ކަރަންޓީނުގައި ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކ. ގުޅި މޮނިޓަރިން އަށް ލައިފި އެވެ.
ގުޅީ ކައުންސިލް ރައީސް މުހައްމަދު ފަތުހުﷲ "ވަން" އަށް މައުލޫމަތު ދެއްވަމުން މިއަދު ވިދާޅުވީ އެ ރަށުން ޕޮޒިޓިވް ވެފައިވަނީ މާބަނޑު އަންހެނެއް ކަމަށެވެ. އޭނާގެ ހާލު މިވަގުތަށް ރަނގަޅު ކަމަށާއި އަދި އެއްވެސް ވަރަކަށް ބަލީގެ މާބޮޑު އަލާމާތެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
ފަތުހުﷲ ވިދާޅުވީ އެ މީހާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކޮންމެވެސް ވަރަކަށް ބަލިވެގެން، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުން އެ ޑޮކްޓަރު އެދިގެން ކޮވިޑަށް ޓެސްޓު ކުރުމުން ކަމަށެވެ.
އަންހެން މީހާ އަކީ ވިހާ ދުވަސް ކައިރިވެފައި އިން މީހަކަށް ވުމުން އެހާ ގިނައިން ތަންތަނަށް ދަތުރު ނުކުރާ ކަމަށާއި ނަމަވެސް މިފަހުން ކ. މާފުއްޓަށް ޑޮކްޓަރަށް ދެއްކުމަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މިއަދު މާފުށިންވެސް މީހަކު ޕޮޒިޓިވް ވެ އެރަށް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
އެޗްޕީއޭ އިން މީގެ ކުޑަ އިރުކޮޅެއް ކުރިން އާންމުކޮށްފައިވާ އެންގުމުގައި ބުނެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށާއި ކޭސް އިންވެސްޓިގޭޓް ކުރުމުގެ ބޭނުމަށް ޓަކައި ގުޅިއަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.
ރާއްޖޭގައި ކޮވިޑު ބަލި ޖެހުނު މީހުންގެ އަދަދު ސައްބީސް ހާހަށްވުރެ މައްޗަށް ގޮސްފައިވާއިރު މިހާރު މި ބަލި ގިނައިން ފެތުރެމުންދަނީ އަތޮޅުތެރޭގެ ރަށްތަކުގަ އެވެ. އެގޮތުން މިހާރުވެސް 17 ރަށެއް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު