17 އޭޕްރީލް ގެ އަދަދާ ގުޅޭ)

ޖަޒީރަތުލްޚަޟުރާއު ދިހަވަރަކަށް ދުވަސް ވަންދެން ވެފައިއޮތީ އަންދަލުސުގެ މުސްލިމުންގެ ސަމާލުކަން އެންމެބޮޑަށް ހުއްޓިފައިވާ މަރުކަޒު ކަމުގައެވެ. އެމުއްދަތުގެ ތެރޭގައި މުރާބިޠީންގެ ސިފައިންގެ ބާރަހާސް މީހުން ވަނީ އެރަށަށް އައިސްފައެވެ. އެބައިމީހުންގެ އަސްތަކާއި ހަތިޔާރާއި ސިފައިންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ޢަސްކަރީ ފޯރުމާލު މުރާކިޝުން ވަރަށްގިނަ އަދަދަކަށްވަނީ ގެނެސްފައެވެ. ޖަޒީރަތުލްޙަޟުރާއުގެ ކަމުވޮށީން أميـر يـوسف އެރަށުގެ ގަވަރުނަރުގެ ގަނޑުވަރުގައި ހުންނަވަން ތަކުރާރު ކުރައްވައި އެދިވަޑައިގެންނެވިއެވެ. ނަމަވެސް أميــر يـوسف ހުންނަވަން ނިންމެވީ ހާމަ މައިދާނެއްގައިހުރި ފޭލިގެއެއްގައެވެ. އެމަނިކުފާނުގެ ސިފައިންނާ އެކުގައެވެ. މުލޫކުއްޠަވާއިފުންގެ ސަފީރުންނާއި ޢިލްމުވެރީންނާއި ޖިހާދުގައި ބައިވެރިވާން އަންނަ އެތައްބަޔަކު ބައިބަޔަށް އޭނާގެ އަރިހަށް އަންނަމުން ދިޔައެވެ. މުލޫކުއްޠަވާއިފުންގެ މަންދޫބުންނަށް އެހެންމީހުނާ ވަކީން أميـر يـوسف ގެ ފައިންޕުޅު ފެނިވަޑައިގެންނެވުމުގެ ނަސީބު ލިބިވަޑައިގެންފިނަމަ އެއްބޭފުޅެއްގެ މަންދޫބުން އަނެއްބޭފުޅަކާ ދެކޮޅަށް ޝަކުވާގެ ދަފުތަރުތައް ހުޅުވައިލައްވައެވެ. أميــر يـوسف އެފަދަ ބޭފުޅުންގެ ދޫފުޅުތައް ބަންދުކުރައްވަން ވިދާޅުވެއެވެ. "އަޅުގަނޑު މިއައީ މިތާނގެ ވެރީންގެ އަރައިރުންތައް ހަމަޖައްސާކަށެއް ނޫން! ހަނގުރާމަޔާ ބެހޭގޮތުން އެއްވެސް މަޝްވަރާއަކާއިގެން ވަޑައިގެންނެވި ކަމުގައިވާނަމަ އަޅުގަނޑު މިހިރީ އަޑުއަހާން ތައްޔާރަށް! ތިޔަބޭފުޅުންގެ ރަސްރަސްކަލުންގެ ނިޔަތް ރަނގަޅުފުޅުކަން ނުވަތަ ނޫންކަން އަޖުމަ ބެލޭނެ ދުވަސްއޮތީ މާދުރަކު ނޫން. ދާދިއަވަހަށް ހަނގުރާމައިގެ މައިދާނުގައި ރަނާއި ސުވާސާއާ ވަކިވެ އެނގޭނެ." ރަސްރަސްކަލުންގެ މަންދޫބުން އަޅުއްވާ ވެދުމާ ބެހޭގޮތުން ވިދާޅުވެއެވެ. "ތިޔަ ތަކެތި ގެންދަވާ! އަޅުގަނޑުގެ ރުހުން ހޯއްދެވުމަށްޓަކައި އަޅުގަނޑަށް ހަދިޔާ ދެއްވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެ. މާތް اللّـه އާއި އެކަލާނގެ ރަސޫލާއާމެދު ތިޔަބޭފުޅުންގެ أميـر ންގެ މުޢާމަލާ ރަނގަޅު ކަމުގައިވާނަމަ އަޅުގަނޑަކީ ގާތް މިތުރަކު ކަމުގައި ފެނިވަޑައިގަންނަވާނެ. އެބޭފުޅަކީ އިސްލާމްދީނާއި މުސްލިމުންގެ ބާޣީއެއް ކަމުގައިވާނަމަ މުޅިން ބިން ފުރައިލެވޭހައި ފައިސާ ދެއްވިކަމުގައިވިޔަސް އަޅުގަނޑު ރުއްސައެއް ނުލެއްވޭނެ!"

أميـر يـوسف އަކީ ޙައްޤާއި އިންސާފުގެ ދަންމަރު އުފުއްލަވާ ބޭފުޅަކު ކަމުގައި ދެކެގެން އަންދަލުސުގެ އެތައް ރަށަކަށް އެތައްބަޔަކު ޖަޒީރަތުލްޚަޝުރާއަށް އަންނަމުންދެއެވެ. ހައްތާވެސް އެއީ މުލޫކުއްޠަވާއިފުންގެ އެކިއެކި ބޭފުޅުންނާއި އެކިއެކި أميـر ންގެ ފަރާތްޕުޅުން އަނިޔާ ލިބިފައިވާ މީހުންނެވެ. މުރާކިޝްގެ ލަޝްކަރާއިގެން އިމާމުވެވަޑައިގެން ފަސްވަގުތު ނަމާދު ކުރައްވަނީ أميـر يـوسف އެވެ. ރަށުގެ އަހުލުވެރީންވެސް ބަލަނީ އޭނާގެ ފަހަތްޕުޅުގައި ނަމާދުކުރުމަކީ ހެޔޮނަސީބެއް ކަމުގައެވެ. ކޮންމެ ނަމާދެއްގެ ފަހުގައިވެސް އޭނާ އެކިރަށްރަށުން ފަރިޔާދާއިގެން އައިސްތިބޭ މީހުނާ ބައްދަލުކުރައްވައެވެ. އެފަދަ ބައެއް މީހުން ދަންނަވަމުން ގެންދެއެވެ. "އޭ أميـر އެވެ! އަޅުގަނޑުގެ އަޚާއެވެ. އަޅުގަނޑުގެ ބޭބެ ވަނީ ޙައްޤު ބަހެއް ބުނުމުގެ ކުށުގައި މިވެނި ރަށެއްގެ ޖަލުގައި. އޭނާ ޖަލުގައި ހުންނަތާ އެވެނިހައި ދުވަހެއް ވެއްޖެ." އަނެކަކު ބުނެއެވެ. "يـاأميــر! މިވެނި ރަށެއްގެ ޙާކިމު ވަނީ އަޅުގަނޑުގެ ބައްޕަ ޤަތުލުކުރައްވައިފައި. އަޅުގަނޑުގެ މުދާ ހިއްޕަވައިފައި." أميــر يـوسف ސަމާލުކަން ދެއްވައިގެން އެންމެންގެ ވާހަކަތައްވެސް އަޑުއައްސަވަމުން ގެންދެވިއެވެ. އޭނާގެ ކާތިބުން ލައްވައި ހުރިހައި ވާހަކަތަކެއް ލިޔުއްވަމުން ގެންދެވިއެވެ. އެޝަކުވާއެއް ރައްދުވާ ފަރާތަކަށް އޭނާގެ ފަރާތްޕުޅުން އަމުރު ފޮނުއްވަމުން ގެންދެވިއެވެ. أميــر يـوسف އެއްދުވަހަކު މީހުންގެ ޝަކުވާތައް އަޑުއައްސަވައި ނިމިވަޑައިގެން އޭނާގެ ފޭލިގެކޮޅަށް ވަޑައިގަންނަވަން ތެދުވެވަޑައިގެންނެވިތަނާ މުސްކުޅި އަންހެނެއް އައިސް އޭނާގެ ތުރުތުރުއަޅާ އަތުން أميــر يـوسف ގެ ގުބާކޮޅުގައި ހިފަހައްޓައިފިއެވެ. އޭނާ ދެންނެވިއެވެ. "يـاأميــر! އަޅުގަނޑުގެ ފަރިޔާދު އަޑުއައްސަވައިފައި ވަޑައިގަންނަވާ!"

ޖަޒީރަތުލްޚަޟުރާއުގެ ފުލުހުންގެ އޮފިސަރެއް އެދައިތަގެ މުލައްދަނޑީގައި ހިފައިގެން ދުރަށް ގެންދަން އުޅެންފަށައިފިއެވެ. أميــر يـوسف ވިދާޅުވިއެވެ. "ނޫން! ނޫން! އަހަރެން އޭނާގެ ޝަކުވާ އަޑުއަހާނަން!"

މުސްކުޅިޔާ ދެންނެވިއެވެ. "ވިދާޅުވެދެއްވާ! އަޅުގަނޑުގެ ދަރިފުޅު ކޮބައިތޯ؟"

"ދައިތަގެ ދަރިފުޅު؟" أميـر يـوسف ސުވާލުކުރެއްވިއެވެ.

މުސްކުޅި އަންހެންމީހާ ކަކަކަކައަޅައި ހީނގެންފައި ބުންޏެވެ. އަހަންނަށް އެނގޭ. އެހެން އެންމެންނެކޭ އެއްގޮތަށް ކަލޭވެސް ބުނާނީ އަހަންނަކީ މޮޔައެކޭ! އެކަމަކު އޭނާ ވީތަނެއް ނުބުނަނީހެއް އަހަރެން ކަލޭގެ ފަސްބަޔަކުން ދުލެއް ނުކުރާނަން. ބުނެބަލަ! އޭނާވީ ކޮންތަނަކުތަ؟ ބުނޭ— ބުނޭ!"

މުސްކުޅި އަންހެންމީހާ އޭނާގެ މޮޔަފަރިކަމުގައި أميـر يـوسف ގެ ހެދުންކޮޅު ވީދާން ފަށައިފިއެވެ. ފުލުހުންގެ އޮފިސަރު ދެންނެވިއެވެ. އޭ أميـر އެވެ. މީނާއަކީ މޮޔައެއް. މީގެ ދެއަހަރު ކުރީން މީނާގެ ހުރި ހަމައެކަނި ދަރިފުޅު ވަނީ ޖަލުގައި ނިޔާވެފައި. އޭރުއްސުރެ މީނާގެ ހާލަކީ މިއީ. މީނާގެ ދަރިފުޅު ނިޔާވެއްޖެކަމެއް ގަބޫލެއް ނުކުރެވޭ."

"ކޮން ކުށެއް ކޮށްގެންތަ އޭނާގެ ދަރިފުޅު ޖަލަށްލީ؟" أميـر يـوسف ސުވާލު ކުރެއްވިއެވެ.

ފުލުސް އޮފިސަރު ހިތާމަވެރި ރާގެއްގައި ޖަވާބު އެރުވިއެވެ. "يـاأميــر! މިތާނގައި އަދަބު ދެވެނީ ހުސްއެކަނި ކުށްވެރިވެގެންނެއް ނޫން. އޭނާއަކީވެސް ޙައްޤުގެ އަޑު އުފުލުމުގެ ކުށުގައި އަދަބު ދެވުނު އެތަކެއްހާސް ޒުވާނުންގެ ތެރޭގައި ހިމެނޭ ޒުވާނެއް."

މުސްކުޅިޔާގެ ޖޯޝާއި ފޯރި މިހާރު މައިތިރިވެއްޖެއެވެ. އޭނާ މިހާރު ހަމައެކަނި ގިސްލަގިސްލައިފައި ރޮނީއެވެ.

أميـر يـوسف ފެންކަޅިފުޅުވެފައި ވިދާޅުވިއެވެ. "މަންމާ! އަޅުގަނޑަކީ މަންމަގެ ދަރިފުޅު!"

أميـر يـوسف ފުލުސް އޮފިސަރާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "މީނާ މިރަށުގެ މޭޔަރގެ އަރިހަށް ގެންދޭ! އޭނާއަށް ދަންނަވާ! އަހަރެން ދެންނެވިޔޭ މީނާގެ ދިރިއުޅުމުގެ ހުރިހައިކަމެއް ހަމަޖައްސަވާށޭ. މީނާއަށް އަހަރެންގެ ފަރާތުން ރަނގަޅު ޕެންޝަނެއް ލިބެމުންދާނެ!"

* * * * * * * * * * *

أميـر يـوسف ގެ ލަޝްކަރު އެގާރަވަނަޔަށްވީ ދުވަހު އިޝްބީލިއްޔާ ދަތުރު ފަށާގޮތަށްވަނީ ހަމަޖެހިފައެވެ. سعد ވަރަށް ފަތިހާ ميـمــونـة އަށް ހެޔޮ ދުޢާ ކުރައްވައިފައި މުޢަސްކަރަށް ވަޑައިގެންފިއެވެ. ميـمــونـة ފަތިސްނަމާދު ކުރައްވައިގެން المـــاس އާއި އޭނާގެ ޚާދިމާއާ ގޮވައިގެން ޣަރުނާޠާއަށް ވަޑައިގަންނަވަން ބައްގީއަށް އަރައިވަޑައިގެންފިއެވެ. ރަށްބޭރަށް ނުކުމެވި ހަތަރު އަނގޮޅިޔަކާ ހަމަޔަށް އާދެވުމުން المـــاس ބައްގީ ހުއްޓައިފިއެވެ. އޭނާ ميـمــونـة އަށް ދެންނެވިއެވެ. "ކަނބުލޯ! ލަޝްކަރު އަދި އޮތީ ފަހަތުގައި. ލަޝްކަރު ދަތުރުކުރާނީ ވާތްފަރާތުން އެފެންނަ މަގުން."

ميـمــونـة ލަދުފުޅުން އިންނަވައި ވިދާޅުވިއެވެ. "ވަރަށް ރަނގަޅު! المـــاس ބޮޑުބޭބެ މަޑުކޮށްލާ! އަހަރެމެން ދާނީ އޭނާގެ ލަޝްކަރު ދެކެލައިފައި!"

ميـمــونـة ގަޑިޔެއްހައިއިރު އިންތިޒާރު ކުރެއްވުމަށްފަހު ސުވާލު ކުރެއްވިއެވެ. "المـــاس ބޭބޭ! ލަޝްކަރު އަންނާނީ މިމަގުންކަން ޔަގީންތަ؟"

"ކަނބުލޯ! އެލަޝްކަރަށް ދަތުރު ކުރެވޭނެ އެހެން މަގެއް ނޯންނާނެ!"

المـــاس އިރުކޮޅެއްގެ ފަހުން ހަޅޭއްލަވައިގެންފައި ބުންޏެވެ. "ބައްލަވާ! ކަނބުލޯ. ލަޝްކަރު މިއަންނަނީ!"

ميـمــونـة ބައްގީގެ ކުޑަދޮރުގެ ތުނި ފަރުދާގެ ތެރެއިން މަގުމަތި ބައްލަވަން ފައްޓަވައިފިއެވެ. އިސްލަޝްކަރުގެ އެންމެ ކުރީގައި އަސްމަތީގައި އިންނަވައި ލަޝްކަރަށް އިރުޝާދު ދެއްވަމުން ގެންދަވާ ކޮމާންޑަރުގެ ދަގަނޑު ދަހަނާއާއި ދަގަނޑު ތާކިހާ އަވީގެ ތެރޭގައި ވިދާ މަންޒަރު ފެނިވަޑައިގެންނެވުމުން ميـمــونـة ގެ ހިތްޕުޅު އުފާފުޅުން ނެއްޓެވެން ފަށައިފިއެވެ. އޭނާ ވިދާޅުވިއެވެ. "المـــاس ބޭބޭ! އޭނާއަށް ގޮވައި އޭނާ މިދިމާޔަށް ސަމާލު ނުކުރުވާތި!"

المـــاس ޖަވާބު ދިނެވެ. "ކަނބުލޯ! سعد ގެ ލޯފުޅު ބާޒެއްގެ ލޮލަށްވުރެ މާތޫނުވާނެ!"

أميـر يـوسف ގެ އިސްލަޝްކަރު އެކުލެވިފައިވަނީ އެފުރިކާގެ ކަޅު ނަސްލުގެ މީހުންގެ މައްޗަށެވެ. އިސްލަޝްކަރު ހަތަރު އަނގޮޅީ ކަންމައްޗަށް އައުމާއެކު އިސްލަޝްކަރުގެ ކޮމާންޑަރ އޭނާގެ އަސް މަޑުކުރައްވައިފިއެވެ. އޭނާގެ ފަހަތްޕުޅުން އަންނަ އަސްވާރުންނަށް އެންގެވުންތަކެއް އެންގެވުމަށްފަހު ލަޝްކަރުގެ ކުރިމަތީން އޭނާގެ އަސް އެއްފަރާތްކޮށްލައްވައިފިއެވެ. އިސްލަޝްކަރު އަނބުރައިލީ ވާތްފަރާތަށްދާ މަގާ ދިމާޔަށެވެ. ދަގަނޑު ދަހަނާގައި އިންނެވި ސަވާރު އޭނާގެ އަސް އަނބުރައިލައްވައިފައި ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ބައްގީގެ ކައިރިޔަށް ވަޑައިގެން ވިދާޅުވިއެވެ. "المـــاس ބޭބޭ! އަދިވެސް މިތާނގައި ތިބީތަ؟" އޭނާ އަސް މަޑުކުރައްވަމުން ވިދާޅުވިއެވެ.

المـــاس ދެންނެވިއެވެ. "ދަރިފުޅުގެ ލަޝްކަރު ދެކެލައިފައި ދާންވެގެން އަޅުގަނޑުމެން މަޑުކޮށްލީ!"

ميـمــونـة ކިޑިކީގެ ފަރުދާ ކައްސަވައިލައްވައިފައި ބޭރު ބައްލަވައިލައްވަމުން އޭނާގެ ފިރިކަލުންގެ އަރިހުގައި ވިދާޅުވިއެވެ. "އަޅުގަނޑު ހީކޮށްގެން މިއިނީ ކަލާ އަޅުގަނޑުމެންނަށް ސަމާލުކަމެއް ނުދެއްވާނެކަމަށް!"

سعد ހިނިފުޅު ވަޑުވައިލެއްވިއެވެ. "ކަލާގެ ޚިޔާލުފުޅު ރަނގަޅެއް ނޫން. ތިޔަބޭފުޅުން މަގުމަތީގައި މަޑުކުރައްވާނެކަމަށް އަޅުގަނޑުގެ ހިތް ހެކިދޭ."

އިރުކޮޅެއްވަންދެން ދެބޭފުޅުން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވަން ތިއްބެވިއެވެ. ميـمــونـة އިރުކޮޅަކުން ވިދާޅުވިއެވެ. ކަލާގެ ވަގުތު ނަންގަވައިނުލައްވާ! އަވަހަށް ވަޑައިގަންނަވާ!"

"إنشـاءاللّـه އަޅުގަނޑު ވަރަށް އަވަހަށް އެބައަންނަން ميـمــونـة!" سعد އެހެން ވިދާޅުވެފައި އޭނާގެ އަސް އަނބުރައިލައްވައިފިއެވެ.

ميـمــونـة ބެދިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "މާތް اللّـه ކަލާއަށް ފަތަޙަ ދެއްވާށި!"

ميـمــونـة އެތައް އިރެއްވަންދެން ލަޝްކަރު ފާސްވެގެންދާތަން ބައްލަވަން އިންނެވިއެވެ.

المـــاس އޭނާއަށް ލަޝްކަރުގެ އެކިއެކި ގެމަތަކާއި އެ ގެމަތަކުގެ ކޮމާންޑަރުންގެ ނަންފުޅުތައް ދަންނަވަމުން ގެންދިޔައެވެ. އޭގެތެރޭގައި ހިމެނެނީ ކަޅުމީހުންނާއި ދޮންމީހުންނާއި އޮޅަލިމީހުންގެ މައްޗަށް އެކުލެވޭ ޤަބީލާތަކުގެ ސިފައިންނެވެ. އެބައިމީހުންގެ ހެދުން ތަފާތެވެ. މޮށެއުޅޭ ބަސް ތަފާތެވެ. އެކަމަކު އެބައިމީހުންގެ ދީނަކީ އެއްދީނެކެވެ. އެދީނުގެ ނާމޫސާ ރައްކާތެރިކުރުމަށްޓަކައި އެ އެންމެން އެތިބީ އެކަތިގަނޑަކަށް ވެގެންނެވެ. އެބައިމީހުން ބޮލުގައި ކަފުން ބަނދެގެން މާޗުކުރަމުން އެގެންދަނީ އެއް ޢަޒުމެއްގައެވެ. އިސްލަޝްކަރުގެ ފަހަތުން ވަޑައިގެންނެވީ ޤައުމެއްގެ ފެތެމުންދާ ނައު ސަލާމަތުގެ އައްސޭރިއަކަށް ލައްޕައިދެއްވުމަށްޓަކައި ޤުދުރަތުން އިންތިޚާބު ކުރައްވައިފައިވާ މަތިވެރި ބަޠަލެވެ.

المـــاس ހަޅޭއްލަވައިގަތެވެ. "ކަނބުލޯ! ބައްލަވާ މިވަޑައިގަންނަވަނީ أميـر يـوسف!"

ميـمــونـة އޭނާގެ ހިތްޕުޅުން ވިދާޅުވިއެވެ. "އަންދަލުސުގެ މުޙުސިނެވެ! މިއަދު އަޅުގަނޑުގެ ޤައުމުގެ އެތައްލައްކަ އަންހެންދަރީން އެތިބީ މަނިކުފާނު ވަޑައިގަންނަވާ މަގު ބަލަބަލައެވެ. މާތް اللّـه މަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅުފުޅަކަށް އެކަލާނގެ ރަޙުމަތް ބާވައިލައްވާށިއެވެ!"

المـــاس ދެންނެވިއެވެ. "ކަނބުލޯ! މިފަރާތް ބައްލަވާ! މިވަޑައިގަންނަވަނީ سيـر بن أبى بـكـر!

سعد ގެ އެންމެ ގާތް ރަޙުމަތްތެރިޔާ! މުރާކިޝްގެ ކޮންމެ ސިފައިންގެ މީހެއް އޭނާއާމެދު ފަޚުރުވެރިވޭ!"

ميـمــونـة ގެ ހިތްޕުޅުން ދުޢާފުޅު ކުރެއްވުނެވެ. "އަޅުގަނޑުގެ އަޚާ! މާތް اللّـه ތިބާ ޙިމާޔަތްކުރައްވައި ނަޞްރުވެރި ކުރެއްވުމުގައި ވޮޑިގެންވާށި!"

المـــاس، ميـمــونـة އަށް ދެންނެވިއެވެ. "ކަނބުލޯ! މުޅި ލަޝްކަރު ބަލަން ވަރަށް ގިނައިރުވާނެ. ކަނބުލޮ ޣަރުނާޠާއަށް ގެންގޮސްފައި ބޮޑުބޭބެވެސް މުޖާހިދުންނާ ބައިވެރިވާން ބޭނުން!" ميـمــونـة ވިދާޅުވިއެވެ. "އެންމެ ރަނގަޅު! ހިނގާ ދަމާ!"

المـــاس އަސްތަކުގައި ހަންމުށި އަޅައިފިއެވެ. ބައްގީ ވަޔާ ވާހަކަ ގޮވާން ފަށައިފިއެވެ.

(ނުނިމޭ)