނުމެއް ނުވާނެ ދުރު މުސްތަގުބަލަކަށް ބަލައި ކުދި ކްލަބުތަކާއެކު އެއް ޕްލެޓްފޯމެއްގައި ފައިސާ ލިބެން. މީގައި ހިނގަނީ ފައިސާގެ ކަމެއް،" ވެންގާ އޭރު ބުންޏެވެ.

ކޮންމެއަކަސް ކްލަބުތަކުގެ އޯނާޝިޕް ވަރަށް ބޮޑަށް ޔޫރަޕުން ބޭރުވެ، އިނގިރޭސި ގަދަ ބާރުތަކުގެ ވެރިކަންވެސް އެމެރިކާއަށް ދިއުމުން ސުޕަ ލީގުގެ ވާހަކަތައް ބޫސްޓު ވިއެވެ. އެކަމަށް ފަންޑް ކުރުމަށް ވޯލް ސްޓްރީޓްސްގެ ބޭންކެއް ކަމަށްވާ ޖޭޕީ މޯގަން އިން ވަނީ ހާމަކޮށްފައެވެ. އެކަން ހިނގީވެސް އެ ބީދައިންނެވެ. ލީކުކޮށްލި ލިޔުންތަކުގައި ވާގޮތަށް ފައުންޑިން ކްލަބުތަކަކާއެކު ސުޕަ ލީގު ފަށަން ތައްޔާރުވެއްޖެއެވެ. އެ ފައުންޑިން ކްލަބުތަކަކީ މުބާރާތުން ކަޓާނެ ކްލަބުތަކެއް ނޫނެވެ. ކުރިން ބުނެފައިވާ ސިސްޓަމް އިންނަ ގޮތުން ކޮލިފިކޭޝަނަށް ކުޅޭނީ ބާކީ ކްލަބުތަކެވެ.

ކޮންމެ ގައުމެއްގެވެސް ޑޮމެސްޓިކް ސީޒަން ކުރިއަށްދާއިރު، ހަފުތާ ތެރޭގައި މިހާރު ކުޅޭ ދެ މުބާރާތަކީ ޔޫއެފާ ޔޫރޮޕާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގެވެ. އޭގެ ބަދަލުގައި ޔޫރޮޕިއަން ސުޕަ ލީގު ކުޅެން މިހާތަނަށް ބޮޑެތި 12 ކްލަބަކުން އެއްބަސްވެ، އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވެއެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ހަ ކްލަބެއްވެސް ހިމެނެއެވެ. ޗެލްސީއާއި މެންޗެސްޓާ ޔުނައިޓެޑް، ލިވަޕޫލްގެ އިތުރުން އާސެނަލްއާއި ޓޮޓެންހަމް އަދި މެންޗެސްޓާ ސިޓީ ޕްރިމިއާ ލީގު ޓީމުތަކުގެ ތެރޭގައި ހިމެނޭ އިރު، އެ ޓީމުތަކުގެ އިތުރުން ދެން ހިމެނެނީ އޭސީ މިލާންއާއި އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ، ރެއާލް މެޑްރިޑްގެ އިތުރުން ޔުވެންޓަސްއާއި އިންޓަ މިލާނެވެ.

ޔޫއެފާ ރަތަށް، ބުނަނީ ކްލަބުތައް މުބާރާތްތަކުން ބޭރުކޮށް، ކުޅުންތެރިންގެ ކެރިއަރު ދުއްވާލާނެ ކަމަށް

މައްސަލަ ފެށުނު ހިސާބުންވެސް އެކަންކަން ފަސޭހަ ގޮތަކަށް ނިމިގެން ނުދާނެކަން އެނގުނެވެ. ސުޕަ ލީގު އިއުލާން ކުރުމާއެކު ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ކެފެރިން ވަނީ އެ ކްލަބުތަކަށް އިންޒާރު ދީފައެވެ. މިހާރު އޮތް ޑޮމެސްޓިކް ލީގުތަކުން އެ ކްލަބުތައް ވަކިކޮށް، ޔޫރަޕުގެ އެހެން ހުރިހާ މުބާރާތްތަކުން ކްލަބު ބޭރުކޮށްލާނެ ކަމަށް ކެފެރިން އިންޒާރު ދެއްވާފައިވާ އިރު، ފީފާގެ އެންމެ ބޮޑު މުބާރާތް ވޯލްޑް ކަޕުގައިވެސް ސުޕަ ލީގު ޓީމުތަކަށް ކުޅޭ ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށް ކެފެރިން ވިދާޅުވެފައިވެއެވެ.

އެއީ ސަމާސާއަކަށް ދައްކަވާ ވާހަކަތަކެއް ނޫންކަންވެސް ކެފެރިން ވިދާޅުވެފައިވާ ވާހަކަތަކުން ވަރަށް ސާފެވެ.

"އަހަރެން މަސައްކަތް ކުރިން ކްރިމިނަލް ލޯޔަރެއްގެ ގޮތުގައި 24 އަހަރު. އަހަންނަށް ތަފާތު މީހުން ފެނި، ތަފާތު މީހުން ކުރާ ނުބައި ކަންކަން ވަނީ ފެނިފައި. އެކަމަކު މިކަހަލަ ބަޔަކު ނުދެކެން. ފަށަމާ ހިނގާ ޔުނައިޓެޑްގެ އެޑް ވުޑްވާޑާ ހަމައިން. ސުޕަ ލީގަށް ދާން ނިންމާފައި ހުރެ، މިދިޔަ ބުރާސްފަތި ދުވަހު ގުޅާފައި ބުނި އާ އޮނިގަނޑު ވަރަށް ރަނގަޅޭ ހަމައެކަނި ވާހަކަ ދައްކާލަން ބޭނުންވަނީ ފައިނޭންޝިއަލް ފެއާޕްލޭއާ މެދުގައި ކަމަށް. ދެން އޮތީ ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނެލީ. އެވާހަކަ ދައްކަން ބޭނުމެއްވެސް ނޫން އަސްލު. އެއީ މިކަމުގައި އެންމެ ބޮޑު ހަޑި. ޕާސަނަލް ވާން ބޭނުން ނޫން ނަމަވެސް ބުނަން ބޭނުންވަނީ އެއަށްވުރެ ގިނައިން އަހަރެން ގާތު ސާފުކޮށް ދޮގު ހެދި މީހަކު ނުވެސް ހުންނާނެ. ލީގެއްގެ ވާހަކަތައް އަޑު އިވިގެން ހޮނިހިރު ދުވަހު އެހިން އެއީ ތެދެއްތޯ. ވަގުން ބުނީ އެއީ ރޫމާސް ކަމަށް. އެ ޖަވާބާއެކު ފޯނު ނިއްވާލައި، އިއްޔެ އިއުލާން ކުރީ ލީގު. މިހާ އަމިއްލަ އެދުން ބޮޑު، ދުނިޔޭގެ، ފައިސާގެ ދަހިވެތިކަމުގައި ތިބި އިންސާނުން މަދުވާނެ،" ކެފެރިން ރުޅި މޫނަކާއެކު ރޭ ޕްރެސްގައި ވިދާޅުވެފައިވެއެވެ.

ކެފެރިންއަށް "ދޯކާ" ދިން މީހުންނަކީ ކައިރީގައި އުޅެފައި ވިހަލި ހަރުފަތަކެއް ގޮތުގައިވެސް ސިފަކުރައްވާފައިވާ އިރު، މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ކުޅޭ ސުޕަ ލީގު ކްލަބުތައް ވަކިކުރަން ތައްޔާރުވާ ކަމަށް އިޝާރާތް ކޮށްފައިވެއެވެ. ހުކުރު ދުވަހު އެކަން ހިންގަން ޔޫއެފާއިން މަސައްކަތް ކުރާ ކަމަށް އެކްސްކޯ މެމްބަރެއް ކަމަށްވާ ޖެސްޕާ މޮލާ ވަނީ ހާމަކުރައްވައިފައެވެ.

ކޮންމެއަކަސް އެއީ ޖޯކު ވާހަކަތަކެއް ގޮތުގައި ސުޕަ ލީގުގެ މައި ޓީމުން ސިފަކުރެއެވެ.

"ހުރިހާ ކުޅުންތެރިންވެސް ހަމަޖެހިލަންވީ. ސުޕަ ލީގުގައި ކުޅުނަސް ގައުމީ ޓީމުތަކަށް ކުޅުމުން މަހުރޫމް ނުކުރެވޭނެ. އެއީ ވާނެ ކަމެއް ނޫން. ރެއާލް، މެންޗެސްޓާ ސިޓީ، ޗެލްސީ، ޗެމްޕިއަންސް ލީގު ނޫނީ ޑޮމެސްޓިކް ލީގުންވެސް ވަކި ނުކުރެވޭނެ. އަހަރެން ޔަގީންކަން ދެން އެކަމަށް. އެކަން ނުވާނެ. 100 ޕަސެންޓް ޔަގީންކަން ދެން. އުސޫލުތައް އޮންނާނެ އެކަހަލަ ކަންކަމުގައި. އެއީ އަހަރެމެން ބޭނުންވާ ގޮތެއް ނޫން ޔޫއެފާގެ ފަރާތުން އަމަލުކުރަން. މިހާރު ހުރި ރައީސްއަކީ އެހެން ކްލަބުތަކުގެ ރައީސުންނާ ޒާތީވެ، އެ ރައީސުންނަށް ފުރައްސާރަ ކުރާ މީހެއް. އެކަހަލަ ރައީސެއް ބޭނުމެއް ނޫން ޔޫއެފާއަކަށް،" ހިނިފުޅަކާއެކު ކެފެރިންއަށް ޕެރޭޒް ޖޯކު ޖެއްސެވިއެވެ.

ޕެރޭޒް ސިފަކުރައްވާފައިވާ ގޮތުގައި ސުޕަ ލީގާއެކު އުނދަގޫ ހާލަތުގައި އޮތް ފުޓުބޯޅަ ސަލާމަތްވާނެއެވެ.

ކޮންމެއަކަސް ކެފެރިންގެ ވާހަކަތައް ކުޅުންތެރިންނާ ހަމައަށް ގޮސް، ކޯޗުންނާ ހަމައަށް ގޮސްފިއެވެ. ކްލަބުތަކުގެ ވެރިން ނިންމުން ނިންމި ނަމަވެސް ކުޅުންތެރިންނާއި ކޯޗުން ތިބީ މާޔޫސްކަމެއްގައިކަން ޔަގީނެވެ. ސަބަބަކީ ފައިސާއަށް ނަމަވެސް ނިންމި ނިންމުމުގެ ސަބަބުން ކުޅުންތެރިއެއްގެ ކެރިއަރަށް އަސަރު ކުރުމަކީ ސަޕޯޓަރުންނާއި ކުޅުންތެރިން ހަޖަމު ކުރާނެ ވިސްނުމެއް ނޫނެވެ. ގިނަ ކްލަބުތަކުގެ ވެރިން ސުޕަ ލީގުގެ ވިސްނުމަށް ގޮސްފައިވަނީ އެކަމަށް ކޯޗުންނާއި ކުޅުންތެރިންގެ ހިޔާލުވެސް ނުހޯދާކަން ސާފެވެ.

ފައިސާގެ ވާހަކަތަކާއެކު ސަޕޯޓަރުންގެ ހިތް ފަޅައިގެން، ޖަވާބު ދޭން ޖެހެނީ ކޯޗުން

ފުޓުބޯޅައަކީ ބަޔަކު ވިޔަފާރިއަކަށް ކުޅުވާ ކުޅިވަރެއް ނަމަވެސް ކޮންމެ ކްލަބެއްގައިވެސް ލޯޔަލް ސަޕޯޓަރުން އެބަތިއްބެވެ. އެ ސަޕޯޓަރުންނަށް ކްލަބުތަކުން މަންފާ ހޯދުމަށް، ފުޓުބޯޅަ އުސޫލުން ބޭރު ކުރާ ކަންކަމަކީ ހަޖަމު ވާނެ ކަންކަމެއް ނޫނެވެ. ސުޕަ ލީގުން ލިބެން އޮތް މަންފާ ބޮޑު ނަމަވެސް، އެ ލީގަކީ ވަކި ބަޔަކަށް ދެވޭ، ވަކި ފަންތީގެ ޓީމަކަށް ކުޅެވޭ ލީގަކަށް ވުމަކީ ސަޕޯޓަރުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ފުޓުބޯޅައިގެ ރީތި ކަމަކީވެސް ޖާހާއި ޝަރަފާއި އިއްޒަތުގެ ގޮތުން ކުޑަ ޓީމު، ދަނޑުމަތީގައި ދައްކާ ހިތްވަރަކުން ބޮޑު ޓީމު ބަލިކުރާ ކުރުމެވެ. އެކަން ހުއްޓުވާލާ ޕްލޭނަކަށް ސަޕޯޓަރުންނާއި ފުޓުބޯޅައަށް ލޯބިކުރާ އެއްވެސް މީހަކު އާނބަސް ނުބުނާނެއެވެ.

ސުޕަ ލީގުގެ ފައުންޑިން ކްލަބުތަކަށް ފައިސާގެ ބޯނަސްތައް ހަމަޖެހިފައިވާކަން ލީކު ވެފައިވާ މައުލޫމާތުން އެނގިފައިވެއެވެ. ކްލަބުތަކުން ސިއްރު ސިއްރުން ނިންމި ނިންމުމުގައި ކްލަބުތަކުގެ ކޯޗުންނާއި ކުޅުންތެރިންނަށް އަންނާނެ ސުވާލުތަކަށް އެއްވެސް ވަރަކަށް ތައްޔާރުވެފައި ނުވާކަން އިއްޔެގެ ޕްރެސްތަކުން ސާފުވެއެވެ. ޔުނައިޓެޑުން ސުޕަ ލީގުގައި ބައިވެރިވިކަން ކުޅުންތެރިން އެނގުނީ ބައެއް މީޑިއާތަކުން ކަމަށް ހަބަރުތަކުން ރިޕޯޓު ކޮށްފައިވާ އިރު، އެ ކްލަބުގެ ކެޕްޓަން ހެރީ މެގުއާ ކުޅުންތެރިން ފަރާތުން އެޑް ވުޑްވާޑާ ސުވާލުކޮށް، ސުޕަ ލީގު ވާހަކަތަކަށް ޖަވާބު ދޭން ޑިމާންޑް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެފައިވެއެވެ.

އިނގިރޭސި ވަރުގަދަ ސްޓޭޑިއަމްތައް ކަމަށްވާ އެންފީލްޑްގެ އިތުރުން އޯލްޑްޓްރެފޯޑާއި އެމިރެޓްސްގެ ބޭރުގައިވެސް ސަޕޯޓަރުން އަޑު އުފުލަމުންދާ އިރު، ރޭ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ކްލަބު އޯނަރުންނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކައިފައެވެ. ކްލޮޕް ބުނެފައިވަނީ އޭނާގެ ވިސްނުން ހުރީ ކުރިއެކޭވެސް އެއްގޮތަށް ސުޕަ ލީގާ ދެކޮޅަށް ކަމަށެވެ. ވަކި ޓީމަކަށް ވަކި ގޮތެއް އޮންނަ ވިސްނުމަކީ ފުޓުބޯޅައިގެ ވިސްނުން ނޫން ކަމަށާއި ފުޓުބޯޅައަކީ ސަޕޯޓަރުންގެ އެއްޗެއް ކަމަށެވެ.

ޗެލްސީގެ ކޯޗު ޓުޗެލްއަށްވެސް ސުޕަ ލީގު ސުވާލު ކުރިމަތިވިއެވެ. އެކަމަށް އޭނާއަށް ދޭނެ ޖަވާބެއް ހަގީގަތުގައި ނެތެވެ. ބުނިހާވެސް އެއްޗަކީ ކްލަބުގެ ބޯޑުން ކްލަބުގެ ކަންކަން ނިންމާނީ ރަނގަޅަށް ވިސްނުމަށް ފަހުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ. ފުޓުބޯޅަ ދެކެ ލޯބިވާ ކޯޗުން އުނދަގޫ ހާލަތެއްގައި ތިބި ނަމަވެސް މިނިވަންކަމާއެކު އެ ވާހަކަ ދައްކަން ފުރުސަތާއެކު ތިބި ކުރީގެ ކުޅުންތެރިން މަޑަކުން ނުތިބެއެވެ.

"އަހަންނަކީ 40 އަހަރު ވަންދެން ޔުނައިޓެޑަށް ސަޕޯޓުކުރި މީހެއް. އެކަމަކު މިއަދު މިހުރީ ލަދުން. ޔުނައިޓެޑްގެ ނިންމުން ކުށްވެރިކުރަން. ރެލިގޭޓް ނުވާ މުބާރާތަކަށް ވަންނަން ނިންމުން އެއީ ގަބޫލުކުރެވޭ ކަމެއް ނޫން. ލިވަޕޫލަށް ބަލާ، ޔޫ ވިލް ނެވާ ވޯކް އެލޯންއޭ ބުނާ ސަޕޯޓަރުންގެ ކްލަބުވެސް ފައިސާގެ ދަހިވެތިކަމުގައި ބޮޑު މުބާރާތެއް ހަދަން އުޅެނީ. ލަދުގަންނަން ޖެހޭ. އިނގިރޭސި ފުޓުބޯޅައަކަށް އެ ކްލަބުތަކުގެ ވެރިންނަށް ބަހެއް ނުކިޔޭނެ. މިއީ ލަދުވެތި ނިންމުމެއް،" އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ގެރީ ނެވިލް ބުނެފައިވެއެވެ.

ޑޭވިޑް ބެކަމްއާއި ރިއޯ ފާޑިނެންޑް ފަދަ ކުޅުންތެރިން ސުޕަ ލީގާ ދެކޮޅަށް ވާހަކަ ދައްކާފައިވާ އިރު، އެވަޓަންއިން ވަނީ ވަރުގަދަ ބަޔާނެއްވެސް ނެރެފައެވެ. މިވަގުތުވެސް ޗެމްޕިއަންސް ލީގުގައި ނެތް ކްލަބުތަކުން ސުޕަ ލީގުގެ ފައުންޑިން ކްލަބުތަކުގެ ގޮތުގައި ރެލިގޭޓް ނުވާ ގޮތަށް އެ މުބާރާތުގައި ހިމަނާފައިވާ އިރު، ލީޑްސްއާއި ޕްރިމިއާ ލީގުގެ އެހެން ހުރިހާ ކްލަބަކުންވެސް ބުނަމުން ދަނީ "އަމިއްލައަށް ފުރުސަތު ހޯދައިގެން" ކުރިއަރަން ޖާގަ ދިނުމަށެވެ. ހަމަހަމަކަމާއި އުސޫލު ގާއިމުކުރުމަށެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީ ކޯޗު ސާ އެލެކްސް ފާގަސަން ބުނީ 70 އަހަރުވީ ކޯޗިން ތާރީހުގައި އޭނާއަށް ކުޅެވުނު އެންމެ ހާއްސަ މެޗުތަކަކީ ޗެމްޕިއަންސް ލީގުގެ މެޗުތަކާއި ފައިނަލްތައް ކަމަށެވެ. އިނގިރޭސި ކްލަބުތަކުން ސުޕަ ލީގަށް ދާނަމަ އެކަން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވިދާޅުވެފައިވާ އިރު، ފްރާންސް ކްލަބުތަކުގެ ސްޓޭންޑަށް ރައީސް އެމަނުއެލް މެކަރަން ވަނީ ތާއިދުކޮށް، ސުޕަ ލީގާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ.

ވަރުގަދަ ކްލަބުތަކެއް ކެފެރިންނާއެކު، ފުޓުބޯޅަ ނެގެހެއްޓޭނެތަ؟

ކެފެރިންއާއެކު މިވަގުތު ތިބި ވަރުގަދަ ކްލަބުތަކަކީ ޕީއެސްޖީއާއި ބަޔާން މިއުނިކުގެ އިތުރުން ޑޯޓްމަންޑް ކަމަށް ބުނެވިދާނެއެވެ. އޭގެ އިތުރުން ދެން ފާހަގަކޮށްލެވެނީ ޕޯޗުގަލް ލީގާއި އިޓަލީ ލީގުގެ ބައެއް މަޝްހޫރު ނަންތަކެވެ. ކޮންމެއަކަސް އެކިއެކި ސަބަބުތަކާ ހެދި އެ ކްލަބުތަކުން ޔޫއެފާއާ އެއްކޮޅަށް ތިބި އިރު، ސުވާލަކީ އެ ކްލަބުތަކާއެކު ޔޫއެފާއިން ގާނޫނީ ގޮތުން ކުރާ މަސައްކަތް ކާމިޔާބުވާނެތޯ ކުރެވޭ ސުވާލެވެ. އެ ސުވާލު އޮތީ އެތަކެއް ސަޕޯޓަރުންގެ އަތުގައެވެ.

ސާފު ޖަވާބެއް ނެތް ނަމަވެސް، ޖަވާބުގައި އޮތީ ވަގުތުގެ ވާހަކައެވެ. ހުކުރު ދުވަސް ވެގެންދާނީ އެންމެ މުހިއްމު ނިންމުން ނިންމާނެ ދުވަހަށެވެ. އެ ދުވަހުގެ ކުރިއަށް ކެފެރިން ވަނީ ކްލަބުތަކުގެ ގޯސް ރަނގަޅު ކުރުމަށް ވަގުތު ދީފައެވެ. ހުކުރު ދުވަހު އޮންނަ ޔޫއެފާގެ ބައްދަލުވުމުގައި ނިންމާ ނިންމުން ވެގެންދާނީ ދުނިޔޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށެވެ. ގާނޫނީ ގޮތުންވެސް ޔޫއެފާއިން ދޫ ނުދޭނެ ކަމަށް ކެފެރިން ވިދާޅުވެފައިވާ އިރު، ޑޮމެސްޓިކް ލީގުތަކަށް ވާނެގޮތެއް ނޫނީ އެ ލީގުތަކުން ކްލަބުތައް ބޭރު ކޮށްލެވޭނެތޯ ނިންމާނީ ޔޫއެފާގެ އިތުރުން ލީގުތަކުގެ ގާނޫނީ ޓީމުންނެވެ.

ސުޕަ ލީގުގެ ތެރޭގައި ކްލަބުތަކުން ދެބަސްވެއްޖެނަމަ ސުޕަ ލީގު ރޫޅިދާނެ ކަމަށް ބައެއް ހަބަރުތައް ބުނެފައިވާ އިރު، ބައެއް ކްލަބުތަކުން ޔޫއެފާގެ އިންޒާރުތަކާއެކު މަޝްވަރާތައް ކުރާ ކަމަށް ހަބަރުތައް ދަނީ ބުނަމުންނެވެ. ހާއްސަކޮށް ޔޫރަޕް ފުޓުބޯޅަ ބައިބައި ކޮށްލަން ކްލަބުތަކުގެ ސަޕޯޓަރުން ބޭނުން ނުވުމަކީ ކްލަބުތަކުން އިތުރު ވިސްނުމަށް ސުޕަ ލީގާ ދޭތެރޭ ދާންޖެހޭ ޖެހުމެއް ކަމަށް ބެލެވެއެވެ.