އުންމީދުތަކަކާއި ފޮނިހުވަފެން ތަކެއް ދެކި އެކަންތައްތައް ހާސިލު ކުރުމަށް ކެނޑިނޭޅި ބުރަކޮށް މަސައްކަތް ކުރަމުން ދަނިކޮށް ވެއްޓުނު އަނދަވަޅުން ނޭރޭނެ ކަމަށް ބަޔަކު ބުނަމުން ދިޔަ ނަމަވެސް ނޫސްވެރިޔާ އަދި މަޝްހޫރު ޕްރެޒެންޓަރު ސާއިދު އަހްމަދު އެކަން ގަބޫލެއް ނުކުރެއެވެ. އުންމީދެއް އޮތިއްޔާ އަލިކަމެއް ވާނެ ކަމަށް އޭނާ އަބަދުވެސް ގަބޫލުކުރެ އެވެ. ބަޔަކު އޭނާއާ މެދު އުންމީދު ކަނޑާލި ނަމަވެސް ހިތްވަރާއި އަޒުމާ އެކު ސާއިދު ދައްކަނީ ދިރިތިބީންނަށް ނަމޫނާ އެކެވެ.
ދޫ ހަލުވި ޖޯރު ހުރި މޮޅެ ކޮމަންޓޭޓަރެއްގެ ގޮތުގައި، ގިނަ މީހުނަށް ސާއިދު އެނގުނު ނަމަވެސް މިހާ ހިސާބަށް އައުމަށް އޭނާ ވީ ގުރުބާނީ ގިނަ ބަޔަކަށް ނޭނގޭނެ އެވެ. ސަން އެފްއެމްގެ ވަޒީފާއަށް ޖެހި ޖެހިގެން ތިން ވަނަ ފަހަރު ކުރިމަތިލުމުން އޭރު އެތަނުގެ ސީއީއޯ އަދި މިހާރު ވަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާނު އަލީ ސާއިދުއަށް ވަޒީފާ ހަމަޖައްސައިދެއްވީ ގޮތް ދޫނުކުރުމުން ލިބުނު އުންމީދެއްގެ ސަބަބުންނެވެ. އެ ފުރުސަތު ދެއްވަމުން ސިނާން އެއިރު ސާއިދުއަށް ވިދާޅުވީ، ގޮތް ދޫނުކޮށް ކޮންމެ ފަހަރަކު ސިޓީ ތި ލަނީ ހިތްވަރެއް ހުރެގެން ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި ގާބިލުކަން ދައްކަން ފުރުސަތެއް ދެއްވާ ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ހިނފައި އޭނާ އަކީ ސަން ގެ ޓީމަށް މުހިންމު އެސެޓެއްގެ ގޮތުގައި ސާއިދު ސާބިތު ކޮށްދިނެވެ.
އެއީ 2009 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހެވެ. އޭރު ސާއިދު އުމުރުން ވާނީ 22 އަހަރެވެ.
"އަޅުގަނޑަށް އިއުލާނެއްގައި އެއްދުވަހަކު ފެންނަނީ ސަން އެފްއެމްއިން ވަޒީފާތަކެއް އިއުލާނުކޮށްފައި ވަނިކޮށް. ދެން އަޅުގަނޑަކީ ސްކޫލް ދައުރުގައިވެސް ޕްރޮގްރާމްތައް ހުށަހަޅައި ޕްރޮގްރާމްތައް އުފައްދައި ހަބަރު ކިޔާ މިގޮތަށް އުޅޭ ހިތްވާ މީހެއް. ދެން އަޅުގަނޑު ފުރަތަމަ އިންޓަވިއު ފުރަތަމަ ފަހަރު އިއުލާނު ކޮށްގެން ވެސް ކާމިޔާބެއް ނުވި. އަޅުގަނޑު ހިތަށް އެރި އެހިސާބަކުން ހުއްޓައެއް ނުލާނަމޭ ދެވަނަ ފަހަރު އިއުލާނުކުރީމަ ވެސް އެޕްލައި ކުރިން. އެފަހަރަކު ވެސް އަޅުގަނޑަކަށް ކާމިޔާބެއް ނުވި. އަނެއްކާ ތިން ވަނަ ފަހަރު އިއުލާނުކުރީމަ ތިން ވަނަ ފަހަރު ވެސް ކުރިމަތިލިން. ތިން ވަނަ އިންޓަވިއުގައި އޭރު ސީއީއޯ އަދި މިހާރު ވަން މީޑިއާގެ ސީއީއޯ ސިނާނު އަލީ އަޅުގަނޑު ކައިރީގައި ބުނީ ވަރުބަލި ވުމެއް ނެތި، އުއްމީދު ކަނޑައިލުމެއް ނެތި ތިން ވަނަ ފަހަރަށް ވެސް ވަޒީފާއަށް ކުރިމަތިލީމަ ތިމަންނާ ވަރަށް އެޕްރިޝިއޭޓް ކުރަމޭ. ހުއްޓާ ނުލައި އެއްއަޒުމެއްގައި ކާމިޔާބު ކުރުމަށް ތިހާ ހިތްވަރާ އެކު މަސައްކަތްކުރީތީ އަޖުމަ ބަލައިލަން ވެސް ނަގާނަމޭ. އެހެން ކިޔާފަ ފުރުސަތު ދެއްވީ،" ސާއިދު އޭނާގެ ހަޔާތުގެ ވާހަކަތައް ކިޔައިދޭން ފަށަމުން ބުންޏެވެ.
މައިކު ކުރިމަތީގައި ވާހަކަ ދައްކާލައި ދޫ ފަރިތަ މީހަކަށް ސާއިދުވީ ނަމަވެސް މިހާ ހިސާބަށް އައިސްފައިވަނީ ގިނަ ގޮންޖެހުންތަކެއް ގިރާ ކުރުމަށްފަހުގައި ކަން އޭނާ ފާހަގަކުރެ އެވެ. އަދި އެކަމުގައި ފޮންޏާއި ހިތި ތަޖުރިބާތަކެއް ވެސް ވަނީ ކޮށްފަ އެވެ
"އުންމީދު ކުރި ގޮތަށް ކަންކަން ދިމާވާން ފެށީ ވެސް. އެ ގޮން ޖެހުންތައް ވަރަށް ބައިވަރު. ރާއްޖޭގެ މަޝްހޫރު ޕްރޮޑިއުސަރެއްގެ ފަރާތުން ވެސް ވަރަށް ބޮޑަށް މަލާމާތްވެސް ރައްދުވި. ފުރަތަމަ އިންޓަވިއުއަކަށް ގުޅާލީމަ ވެސް ދެން ފަހުން ދެވަނަ ފަހަރު ގުޅާލީމަ ވެސް ދިން ޖަވާބުން އޭރު ތަންކޮޅެއް ދެރަވި،"
އެހެން ނަމަވެސް އެ ކުރިމަތިވި ކަންތައްތަކުން ހިތްވަރު އެލުވަައި ނުލައި ކުރިއަށް ދިޔަކަން ފާހަގަކޮށް ސާއިދު ބުނީ، ނާކާމިޔާބީ އަކީ އޮންނަ އެއްޗެއްކަން އޭރުވެސް ގަބޫލު ކުރި ކަމަށާއި އެކަމަކު ކާމިޔާބު ވާނެ ކަމުގެ އުއްމީދު އަބަދުވެސް އޮންނަ ކަމަށެވެ. ނަތީޖާއަކަށް ވީ އޭނާ ފުރަތަމަ ވަޒީފާ އަދާކުރި ތަނުން ވަކި ވުމުގެ ކުރިން އެއްކަލަ މަޝްހޫރު މޮޅު ޕްރޮޑިއުސަރާ އެކު ޝޯއެއް ވެސް ހުށަހެޅުމުގެ ފުރުސަތު ލިބުމެވެ.
"އެ މަސައްކަތް ފެށީ ވަރަށް ކުރާ ހިތުން އަޒުމެއް އޮވެ އެ ކާމިޔާބު ކުރުމުގެ މަގުސަދުގައި. އިރާދަކުރެއްވީތީ މިއަދު ދިވެހިރާއްޖޭގައި ރޭޑިއޯ ކޮމެންޓްރީ ދޭން ހުރި ހަމަ އެކަނި ކޮމެންޓޭޓަރަކީ އަޅުގަނޑު،" ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވަޒީފާ އަދާކުރަމުން އަންނަ ސާއިދު ބުންޏެވެ.
އެކަމާ ފަހުރުވެރިވާ ހާލު ދެރަވެސް ވާ ކަމަށް ސާއިދު ބުންޏެވެ. ސަބަބަކީ އެ ދާއިރާއަށް އާ ކުދިން ނުވަންނާތީ ކަމަށެވެ. އާ ވިސްނުންތަކަކާއި އާ ހުނަރުތަކެއް ނުފެންނާތީ އެވެ.
ދިރުއުޅުމާ މެދު ފޮނި ހުވަފެންތަކެއް ދެކެމުން އައި ސާއިދުގެ ހަޔާތައް ބޮޑު ތޫފާނެއް ގެނައި ހަބަރު އޭނާއަށް ލިބުނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ހަބަރުތައް ދިވެހިންނަށް ގެނައިސްދިނުމަށް ބުރަކޮށް އުޅެމުން ދަނިކޮށެވެ.
"އެ މަސައްކަތް ކުރަމުން ދިޔައިރު ވެސް އަޅުގަނޑުގެ ހަށިގަނޑުގައި ހުންނަ ވަރުބަލިކަން އިހުސާސް ކުރެވޭ. ވަރުދެރަވާ ކަން އިހުސާސް ކުރެވޭ. ބައެއް ދުވަސް ދުވަހު ނުކެވިދާކަން އިހުސާސް ކުރެވޭ. އޭރުވެސް އަޅުގަނޑަކީ ވަރަށް ބުރަކޮށް މަސައްކަތްކުރަން ބޭނުންވާ މީހެއް،" ސާއިދު ކިޔައިދިނެވެ.
ސާއިދު ގަބޫލުކުރާ ގޮތުގައި ކާމިޔާބީއާ ހަމައަށް ދިއުމަށް ބުރަކޮށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހަށިގަނޑަށް އިހުސާސް ކުރެވުނު ވަރުބަލި ކަމަކީ އެގޮތަށް ބުރަކޮށް އުޅުމުން ދިމާވާ ކަމެއް ކަމަށް އޭނާއަށް ހީކޮށްގެން ހުރެވުނެވެ. ނަމަވެސް މިފަހަރު ކަން ދިމާވީ އޭނާ މީގެ ކުރިން ދުވަހަކު ވެސް އުންމީދުކޮށްގެން ހުރި ގޮތަކަށް ނޫނެވެ.
"އޭޑީކޭއަށް އަޅުގަނޑު ދިޔައީ ކުޑަކަމުދާއިރު ލޭ އަންނާތީވެ. ދެން އަޅުގަނޑު ދިޔަތަނާހެން އެޑްމިޓް ކުރީ. އެޑްމިޓްކޮށްފައި ދެތިން ހަތަރު ގަޑިއިރު ފަހުން ޑޮކްޓަރު އަޅުގަނޑަށް ދިން މެސެޖަކީ އަޅުގަނޑުމީ ފިޓް މީހެއް ނޫނޭ. ތިމަންނަ ވަރަށް ދެރަވާ ހަބަރެކޭ ދޭންވެސް މި އޮތީ. ފެންނަ ފެނުމަށް ކިތަންމެ ފިޓްކޮށް ހުއްޓަސް އަޅުގަނޑުގެ ދެ ކިޑްނީ މަސައްކަތެއް ނުވެއް ކުރެއޭ،" އަސަރާ އެކު ސާއިދު ކިޔައިދިނެވެ.
ކުއްލި އަކަށް ލިބުނު ހިތާމަވެރި ހަބަރާ އެކު އޭނާގެ މުޅި ހަޔާތް އަނދިރިވެ، އޮޔާދާހެން ހީވި ނަމަވެސް ސާއިިދު އުންމީދު ކަނޑައެއް ނުލައެވެ.
"ފުރަތަމަ ވެސް ހަމަ ދިރިއުޅުން ހުއްޓުނު ކަހަލަ އަޅުގަނޑަށް އިނގޭތޯ. ދެން ކުރިމަތިވާނީ ކޮންކަހަލަ ގޮންޖެހުންތަކެއް ކަމެއް ހަގީގަތުގައި އަޅުގަނޑަށް އިހްސާސެއް ވެސް ނުކުރެވޭ. ކިޑްނީ ބައްޔަކީ ކޮބައިކަމެއް ފުރަތަމައިނުން ކިޑްނީއަކީ ކޮބައިކަމެއް އަޅުގަނޑަށް ހަގީގަތުގައި ނޭނގި އޭރު ބައްޔާއި ކުރިމަތިލީ ވެސް،"
އެ ދުވަހު އޭނާ އަޒުމް ކަނޑައެޅީ ކިޑްނީ ބައްޔާ ބެހޭ ގޮތުން އުނގެނި އެކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށެވެ. އަމިއްލަ ނަފުސަށް އެ ވައުދު އެ ދުވަހުވި އެވެ. އެގޮތުން އަމިއްލައަށް ބަލައި ދިރާސާކޮށް ޑޮކްޓަރުން ކައިރިން އަހައި އޮޅުން ފިލުވައިގެން މިއަދު ކިޑްނީ ބައްޔާ ގުޅޭ އެތައް މައުލޫމާތެއް އެއްކޮށްފައިވާ ކަމަށް ސާއިދު ބުންޏެވެ. އޭނާއަށް އެނގި ހުރި އެ މައުލޫމާތުތައް މިއަދު އެތައް ދިވެހިންނަކަށް ކިޔައިދީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެކަން ސާއިދު ފަހުރުވެރިކަމާ އެކު ހިނިތުންވެ ހުރެ ބުންޏެވެ.
"ބަލިވީމަ ބަލިމީހަކަށް ކުރެވޭ އިހުސާސް ބަލި މީހަކަށް ކަންނޭންގެ ކުރެވޭނީ. އާދައިގެ ނޯމަލް މީހަކަށް ނުކުރެވޭނެ. މިއަދުވެސް ފައިތިލަ ސާބިތުކޮށްގެން މި ހުރީ އެ ފަދަ މީހުނަށް ދޭ އުންމީދާ އެކީގައި. އެންމެ ފަހަރަކު ވެސް މި ބަލިވި ބަލިވުމާ އެކީގައި ވެސް އުންމީދެއް ދުލެއް ނުކުރަން. އަޅުގަނޑު މިހާރު މި ބަލީގައި ހަގީގަތުގައި 13 ފަހަރު ވެއްޓިއްޖެ އިނގޭތޯ. 13 ފަހަރު ވެއްޓިއްޖެ. 14 ވަނަ ފަހަރު އަޅުގަނޑު ކޮޅަށް ތެދުވެ މިހުރީ ދިވެހި އެތައް ރައްޔިތުންނެއްގެ އެހީތެރިކަމާއި އެކީގައި،" ސާއިދު ބުންޏެވެ.
އެ ވޭނާއި ކެކުޅުމުގައި ތިން އަހަރު ވެގެންދާއިރު އެވާހަކަތައް ދައްކާ ކޮންމެ ފަހަރަކު ކޮންމެވެސް ބަޔަކު އޭނާގެ ބުރަކަށީގައި އަޅައި ކޮށްޕައި ވައްޓާލާ ކަމަށް ސާއިދު ބުންޏެވެ. ބަލި މީހެއްގެ އިހުސާސް އެފަދަ މީހުންނަށް ނުކުރެވޭތީ ދެރަވާ ކަން ސާއިދު ފާހަގަކުރި އެވެ.
"އެންމެ ފޮނި ހަނދާނަކަށް އަޅުގަނޑަށް އެންމެ ފަހުން މިދިޔަ ހަފުތާގެ އެފްއޭ މޯލްޑިވިސްގެ ފަރާތުން އެ ވެދިން އެހީތެރިކަން. އަޅުގަނޑު އެންމެ އެހީތެރިކަން ބޭނުންވި ވަގުތު ފުޓްބޯޅަ އައިލާއިން ތެދުވި ތެދުވުން އެއީ ހަމަގައިމުވެސް ދުވަހަކުވެސް އަޅުގަނޑު ހަނދާނުން ފިލައިގެން ނުދާނެ ކަމެއް. އެކަމަށްޓަކައި ދިވެހި ފުޓްބޯޅަ އާއިލާއަށް އެފްއޭ މޯލްޑިވަސްއަށް އަދި ކްލަބުތަކުގެ ހިންގުންތެރި ވެރިންނަށް ހަމަ ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،"
އެންމެ ލޯބިވާމީހާއާ އެކު ކުރިއަށް ދިއުމުގެ އުންމީދެއް ނެތްކަން ފާހަގަކޮށް ސާއިދު ބުނީ، ކަޑައްތުކުރަމުން މިދާ ތޫފާނުގެ ތެރެއިން ދެގޮތެއް ނުވާ 'ލޯބިވާ އެކުވެރިއެއް' ކައިރީގައިވާ ކަމަށެވެ. އުންމީދުގެ ހުޅުކޮޅު ނިވުނަ ނުދީ ހިފެހެއްޓުމަށް އެ އެކުވެރިޔާގެ ފަރާތުން ލިބޭ އަޅައިލުމާއި އޯގާތެރިކަމާއި އެހީތެރިކަން ސާއިދު ފާހަގަ ކުރީ ޝުކުރުވެރިކަމާ އެކު އެވެ.
"ބައެއް މީހުންނަކީ އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު އާއިލާ އެ މީހުންނާ އެކީގައި މި ބަލިން ސަލާމަތްވުމަށް ޓަކައި މަސައްކަތްކުރާ މީހުން. އެހެން ނަމަވެސް އަނެއްބައި މީހުންނަކީ ބަލީގެ ވޭނާއި މި އުދާސްތަކުގެ ތެރޭގައި އެކަނިވެރިކަން ތަހައްމަލު ކުރާ މީހުން. މި ހަގީގަތް. މި ހަގީގަތް މިއަދު ގަބޫލު ކުރަން ޖެހޭ،" ލޯބިވާ އެތައް ބަޔަކު ދޫކޮށް ގޮސްފައިވާކަން ފާހަގަކޮށް ފެންކަޅިވެ އިނދެ ސާއިދު ބުންޏެވެ.
ސަމާސާ މަޖާ މިޒާޖެއްގެ ވެރި ސާއިދުގެ މޫނު މަތިން މިއަދު ކޮންމެވެސް ވަރެއްގެ މޮޅިވެރިކަމެއް ފެނުނު ނަމަވެސް އޭނާ އުންމީދު ކަނޑައެއް ނުލައެވެ. މީހުންގެ ނާއުންމީދީ ބަސްތައް އޭނާ ގަބޫލެއް ނުކުރެއެވެ. ބަޔަކު އޭނާއާ މެދު އުންމީދު ކަނޑާލިއަސް އެ ބަލިން ސަލާމަތް ނުވެވޭނެ ކަމަކަށް ސާއިދު ގަބޫލެއް ނުކުރެ އެވެ.
"އިންޝާﷲ އަޅުގަނޑު ވަރަށް އުންމީދު ކުރަން ވަރަށް އަވަހަށް އާންމު ހާލަތަކަށް ރުޖޫއަ ވެ ކުރިންވެސް ތިބޭފުޅުންނާ ހަމައަށް ފެނުނު ހިނިތުންވުމާއި އެކީގައި ގައުމަށް ހިދުމަތް ކުރުމަށް ވަރަށް އަވަހަށް އަނެއްކާ ވެސް ފުރިހަމަ ސިއްހަތެއްގައި އަޅުގަނޑު އެނބުރި އަންނާން،" ސާއިދު ބުންޏެވެ.
"އަޅުގަނޑު މި ބަލިވި ދުވަހުން ފެށިގެން ވެސް އުންމީދެއް ދުލެއް ނުކުރަން،"