ތ. ވޭމަންޑޫން 50 މީހުން އަދި އދ. މާމިގިލިން 65 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ވޭމަންޑޫން މާލެ ގެނައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ބަލިވެގެން ދެއްކި ދެ މީހުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އަދިވެސް ބައެއް ރަށްރަށުގައި ބޮޑެތި އައުޓް ބްރޭކްތައް ކުރިއަށްދާ ކަމަށެވެ.

އޭގެ ތެރެއިން ވޭމަންޑޫން ފެނިފައިވާ ކޮވިޑު ކުލަސްޓާ މިދިޔަ ދެ ދުވަހުގެ ތެރޭގައި ޖުމުލަ 21 މީހަކު ޕޮޒިޓިވްވެ، ޖުމުލަ އަދަދު 50 މީހުން އަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.

ވޭމަންޑޫ ކުލަސްޓާއާ ގުޅުން ހުރި ދެ މީހަކު ޕޮޒިޓިވްވެ، ތ. މަޑިފުއްޓާއި އެ އަތޮޅު އޮމަދޫވެސް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މާމިގިލިން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެއީ މާމިގިލީގައި ލޯންޗު ކެޕްޓަނަކަށް މަސައްކަތް ކުރާ މީހެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ރޯގާ ޖެހި ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން، ހެދި ކޮވިޑު ޓެސްޓުންނެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މާމިގިލިން މިހާތަނަށް ޖުމުލަ 65 ކޭސް ފެނިފައިވާ ކަމަށެވެ. އެގޮތުން އެރަށުން މިދިޔަ ދެ ދުވަހުގެ ތެރޭގައި އެރަށުން 10 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވިއެވެ.