އިސްލާމްދީނަކީ ރީތި އަޚްލާޤާއި ހެޔޮ ޚުލްޤުތަކަށް ގޮވާލާ ދީނެކެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ޙަދީޘުފުޅެއްގައިވާ ގޮތުން އަރަހުށި މާތްﷲ އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމުގެ އެއް ޙިކުމަތަކީ ރީތި ޚުލްޤުތަކާއި އަޚްލާޤީ މާތް ސިފަތައް ފުރިހަމަކުރެއްވުމެވެ. އިސްލާމްދީން ގޮވާލަނީ ލޯތްބާއި ހަންހާރަވެތިކަމަށެވެ. ބައިބައިވުމާއި ދެކޮޅުވެރިވުމާ އެދީން ދެކޮޅުހަދައެވެ. އިސްލާމްދީނުގެ ނަބިއްޔާ އިރްޝާދު ދެއްވާގޮތުގައި މުސްލިމުން ވާންޖެހެނީ އެޢިމާރާތެއްގެ އެއް ބަޔެއް އަނެއް ބަޔަކަށް ބަދަހިކަމާއި ގަދަކަން ލިބިދޭ ޢިމާރާތެއް ފަދަ ބަޔަކަށެވެ.
މުސްލިމުން ވާން ޖެހެނީ މުސްލިމުންނާއި ޣައިރު މުސްލިމުންނާ މެދުވެސް ޢަދުލުވެރިކަމާއެކު އިންސާފުން ކަންތައްކުރާ ބަޔަކު ކަމުގައެވެ. އަނެކުންނަށް މާފުކުރުމާއި ހިތްހެޔޮ ކުރުމަކީވެސް އިސްލާމްދީން ގޮވާލާ މާތް ޚުލްޤުތަކެވެ. އެކަކު އަނެކަކާ ގުޅުން ކަނޑައިލުމާއި، ދުޝްމިނުވެ ހިތްނުބައިކުރުމާއި، ޙަސަދައާއި ނީހަ ލައިގެން އުޅުމަކީ އެދީން ދެކޮޅުހަދާ ކަންކަމެވެ.
މަޖްލިސެއްގައި ތިން މީހަކު ތިބެފައި އޭގެ ތެރެއިން ދެމީހަކު ސިއްރު ވާހަކަ ދެއްކުމަކީ ތިންވަނަމީހާ އެކަމާ ފިކުރު ބޮޑުވާނެ ކަމަކަށްވާތީ މަޖްލިސުގެ އަދަބަށްޓަކައި އިސްލާމްދީނުގައި އެކަން ވަނީ މަނާކުރައްވައިފައެވެ. ތިމާއާ ނުބެހޭ ކަންތަކުގެ ތެރެއަށް ވަދެ އެކަންކަމާ ބެހި އުޅުމަކީވެސް މަސްލަހަތު ގެއްލި މީހުން ފޫހިވާނެ ކަމަކަށް ވާތީ އިސްލާމްދީނުގައި އެކަން ވަނީ މަނާ ކުރެވިފައެވެ.
މަޑުކޮށްލައިގެން ތިބޭނޭ އެހެން ތަނެއް ނެތިގެން އިންތިހާ ދަރަޖައިގެ މަޖުބޫރީ ހާލަތެއްގައި މެނުވީ މަގުމަތީގައި އިށީދެތިބުންވެސް ވަނީ މަނާކުރައްވައިފައެވެ. އެފަދަ ޙާލަތްތަކުގައިވެސް މަގުމަތީގައި އިށީދެ ތިބެންވާނީ މަގުމަތީގެ ޙައްޤު މަގުމައްޗަށް ދީގެންނެވެ. މަގުމަތީގައި ހިނގައިބިނގައިވާ މީހުންނާއި ދަތުރުފަތުރުކުރާ މީހުންނަށް އުނދަގޫ ނުވާގޮތަށެވެ. މަގުމަތީން ދާ މީހުންނާ ދިމާޔަށް ކަޅިއަޅައި ބަލައިގެން ނުވާނެއެވެ. ތިބެންވާނީ ބެލުންތައް ތިރިކޮށްގެންނެވެ. މީހުންގެ ސަލާމަށް ޖަވާބުދޭން ވާނެއެވެ. މަގުބަންދުވެ މީހުނަށް އުނދަގޫވާ ގޮތަށް މަގުމަތީގައި އެއްޗެހި ބަހައްޓައިގެން ނުވާނެއެވެ. ބޭނުމެއް ޖެހިފައިވާ މީހަކު ކަމަކު ކިޔައިފިނަމަ އެ ބޭނުމެއް ފުއްދައިދޭން ވާނެއެވެ. އަނިޔާ ލިބޭ މީހުންނަށް އެހީތެރިވާން ޖެހޭނެއެވެ. އަނިޔާތައް ހުއްޓުވަން ޖެހޭނެއެވެ. ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކުރަން ޖެހޭނެއެވެ. އަނެކުންގެ ޖާނާއި، މާލާއި، އަބުރާއި، ޢިއްޒަތަށް ޙުރުމަތްތެރިކަން ބަހައްޓަން ޖެހޭނެއެވެ.
އިސްލާމްދީނުގެ ނަބިއްޔާ އިރްޝާދު ދެއްވައިފައި ވެއެވެ. ތިމާގެ މުސްލިމު އަޚާގެ ޢިއްޒަތާއި އަބުރު ރައްކާތެރިކޮށްދީފި މީހެއްގެ މޫނު، އަރަހުށި މާތްﷲ ޤިޔާމަތްދުވަހުން ނަރަކައިގެ އަލިފާނުން ރައްކާތެރި ކޮށްދެއްވާނެއެވެ.