ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިހާބު އަންނަ މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބުގައި ވޯޓުލެވޭނީ ދާއިރާތަކުގައި ހިމެނޭ އެ ޕާޓީގެ އާންމު މެންބަރުންނަށް ކަމަށެވެ. އެ އިންތިހާބުގައި ވޯޓުލެވޭނީ އިއްޔެގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ. މިކަމާ ގުޅިގެން އެމްޑީޕީން ވަނީ މިއަދު 14:00އިން އިންތިހާބުގެ ނިޔަލަށް މެންބާޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.
މި އިންތިހާބުގައި އެ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ޕްރޮވިންސްތަކުގެ ރައީސުންގެ އިތުރުން ހިންގާ ކޮމިޓީތައް އިންތިހާބު ކުރާނެއެވެ. ދާއިރާ ރައީސުންނާއި ޕްރޮވިންސްތަކުގެ ރައީސުންނަށް އެޕާޓީގެ ގައުމީ މަޖިލީހުން ޖާގަ ލިބިގެންދާނެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އެކުލެވިގެންވަނީ 147 މެންބަރުންގެ މައްޗަށެވެ. އެ މަޖިލީހަކީ އެމްޑީޕީގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ މަޖިލީހެވެ.
އެންމެ ފަހުން އެމްޑީޕީން އެ ޕާޓީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު