ކުޅިވަރު

ޔޫއެފާގެ އިންޒާރުތައް ޕެރޭޒްއަށް ވީ ޖޯކަކަށް

ޔޫއެފާ ސުޕަ ލީގު އުފައްދައި އެ ލީގަށް ކުޅެން ބައެއް ކްލަބުތަކުން އެއްބަސްވި ހިސާބުން މުޅި ފުޓުބޯޅަ ސިޔާސަވެއްޖެއެވެ. ޔޫއެފާ އާއި ފީފާއިންވެސް ގަދަ 12 ކްލަބަކުން އުފެއްދި ސުޕަ ލީގު ހުއްޓުވަން ފާޅުގައި އިންޒާރު ދީފައިވާ އިރު، އެ ކްލަބުތައް ޔޫއެފާގެ މުބާރާތްތަކުން ވަކިކޮށް، އެ ކްލަބުތަކުގެ ކުޅުންތެރިން ޔޫރޯ އާއި ވޯލްޑް ކަޕު ކުޅުމުން މަހުރޫމް ކުރުވާނެ ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ކެފެރިން ވަނީ އިންޒާރު ދެއްވައިފައެވެ.

އެ އިންޒާރުތަކާއެކު ފުޓުބޯޅަ ފިނި ހަނގުރާމައަކަށް ގޮސްފައިވާ ކަމަށް ގިނަ ޕަންޑިތުން ބުނެފައިވެއެވެ. ވަރުގަދަ 12 ކްލަބެއްގެ މުއްސަނދި ވެރިންނާ ދެކޮޅަށް ޔޫއެފާއިން ތެދުވެ، އެ ކްލަބުތަކުގެ ރައީސުންނަށް ކެފެރިން ވަނީ ފާޅުގައި ފާޑު ވިދާޅުވެފައެވެ.

އެގޮތުން ސުޕަ ލީގުގެ އެއް ބާނީ ޔުވެންޓަސްގެ ރައީސް އަންދްރޭ އަގްނޭލީއަށް ފާޅުގައި ކެފެރިން ފާޑު ވިދާޅުވެފައިވާ އިރު، މިވަގުތު ޔޫއެފާ ސުޕަ ލީގުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ކެފެރިންގެ އިންޒާރުތަކަށް ރައްދު ދެއްވައި އެކަންކަން ޖޯކެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"ހުރިހާ ކުޅުންތެރިންވެސް ހަމަޖެހިލަންވީ. ސުޕަ ލީގުގައި ކުޅުނަސް ގައުމީ ޓީމުތަކަށް ކުޅުމުން މަހުރޫމް ނުކުރެވޭނެ. އެއީ ވާނެ ކަމެއް ނޫން،" ހިނިތުންވެ ހުރެ ޕެރޭޒް ވިދާޅުވެފައިވެއެވެ.

ޕެރޭޒް އިތުރަށް ވިދާޅުވީ ރެއާލް މެޑްރިޑާއި ޗެލްސީގެ އިތުރުން މެންޗެސްޓާ ސިޓީ މިއަހަރުގެ ޗެމްޕިއަންސް ލީގުން ބޭރުކޮށްލަން ދައްކާ ވާހަކައަކީވެސް ހިނގާނެ ކަމެއް ނޫންކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ޕެރޭޒް އެގޮތަށް ވިދާޅުވެފައިވާ އިރު، ޔޫއެފާގެ އެކްސްކޯ މެމްބަރެއް ކަމަށްވާ ޖެސްޕާ މޮލާ ވަނީ ހުކުރު ދުވަހު އޮންނަ ބައްދަލުވުމުގައި އެ ކްލަބުތައް ވަކި ކުރާނެ ކަމަށް ބުނެފައެވެ.

"ރެއާލް، މެންޗެސްޓާ ސިޓީ، ޗެލްސީ ޗެމްޕިއަންސް ލީގު ނޫނީ ޑޮމެސްޓިކް ލީގުންވެސް ވަކި ނުކުރެވޭނެ. އަހަރެން ޔަގީންކަން ދެން އެކަމަށް. އެކަން ނުވާނެ. 100 ޕަސެންޓް ޔަގީންކަން ދެން. އުސޫލުތައް އޮންނާނެ އެކަހަލަ ކަންކަމުގައި. އެއީ އަހަރެމެން ބޭނުންވާ ގޮތެއް ނޫން ޔޫއެފާގެ ފަރާތުން އަމަލުކުރަން. މިހާރު ހުރި ރައީސްއަކީ އެހެން ކްލަބުތަކުގެ ރައީސުންނާ ޒާތީވެ، އެ ރައީސުންނަށް ފުރައްސާރަ ކުރާ މީހެއް. އެކަހަލަ ރައީސެއް ބޭނުމެއް ނޫން ޔޫއެފާއަކަށް،" ޕެރޭޒް ވިދާޅުވިއެވެ.