ކިޔުބީ އެޕްލިކޭޝަން މެދުވެރިކޮށް ކޮވިޑުން ދިފާއުވާ ވެކްސިން ޖެހުމަށް ނަންބަރު ނެގޭނެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިދީފިއެވެ.

އެޗްޕީއޭ އިން ބުނީ، މާލޭގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ތިން ސެންޓަރުން އޮންލައިންކޮށް ނަންބަރު ދޫކުރަން ފަށާނީ ރޭގަނޑު 9:00 އިން ފެށިގެން ކަމަށެވެ. އަދި ކިޔުބީ މެދުވެރިކޮށް ދޫކުރާނީ ޖުމްލަ 1000 ނަންބަރެވެ.

އެގޮތުން ސޯސަލް ސެންޓަރުން 500 ނަންބަރު ދޫކުރަން ހަމަޖެހިފައިވާ އިރު، އާޓް ގެލަރީން ދޫކުރަނީ 300 ނަންބަރެވެ. އަދި ހުޅުމާލޭ ވެކްސިން ސެންޓަރުން ދޫކުރާނީ 200 ނަންބަރެވެ.

ކިޔުބީ އިން ނަންބަރު ނެގުމަށްފަހު އެ އެޕްލިކޭޝަނުން ނަންބަރު ސްޓޭޓަސް ވެސް ބަލައިލެވޭނެއެވެ.

އައިފޯން ޔޫސާސް: https://tinyurl.com/vw8hzwzv

އެންޑްރޮއިޑް ޔޫސާސް: https://tinyurl.com/3kjunjcj

މާލެ ސަރަހައްދުގައި ވެކްސިން ޖަހަން ތިބި މީހުން ގިނަވުމާ ގުޅިގެން ދާދިފަހުން އެޗްޕީއޭ އިން ވަނީ ވެކްސިން ޖަހައިދޭ ވަގުތު ވެސް އިތުރުކޮށްފައެވެ.

އެޗްޕީއޭ އިން ރޯދަ މަހު ވެކްސިން ޖަހައިދޭން އެންމެ ފުރަތަމަ ނިންމާފައި އޮތީ ރޭގަނޑު 9:00 އިން 11:00 އަށެވެ. ނަމަވެސް ވެކްސިން ޖަހަންދާ މީހުންގެ އަދަދު އިތުރުވުމުން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ވަގުތު ރޭގަނޑު 9:00 އިން 11:45 އަށް އިތުރުކޮށްފައެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ ސެންޓަރަކުން ދޭނެ ކަމަށެވެ. އެއީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާއެވެ.

ނަމަވެސް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ ހަމައެކަނި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުގައި ވެކްސިން ދޭނީވެސް ރޭގަނޑު 9:00 އިން 11:45 އަށެވެ.

މިހާތަނަށް 281،848 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދަކީ 45،817 އެވެ.